މާލޭގެ ކޮރޯނާވައިރަހުގެ ހާލަތު ގޯސްވަމުން އަންނަ މިންވަރު ބުނެދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާމަކުރެއްވީ ވަރަށް ކަންބޮޑުވާ ހިސާބު ނަމްބަރެކެވެ. އިއްޔެ އެކަނިވެސް ކްލާސްޓާއަކަށް ނިސްބަތްނުވާ 33 ކޭސް މާލެއިން ފެނުނު ކަމެވެ. އެޗްޕީއޭގެ އެކްސްޕާޓުންނާ ހަވާލާދެއްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭގެ މާނައަކީ މާލޭގެ އެކި ސަރަހައްދުތަކަށް މިހާރު ވައިރަސްފެތުރި އަދިވެސް ފެތުރިގެންދާ ކަމުގެ ނިޝާނެއް ކަމެވެ.

އެއްވެސް ކްލާސްޓާއަކަށް ނިސްބަތް ނުވާ 33 ކޭސް އިއްޔެ ފެނުނު އިރު އެންއީއޯސީން މިދިޔަ ހަފްތާގައި އާންމުކުރި މައުލޫމާތުތަކަށް ބަލާއިއިރު، މާލެއިން ފެނުނު އިންޑިޕެންޑެންޓް ކޭސްތަކުގެ އަަދަދު 39 އަށް އެރީ އެވެ. އެކަމަކު އިއްޔެ އަކީ އިންޑިޕެންޑެންޓް ކޭސްތައް ފެނުނު ރެކޯޑް ދުވަހެކެވެ.

މިފަހުން ލަފާކުރެވިފައިވާ ގޮތާ އެއްގޮތަށް އިއްޔެ އަކީ ގިނަ އަދަދަކަށް މާލެއިން ވައިރަހުގެ ކޭސްތައް ރިޕޯޓް ކުރި ދުވަހެކެވެ. ކުރިއަށް އޮތް ދެ ހަފްތާގައި ރާއްޖެއަށް ވަރަށް ބޮޑު "ސާޖް"އަކާ ކުރިމަތިވާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފަ އެވެ.

ގުދުފަތިވަމުން އަންނަ ކަމަށް ހީވުމަށް ފަހު، އިއްޔެ "ސާޖެއް" އައީ 96 ކޭސް އިއްޔެ އެކަނި މާލެއިން ފެނުމާ އެކު އެވެ. އަދި އެޗްޕީއޭއިން އިންޒާރު ކުރި ގޮތަށް ގޭބިސީތަކުގެ ތެރެއަށް ވައިރަސް ފޭދިގެންފައިވާ ކަމުގެ ނިޝާންތައް ވަނީ އިއްޔެގެ ނަމްބަރުތަކުން ފެންނަން ފަށައިފަ އެވެ.

އެގޮތުން ބޭރަށް ނުނެރެ ގޭތެރޭގައި ގެންގުޅޭ އުމުރުފުރާ ކަމަށްވާ، 18 އަހަރުން ދަށުގެ ތިން ކުޑަ ކުދިން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައ ހިމެނެއެވެ.

"މިއަދު [އިއްޔެ] ހާއްސަކޮށް 33 ކޭސް ފެނިފައި މިއޮތި އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް. 33 ކޭސްވީމަ މިއަދު ގަބޫލުކުރަން ޖެހިއްޖެ މުޅި މާލޭގައި އެކި ދިމާތަކުގައި ބަލި ފެތުރިއްޖެ ކަަމަށް،" އިމްރާން ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިއްޔެ މާލެއިން ރިޕޯޓް ކުރި އިންޑިޕެންޑެންޓް ތިން ކޭހާ އެކު، ބަލި ފެތުރޭ މިންވަރު ބޮޑުވެފައިވާކަމުގެ ސިގްނަލް މި ވަނީ ލިބިފަ އެވެ. އެހެންވެ، މިހާރު އަޅާފައި ހުރި ފިޔަވަޅުތައް އިތުރުރަށް ހަރުކަށި ކުރަން ވިސްނާ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް އެ ނިންމުންތައް ނިންމަވާނެ ކަމުގެ އިޝާރާތް މިނިސްޓަރު ދެއްވި އެވެ.

"މިކަމުގެ ނުރައްކާކަމުން، ނާޒުކު ކަމުން ހުރިހާ ރައްޔިތުންވެސް ގަބޫލު ކުރަން އެބަ ޖެހޭ، ހަމަ އެދިމާވާ ގޮތުން [ޑރ. ޝީނާގެ ޕްރޮޖެކްޝަން] މާދަމާވެސް ބަންދުކުރަން ޖެހިދާނެކަން. އެހާލަތާ ގުޅިގެން އެ އަންނަ ބަދަލުތައް އެއީ އަޅުގަނޑުމެން އުދަނގޫކަމާއެކުވެސް ހިތްދަތި ކަމާއެކުވެސް އެއަށް ފޭސްނުކޮށްފިނަމަ، ދެން ދިމާވެދާނެ ގެއްލުން އެއަށްވުރެ ބޮޑު ވެދާނެ،" އިމްރާން ވިދާޅުވި އެވެ.

އެހެންވެ، މާލޭގައި ތާށިވެފައި ތިބި މީހުންގެ ރަށްރަށް ފޮނުވާލުމުގެ މަސައްކަތް ވެސް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ހުއްޓާލީ، މާލެ ތެރެއަށް ވައިރަސް ފެތުރިފައިވާ މާލެއް ބޮޑުކަމުން މިވަގުތު މާލޭގައި ހުރި ކޮންމެ މީހަކު ވައިރަސް ހުރުމުގެ ފުރުސަތު އޮންނާނެ މީހަކަށް ވާތީ ކަމަށެވެ. އަދި އެ މީހުން ރަށަށް ފޮނުވުމުގެ ސަބަބުން ވައިރަސް ރަށްރަށުގައި ފެތުރެން ފަށައިފި ނަމަ އެއީ މާ ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވިދާޅުވި ގޮތުގައި، މި މަސް ނިމޭއިރު ރާއްޖޭގެ ފުރަތަމަ "ސާޖް"އާ ކުރިމަތިލާން ޖެހޭނެ އެވެ. އޭރު ބައްޔަށް ޕޮޒިޓިވް، 1600 އެއްހާ މީހުން އުޅޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެހާލަތައް ދާއިރު އައިސީޔޫތަކަށް ބާރުބޮޑުވާނެކަމަށްވެސް ޑރ. ޝީނާ ވަނީ ވިދާޅުވެފަ އެވެ.

މިހާރުގެ އަންދާޒާތަކުން ރާއްޖެއިން މުޅި ޖުމްލަ 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ. ނަމަވެސް ވައިރަސް ޖެހޭ މީހުންގެ އަދަދު ކުރިން ލަފާ ކުރި އަދަދަށްވުރެ 50 ޕަސަންޓް މަދުވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ، 744 އެވެ. އޭގެ ތެރެއިން 20 މީހަކު ރަނގަޅުވެ، ތިން މީހަކު ވަނީ މަރުވެފަ އެވެ.