10 May 2020, 12:12
"މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން ޚަލީފާ މިހާރު ހުންނެވީ ޙަލަބުގެ އިމާރިއްޔާގައި. އަދި އަމީރު މުރާދު ވެސް ވީ އަރިހުގައި. އެހެން ނޫންތޯ؟" ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"އާދެ. އެހެންނަމަވެސް އަޅުގަނޑަކީ އެ ދެ ބޭފުޅުންގެ ގާއިމްމަގާމުގައި ހުރި މީހެއް ނޫން. ވަޒީރު ހުންނަވާނެ. ވަޒީރު އަރިހުގައި ވިދާޅުވޭ. ތިޔަ ފަދަ ކަންކަން ހަމަ ޖެއްސެވޭނީ ވަޒީރަށް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ވަޒީރަކީ ތަންކޮޅެއް އުނދަގޫ ބޭފުޅެއް." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ހުއްޓާ ލައްވާ! އެއްވެސް މީހެއްގެ އުނި ސިފައެއްގެ ވާހަކަ އެމީހަކު ނެތީސް އަޅުގަނޑުގެ ކުރިމަތީގައި ދެއްކެވުމަކީ އަޅުގަނޑު ރުހޭ ކަމެއް ނޫން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާން އުޅުނީ ވަޒީރު އަރިހުގައި ދަންނަވާ ކަންކަން ނުނިމި ވަރަށް ދިގުލައިގެން ދެޔޭ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"އަދިވެސް ތިޔަ ދެެއްކެވެނީ ވަޒީރުގެ އުނި ސިފައެއްގެ ވާހަކަ ނޫން ތޯ؟ ތިޔަ ވާހަކަތައް އަޅުގަނޑު ގާތުގައި ވިދާޅުވިޔަސް އަޅުގަނޑަށް ކޮށް ދެވޭނީ ކޮން ކަމެއް ތޯ؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އިއްޒަތްތެރި ގާޒީ! އެއްމެން ވެސް މަނިކުފާނަށް އިހުތިރާމް ކުރޭ. ވީމާ އަޅުގަނޑު ދެންނެވުމުގެ ބަދަލުގައި ވަޒީރުގެ އަރިހުގައި މަނިކުފާނު ވިދާޅުވެއްޖެ ނަމަ އެ ކަން ވާނެކަން ޔަގީން. މަނިކުފާނަކީ ޚަލީފާގެ ޅީދަރިފުޅުގެ ބައްޕަ ވެސް މެ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ހުއްޓާ ލައްވާ! ފުލުހުންގެ ވެރިޔާ!" ގާޒީ ޞަފިއްޔުއްދީނު ތަންކޮޅެއް ބާރަށް ވިދާޅުވިއެވެ.
"އަޅުގަނޑު އެއްވެސް ނުބަޔަކަށް ނޭދެން ސާހިބާ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"މުފްތާޙުގެ ތޮބީއަތު އަޅުގަނޑު ދަންނަން. ނުބައި ވިސްނުމަކުން ތަދުބީރު ކުރާ ބޭފުޅެއް ނޫން ކަން ދަންނަން. އެހެންނޫންނަމަ ތިޔައީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރީމުސް. މުފްތާޙަކީ ހިތަށް އަންނަ އެއްޗެއް މާ ބޮޑު ވިސްނުމަކާ ނުލައި ވިދާޅުވާ ބޭފުޅެއް ކަން އަޅުގަނޑު ހަމަ ރަނގަޅަށް ވެސް ދަންނަން. އަދި އަހަންނަކީ ޚަލީފާގެ ޅީދަރިފުޅުގެ ބައްޕަ ކަން މި ކަހަލަ ކަންކަމުގައި ހަނދާނަށް ގެނެސްގެން ނުވާނެކަން މީގެ ފަހުން ހަނދާން ބަހައްޓަވާތި. އެހެން ނޫނީ އަޅުގަނޑު މި ބަހައްޓާ ގާތްކަން ޖެހޭނީ ރަސްމީ ސިފައަކަށް ބަދަލު ކުރާން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
އެ ވަގުތު ޒަޣުލޫލު އައިސް އެ ތަނަށް ވަނެވެ. އަދި ބުންޏެވެ. "ހޫނު ގަހުވަ! މިހިރީ ސާހިބާ!"
"ކީކޭ؟ އނނ. ގަހުވަ ދޯ! ތި ގަހުވަ ބޯ ހިތެއް މިހާރަކު ނެތް." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ. އަދި ގާޒީ ޞަފިއްޔުއްދީނުގެ އަރިހުން އިޒުނައަށް އެދިވަޑައިގަންނަވަމުން ނުކުމެ ވަޑައިގެންފިއެވެ.
*****
"ސާހިބާ! މި ޖޫސްފޮދު ހިއްޕަވާ! އުފާވެރިކަމާއި ދުޅަހެޔޮޮކަން އިތުރު ވާނެ. އިންޝާ ﷲ." ސުލްޠާން ސަލީމަށް ޖޫސްތަށިކޮޅު ދިއްކޮށްލައްވަމުން އަމީރު މުރާދު ޚާލިދު ވިދާޅުވިއެވެ.
"ދަރިފުޅާ! ޚާލިދު! ޝުކުރިއްޔާ!" ޖޫސްތަށިކޮޅުގައި ހިއްޕަވަމުން ސުލްޠާން ސަލީމް ވިދާޅުވިއެވެ. އެ ތަށިކޮޅު ތުންފަތްޕުޅާ ކައިރިކޮށްލެއްވުމަށް އަތްޕުޅު ހިއްލައިލެއްވި ތަނާ ތަށިކޮޅު އަތްޕުޅުން ދޫވިއެވެ.
"ބައްޕާ! ކިހިނެއް ތޯ ވީ؟" އަމީރު މުރާދު އެއްސެވިއެވެ.
"މާ ބޮޑު ކަމެއް ނުވޭ. މޫނުމައްޗަށް އަނދިރި ވެފައި އަތުން ވަރު ދޫވީ. އެކަމަކު އެބަ ރަނގަޅު ވޭ. އަލްޙަމްދު ލި ﷲ. އެއީ މާ ބޮޑު ކަމެއް ނޫން. އިންޝާ ﷲ." ސުލްޠާން ސަލީމް ވިދާޅުވިއެވެ.
"ބޭސްވެރިޔަކު ގެނައުމަށް މިހާރު މި އަންގަނީ." އަމީރު މުރާދު ވިދާޅުވިއެވެ.
"މަޑު ކުރޭ ދަރިފުޅާ! މިއީ އާދައިގެ ކަމެއް. ބޮޑު ވަރު ވަންޏާ ބޭސްވެރިޔަކު ގެންނާނީ. ދެން މި ދަނީ ކޮޓަރިއަށް. ކުޑަ އިރުކޮޅަކު އޮށޯވެ އޮވެލަނިކޮށް ރަނގަޅު ވެދާނެ." އިސްތިގުބާލު މާލަމުގައި އެ މަނިކުފާނު އިށީނދެ ވަޑައިގެން އިންނެވި ގޮނޑިކޮޅުން ތެދުވެ ވަޑައިގަންނަވަމުން ސުލްޠާން ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑު ދާނަން ބައްޕަގެ އަރިހުގައި ކޮޓަރިއާ ހަމަޔަށް." އަމީރު މުރާދު ވިދާޅުވިއެވެ.
"ނޫން. މި ތަނުގައި މަޑު ކުރޭ. އަދި ވަފްދުތަކާ ބައްދަލު ކުރޭ." ސުލްޠާން ސަލީމް އެ މަނިކުފާނަށް ހާއްސަ ކުރެވިފައި ވާ ކޮޓަރިކޮޅާ ދިމާއަށް ހިނގައިގަންނަވަމުން ވިދާޅުވިއެވެ.
"އާދެ! މަނިކުފާނު ބޭނުންފުޅު ގޮތެއް."
*****
"ކާފާ! ކީރިތި ޤުރްއާނުގެ މުސްހަފުގައި ބިސްމިއާ ނުލައި ފަށައިފައިވާ ސޫރަތަކީ ތައުބާ ސޫރަތް." އަމީރު މުޙައްމަދު ޞަފިއްޔުއްދީީނު ވިދާޅުވިއެވެ.
"ވަރަށް ރަނގަޅު ދަރިފުޅާ! މިއޮތީ ތިޔަ ކާމިޔާބީގެ އިނާމު. ދުނިދަނޑިއަކާއި ދުނި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެކަމަކު މިއީ ހާދަ ކުޑަ ދުނިދަނޑިއެކޭ. އަދި ދުނިތައް ވެސް މިހިރީ ލަކުޑީން. މައުދަނަކުން ހުރި ދުނިތަކެއް ނޫން. އަދި ދުނިތަކުގެ ކޮޅުތައް ވެސް ތޫނެއް ނޫން." ޝަކުވާގެ ރާގެއްގައި އަމީރު މުޙަައްމަދު ވިދާޅުވިއެވެ.
"އެންމެ ފުރަތަމައަށް ތިޔަ ދުނިތަކުން ތަދުރީބު ފައްޓާ! އޭރުން ދަރިފުޅުގެ ތަދުރީބުގެ ވަގުތުގައި އޮޅިގެން ވެސް މީހަކަށް އަނިޔާއެއް ވުމުގެ ފުރުސަތު ކުޑަ ވާނެ. ރަނގަޅަށް ފަރިތަވުމުން ގެނެސްދޭނަން ބޮޑު ދުނިދަނޑިއަކާއި އަސްލު ދުނި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. އަދި އަމީރާ ޞަފާއަށް ގޮވާލައްވާފައި ވިދާޅުވިއެވެ. "ދަރިފުޅާ! ދަރިފުޅު މަސައްކަތެއް ނުކުރަންތަ ކާފަ ހަވާލު ކުރި ސުވާލުގެ ޖަވާބު ހޯދާން."
"ނޫން. ކާފާ! އަޅުގަނޑު ވެސް މަސައްކަތް ކުރިން. އެކަމަކު އަޅުގަނޑަށް ނުފެނުނީ." އަމީރާ ޞަފާ ވިދާޅުވިއެވެ.
"ދަރިފުޅަށް ޖަވާބު ނުހޯދުނު ކަމުގައި ވިޔަސް، ދަރިފުޅު އެ ކަމަށް މަސައްކަތް ކުރީތީ ކާފަ ދަރިފުޅަށް ހަދިޔާއެއް ދޭނަން. އަން. ހިފާ ދަރިފުޅާ!" އެހެން ވިދާޅުވެފައި ދިއްކޮށްލެއްވީ ކުރެހުމަށް ބޭނުން ކުރާ ކުލަތަކެކެވެ.
"މާޝާ ﷲ! ކުރެހުމަށް ބޭނުން ކުރާ ކުލައާއި ކުލަ ޖައްސާ ފިއްސެއް." އަމީރާ ޞަފާ އުފަލުން ވިދާޅުވިއެވެ.
"ބައްޕާ! އަޅުގަނޑަށް އޮތީ ކޮން އެއްޗެއް ތޯ؟ ކޮބައި ތޯ އަޅުގަނޑުގެ ހަދިޔާ." ސަލްމާ ވިދާޅުވިއެވެ.
"ހައް ހައް ހައް... ބައްޕައަށް ދަރިފުޅުގެ މަތީން ހަނދާން ނެތުނީ." ހިނިފުޅުވަޑުވަމުން ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ބައްޕަ ހެޔޮ ހާލުކޮޅުގައި އުފާވެރިކަމާ އެކު ހުންނަވަނިކޮށް ފެނުން ފުދޭ." ސަލްމާ ވިދާޅުވިއެވެ. "ކޮން އިރަކުން ތޯ ވާހަކައިގެ އަނެއް ބައި ކިޔައި ދެއްވާނީ؟ މި ގަޑީގައި ކިޔައި ދެއްވާން ވީ ނޫން ތޯ؟"
"އެންމެ ރަނގަޅު! އިށީނދޭ ހުރިހާ ކުދީން ވެސް. ބައްޕަ ވާހަކަ ކިޔައިދޭނަން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ﷲ ގެ ރަސޫލާގެ އަރިހުގައި ސަހާބީން އިށީނދެ ވަޑައިގެން ތިއްބަވަނިކޮށް އެ ތަނަށް ކަޢުބު ބްނު މާލިކް ދިޔަ. ހަނގުރާމައިގައި ބައިވެރި ނުވެ މަދީނާގައި މަޑު ކުރި އެއްމެން ކަހަލަ ގޮތަކަށް އެ ތަނުގައި ތިބި. އެ ހުރިިހާ އެއްމެން ވެސް ދިޔައީ ކޮންމެވެސް އުޒުރެއް އޮތް ކަމަށް ބުނެ އެ އުޒުރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން."
*****
"އަޅުގަނޑު ހުރީ އަޅުގަނޑުގެ ބޮޑުދައިތަ ބަލަހައްޓާން. އެއީ މުސްކުޅި އަދި ބަލި މީހެއް. އޭނާ ބަލަހައްޓާނެ އެހެން މީހަކު ނެތް." އެ ތަނުން މީހަކު ބުންޏެވެ.
ނަބިއްޔާ ގެންދެވީ އެމީހުންގެ ވާހަކަތައް އައްސަވަމުން އެ މީހުންނަށް ފާފަ ފުއްސެވުން އެދި ދުއާ ކުރައްވަމުންނެވެ. މި ގޮތުން ގޮސް ކަޢުބަށް ވާހަކަ ދެންނެވުމުގެ ފުރުސަތު ލިބުނެވެ.
"އައްސަލާމު ޢަލައިކަ! ސާހިބާ! ﷲ ގެ ރަސޫލާ!"
ކަޢުބު ސަލާމް ދެންނެވުމުން ނަބިއްޔާ ހިނިވަރުނަ ކުރެއްވިއެވެ. އަދި ކަޢުބާ ސުވާލު ކުރެއްވިއެވެ. "ކޮބާ ފަސް ވެ ހުރުމުގެ ސަބަބަކީ؟"
"ﷲ ގެ ރަސޫލާ! ކަލޭގެފާނު ނޫން އެހެން މީހެއްގެ ގާތުގައި ނަމަ ދޮގު ބަހަކުން އުޒުރެއް ދައްކާފައި ދިޔައީމުސް. ނުވަތަ އަހަރެންގެ ނަފްސުގެ ދިފާއުގައި ޖަދަލު ކުރީމުސް." ކަޢުބު ބުންޏެވެ.
އެ ވަގުތު އެ ތަނުން މީހަކު އަބޫޤަތާދާގެ ކަންފަތް ދޮށުގައި ސިއްރުން އެހިއެވެ.
"ތިބާގެ ބޮޑުބޭބެގެ ދަރިފުޅު އެ ކިޔަނީ ކީކޭ ތަ؟"
"މަޑު ކުރޭ! ނިމޭން ދެން. އަހަރެމެން ރަނގަޅަށް އަޑު އެހުމަށް." އަބޫޤަތާދާ ބުންޏެވެ.
"ﷲ ގެ ރަސޫލާ! ﷲ ގަންދީ ދަންނަވަން. ފަސް ވެ ހުރުމަށް ދައްކާނޭ އެއްވެސް އުޒުރެއް އަހަންނަށް ލިބިގެންނެއް ނުވޭ." ކަޢުބު ބުންޏެވެ.
އެ އަޑު އަހާފައި އެއް ބަޔަކު ކަޢުބު ދެކެ ރުޅި އައެވެ. އަދި އަނެެއް ބަޔަކު ކަޢުބުގެ ވާހަކައާ މެދު ހައިރާން ވިއެވެ.
ﷲ ގެ ރަސޫލާ ކަޢުބަށް ވިދާޅުވިއެވެ. "ފަހެ މި މީހާ ތެދު ބުނެފި. ތެދުވެގެން ދޭ! ﷲ ތިބާއާ މެދު ގޮތެއް ނިންމަވާން ދެން."
ރަސޫލާ އެހެން ވިދާޅުވުމުން އެ މަޖިލިސް ދޫ ކޮށްފައި ކަޢުބު ނުކުތެވެ.
*****
އޭގެ އަނެއް ދުވަހެވެ. ކަޢުބު މަގުމަތީން ދަނިކޮށް އަބޫޤަތާދާގެ ކައިރީގައި ހުރި މީހަކު އެހިއެވެ. "މިސްކިތުގައި އިއްޔެ ކީކޭ ތަ ތިޔަ ބުނީ."
"އަހަރެން ބުނީ ތެދު. އަހަރެން ނޫން މީހަކު އެ ފަދަ ގޮތަކަށް ބުނި އަޑު އެހީމު ތަ؟" ކަޢުބު ބުންޏެވެ.
"އާނ. އިބްނު އުމައްޔަތު ވެސް ބުނީ ހަމަ އެހެން. އޭނާ ވެސް އުޒުރެއް ނުދައްކާ." އަބޫޤަތާދާ ބުންޏެވެ.
"އަދި މުރާރަތު ވެސް. އޭނާ ވެސް ފަސް ވެ ހުރުމަކަށް އެއްވެސް ސަބަބެއް ނެތް." އަނެއް މީހާ ބުންޏެވެ.
"އެއީ އެންމެ ރަނގަޅު ސަހާބީންގެ ތެރޭގައި ހިމެނޭ ދެ ބޭކަލުން. އެ ދެ ބޭކަލުން ވެސް ބަދުރުގެ ހަނގުރާމައިގައި ބައިވެރިވެ ވަޑައިގަތް." ކަޢުބުގެ މޫނުމަތީން އުފާވެރިކަން ފާޅުވިއެވެ.
"ކީއްވެ ކުއްލިއަކަށް ތިހާ އުފާ ވީ؟" އަބޫޤަތާދާ އެހިއެވެ.
"އުޒުރެއް ނެތި ފަސް ވެ ހުރުމުގެ ކުށް ކުރީ އަހަރެން އެކަނި ނޫން ކަން އެނގުމުން ހިތަށް ތަސައްލީއެއް ލިބުނީ. އަދި ތެދު ބަސް ބުނި އިތުރު ބަޔަކު ތިބީ ތީ އެ ކަމާ އުފާ ވީ." ކަޢުބު ބުންޏެވެ.
"އެކަމަކު ކަޢުބު! ތިޔަ ކަމަކުން ކަލެއަށް އޮތް އަދަބު ލުޔެއް ނުވާނެ." އަބޫޤަތާދާ ބުންޏެވެ.
"އަހަރެން ކަންބޮޑު ވަނީ ﷲ ގެ ރަސޫލާ އަހަންނަށް ދެއްވާން ވަކި އަދަބެއް ކަނޑަ ނޭޅުއްވީމާ. ކޮން އަދަބެއް ބާ ދެއްވާނީ؟" ކަޢުބު ބުންޏެވެ.
- ނުނިމޭ -