އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ކެމިކަލް ފެކްޓަރީއަކުން ގޭސް ލީކުވެ، 11 މީހުން މަރުވި މައްސަލައިގައި ފެކްޓްރީގެ މެނޭޖަރުންގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.

އިހުމާލުގެ ސަބަބުން ބަޔަކު މަރުވިކަމުގެ ދައުވާ ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ކެމިކަލް ލީކްވެފައިވަނީ ދެކުނު ކޮރެއާގެ އެލްޖީ ކެމިކަލް ކުންފުނިން ހިންގާ ފެކްޓްރީއެއްގައެވެ.

އެ ހާދިސާއާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ބަލިވެ ހޮސްޕިޓަލްތަކަށް ގެންދިޔައިރު އެ ސަރަހައްދުގެ ކައިރި ހިސާބުތަކުން މީހުން ވަނީ އެހެން ހިސާބުތަކަށް ބަދަލުވެސްކޮށްފައެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު އަންހެނުންނާއި ދެ ކުޑަކުދިންގެ އިތުރުން ފަސް ފިރިހެނުން ހިމެނެއެވެ.

އިންޑިއާގެ އޮފިޝަލުން ބުނީ އެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ގިނަ ބަޔަކު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ. އެހެން ނަމަވެސް 120 މީހަކު އަދިވެސް ހޮސްޕިޓަލްގައި އެބަތިއްެވެ. އެމީހުންގެ ހާލު ރަނގަޅެވެ.

ފެކްޓަރީން ގޭސް ލީކުވީ އިންޑިއާ ލޮކްޑައުންކުރުމާ ގުޅިގެން ފެކްޓަރީ ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވަން އުޅުމުގެ ތެރޭގައެވެ.

އެ ހާދިސާއާ ގުޅިގެން އެ ކުންފުނިން ބުނީ އެ ހާދިސާ ހިނގި ގޮތް މިހާރު ބަލަމުންދާ ކަމަށާއި އަދި ބަލިިވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ ފެކްޓަރީން ލީކުވެފައި ވަނީ ޓޭންކުތަކުގައި ރައްކާކޮށްފައި ހުރި ސްޓްއިރިން ގޭހެވެ. އަދި އެ ގޭސް ހަށިގަނޑަށް ވާސިލުވުމުން ބޯއެނބުރުމާއި މޭނުބައިކުރާ ގޮތްވެދާނެ ކަމަށް އެލްޖީ ކެމްއިން ނެރުނު ބަޔާނުގައިވެ އެވެ.

މީގެ ކުރިން 1984 ވަނަ އަހަރު އިންޑިއާގެ ބޯޕާލްގެ ޕެސްޓިސައިޑް ޕްލާންޓަކުން ކެމިކަލް ލީކުވެ އެތައް ހާސް ބަޔަކު މަރުވިއެވެ.

ބީބީސީ