އދ. މަޖިލިސް (9 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުގައި ބޭރުމީހުންނަށް ނަފްރަތު ކުރުމާއި އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ބަދުނާމު އެޅުވުންފަދަ ހަސަދައާއި ފިތްނައިގެ ވަރުގަދަ އޮއިވަރެއް ފެތުރެން ފަށާފައިވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓެރޭސް ވިދާޅުވެއްޖެއެވެ.

ގްޓެރޭސް ނެރުއްވި ބަޔާނެއްގައި ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ދުނިޔޭގެ އެތަށް ގައުމެއްގައި ބޭރުމީހުން ދެކެނަފްރަތުވެ އެމީހުންގެ ބޮލުގައި ބަލިފެތުރުމުގެ ޒިންމާ އަޅުވައި އެމީހުން ބޭރުކުރުމަށް ގޮވާލަމުންދާކަން ފާހަގަ ކުރައްވާފައިވެއެވެ.

އަދި ކޮވިޑް-19 އަކީ ގަސްދުގައި ބަޔަކު ފަތުރާފައިވާ ރޯގާއެއްކަމަށްބުނެ ކޮންސްޕިއަރީ ތިއަރީތައް ގަބޫލުކޮށް ހަގީގަތެއްނެތް ވާހަކަތައް ބައެއް ފަރާތްތަކުން ބައިނަލްއަގްޥާމީ މުޖްތަމައަށް ފެންމަތި ކުރުވައި ފިތްނައިގެ ހުޅު ރޯކުރަން ފަށާފައިވާ ކަން ބަޔާން ކުރައްވާފައިވެއެވެ.

މީގެއިތުރުން ބައެއް ގައުމުތަކުގައި ކޮވިޑް-19 ގެ ޒިންމާ އެގައުމުތަކުގެ ބައިމަދު މުސްލިމުންގެ ބޮލުގައި އަޅުވައި މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދާކަމަށްވެސް ގްޓެރޭސް ވިދާޅުވިއެވެ.

ބޭރުގެ ލޭބަރުން

ގްޓެރޭސް މިހެން ވިދާޅުވެފައިވާއިރު ގަލްފުގެ ދެގައުމު ކަމަށްވާ ކުވައިތާ އުމާނުގެ އާންމުން ވަނީ ކޮވިޑް-19 ގެ ޒިންމާ އެދެގައުމުގައި މަސައްކަތްކުރާ ބޭރު ލޭބަރުންގެ ބޮލުގައި އަޅުވައި އެމީހުން ގައުމުން ބޭރުކުރުމަށް ގޮވާލާ އަޑުތައް ގަދަވާން ފަށާފައެވެ. ސިންގަޕޫރުގައިވެސް ވަނީ އެގައުމުގައި މަސައްކަތްކުރާ ލޭބަރުންނަށް ނަފްރަތު ކުރުމުގެ އޮއިވަރެއް ކޮވިޑް-19 އާ ގުޅިގެން އުފެދިފައެވެ. ލުބްނާނުގައވެސްވަނީ ސޫރިޔާގެ ރެފިއުޖީންނާައި ފަލަސްތީނުގެ ރެފިއުޖީންނާމެދު ނަފްރަތުގެ ރޫހެއް އުފެދިފައެވެ.

އަނެއްކޮޅުން އިންޑިއާގެ ހަރުކަށި ފިކުރުގެ ހިންދޫންވަނީ ކޮވިޑް-19 ގެ ޒިންމާ އެގައުމުގެ ބައިމަދު މުސްލިމުންގެ ބޮލުގައި އަޅުވައި މުސްލިމުންނަށް ގޯނާކޮށް އަނިޔާ ކުރުމުގެ ލާއިންސާނީ ހަރަކާތްތަކެއް ފުޅާދާއިރާއެއްގައި ހިންގަން ފަށާފައެވެ.

އިންޑިއާގެ ބައިމަދު މުސްލިމުންނަށް ނަފްރަތު ކުރުމާ އަދި ގޯނާ ކުރުމުގެ ރޫހު އިންޑިޔާގައި އާދަޔާ ޚިލާފަށް ފަތުރަންފަށާފައިވަނީ އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީ ގެ ވެރިކަމުގައެވެ. ބީޖޭޕީ ގެ އިސްވެރިން ބައެއްވެރިން ވަނީ އިންޑިއާގެ މުސްލިމުން ވަޒަނުން ބޭރުކޮށް އެމީހުންގެ ވުޖޫދުވެސް އިންޑިއާއިން ނައްތާލުމަށް އެތަށް ފަހަރަކު ފާޅުގައި ގޮވާލާފައެވެ.

އަދި ބީޖޭޕީ ގެ އަޣްލަބިއްޔަތު އޮންނަ އިންޑިޔާގެ ޕާލަމެންޓުންވަނީ އެގައުމަށް ހިޖްރަކޮށްފެން ދިރިއުޅޭ މީހުންގެ ތެރެއިން މުސްލިމުން ފިޔަވައި އެނޫން މީހުންނަށް ރައްވެހިކަން ދިނުމަށް ނިންމައި މުސްލިމުން ރައްވެހިކަމުގެ ހައްގުން މަހްރޫމް ކުރުމުގެ ގާނޫނެއްވެސް މިދިޔައަހަރު ފާސްކޮށްފައެވެ.

ކޮވިޑް-19 އިންޑިއާގައި ފެތުރެން ފެށުމާއެކު ބީޖޭޕީ ގެ ތާއީދު ލިބިފައިވާ ހަރުކަށި ހިންދޫންގެ ދުއްތުރާ ކުރިޔަށްވުރެވެސް ބޮޑަށް އެގައުމުގެ މުސްލިމުންނަށް ވަނީ ކުރިމަތިވާން ފަށާފައެވެ. މީގެތެރޭގައި މުސްލިމު ބަލިމީހުންނަށް ފަރުވާދޭން ހިންދޫ ހަރުކަށި ވިސްނުމުގެ ޑޮކްޓަރުން ދެކޮޅު ހެދުމާއި ހިންދޫންގެ ބައެއް ހޮސްޕިޓަލްތަކުން މުސްލިމް ބަލިމީހުން ނެރެއެއްލާލުންފަދަ ލާއިންސާނީ އަމަލުތައް ހިންގުން ހިމެނޭކަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުންވަނީ ފާހަގަކޮށްފައެވެ.

ގްޓެރޭސް ގެ ބަޔާނުގައި ބައެއް ގައުމުތަކުގައި ބޭރުމީހުންނަށް ކޮވިޑް-19 ޖެހުމުން އެމީހުންނަށް ފަރުވާދިނުމަށް ދެކޮޅު ހެދުންފަދަ ލާއިންސާނީ އަމަލުތައްވެސް މިހާރު ފެންނަން ފަށާފައިވާކަން ފާހަގަ ކުރައްވައި އެކަންކަމާމެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިފަދަ ކަންކަން ހާމަކުރާ ނޫސްވެރިންނަށާއި އެފަދަ ބޭރުމީހުންނަށް އެހީތެރިވާ ދަރުމަވެރިންނަށްވެސް ބައެއް ގައުމުތަކުގައި ހަމަލާދޭކަން ގްޓެރޭސްގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން ހާމަކުރައްވާފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)