23 Dec 2011, 20:46
ގދ. ތިނަދޫގައި ކާފަ ދަރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކާފަ ހައްޔަރުކޮށް އަދި އެކަން ސިއްރު ކުރި ކަމުގެ ތުހުމަތުގައި ކުޑަ ފިރިހެން ކުއްޖާގެ މަންމަ ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުޑަ ކުއްޖަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ތިނަދޫން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ ކުރީގެ ކަތީބެކެވެ.
"އަންހެނަކާ ފިރިހެނެއް ހައްޔަރު ކުރީ. އިއްޔެ ނޫން އިހަށް ދުވަހު އެކަކު ހައްޔަރު ކުރީ އަނެއް މީހާ ހައްޔަރު ކުރީ މީގެ ދުވަސްކޮޅެއް ކުރިން،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ތިނަދޫން ސަންއާ ވާހަކަ ދެއްކި މީހަކު ބުނީ އުމުރުން ހަ އަހަރުގެ ކުއްޖާއާ އެއްޖިންސުން ގުޅުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކާފަ ހައްޔަރުކޮށް އަދި އެ ކުޑަ ކުއްޖާގެ މަންމަ ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އެކަން ސިއްރު ކުރުމުން ކަމަށެވެ.
ތިނަދޫން ވާހަކަ ދެއްކި އެ މީހާ ބުނީ ކާފަ ދަރިއާއެކު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ކާފަ އާއި ކުއްޖާގެ މަންމަ ހައްޔަރު ކުރީ ކުޑަ ކުއްޖާއާ ޖެންޑާގެ ފަރާތުން ސުވާލު ކުރުމުން އެވާހަކަ އެކުއްޖާ އެމީހުންނަށް ކިޔައި ދިނުމުން ކަމަށެވެ.
ތިނަދޫގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މީގެ ފަސް މަސް ކުރިން ޒުވާނަކު ވަނީ ފުލުހުން ހައްޔަރު ކޮށްފަ އެވެ.