23 Dec 2011, 19:55
އަންނަ 2013ގެ ރިޔާސީ އިންތިހާބުގެ ރޭހުގައި ވާދަކުރައްވާ ލީޑަރުން އެ ބޭފުޅުން ދީނީ ކަންކަމުގައި ގެންގުޅުއްވާނެ ގޮތް ނުވަތަ ސިޔާސަތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
މިއަދު ހަވީރުން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާ "ބޮޑު މުޒާހަރާ"ގެ ރައްދުގައި އެމްޑީޕީން މިއަދު އާޓިފިޝަލް ބީޗުގައި ބޭއްވި "މެދުމިނަށް ތާއީދު" މުޒާހަރާގައި ރައީސް ވިދާޅުވީ ދަންނަ ބޭކަލުން ވާހަކަ ދައްކަވަނީ އެކި ގޮތްގޮތަށް ކަމަށާއި އަޑު އަހާނީ ކޮން ދަންނަ ބޭކަލެއްގެ ވާހަކައެއް ކަން އޮޅިވަޑައިގެންފި ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ ރޭހަށް ނުކުންނަވާ އިރު ކޮންމެ ލީޑަރަކު ވެސް ދީނީ ގޮތުން އެ ބޭފުޅުން ގެންގުޅުއްވާނެ ގޮތް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް މިއަދު އޮޅިއްޖެ ކިހިނެއް ކޮން ގޮތަކަށް ވާހަކަ ދައްކާ އިލްމުވެރިއެއްގެ ބަސްކަން އަޑުއަހާނީ. އެހެންވެ އެ ބޭފުޅުން، އެ ލީޑަރުން 2013ގައި ކުރިއަށް ނިކުމެވަޑައިގަތް އެބަ ހާމަކުރަން ޖެހޭ އެ ބޭފުޅުން ދީނީ ކަންކަމުގައި ގެންގުޅުއްވާނެ އުސޫލެއް. ކެރުންތެރިކަމާ އެކު ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގަންނަވަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އިސްލާމްދީނަށް ފުރައްސާރަކުރާ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ސަރުކާރުން ދީނާ ދުރަށް ޖެހޭ ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކަނީ ދީނުގެ ނަމުގައި އަލަށް ތައާރަފުވެފައިވާ ކަންކަމަށް އެ މަނިކުފާނު ތާއީދު ނުކުރާތީ ކަމަށެވެ.
"ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި އަޅުގަނޑުމެންގެ ތެރެއަށް އަލަށް އައިސްފައި. އެއީ މިޔުޒިކު އަޑުނޭހުމާއި ނުވަ އަހަރުގެ ކުދިންނާ އިނުމާއި ޖާރިޔާ އިން ގެންގުޅުން ފަދަ ކަންކަން. އެ ކަންކަމަށް އަޅުގަނޑު ނޭނބުރޭތީ މި ސަރުކާރު ދީނާ ދުރުކަމަށް ބުނަނީ. އެކަމަކު އަޅުގަނޑަށް އެގޮތަށް އެނބުރެވޭ ކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމިއްޔަތު ބައްޓަން ވެގެންދާނެ ގޮތާ މެދު މިވަނީ ސުވާލު އުފެދިފައި ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ މުސްތަގުބަލު ބައްޓަން ކުރަނީ ރައްޔިތުންނަށް އުފާފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޑެފިސިޓް ނޫނީ ދަރަނި 13 ޕަސެންޓުން ނުވަ ޕަސެންޓަށް ތިރިކުރެވި ރާއްޖޭގެ ރައްޔިތުން ދަރަނިން ސަލާމަތް ކުރެވިއްޖެ ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ ރާއްޖޭގެ އިގްތިސޯދު އިސްލާހުކުރެވިފައި. ހަމަމަގަށް އެޅުވި ފުދުންތެރި އިގްތިސޯދެއް ގާއިމްކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
މިއަދުގެ ރޭޑިއޯ ހިތާބުގައި ފާހަގަ ކުރެއްވި ގޮތަށް ރައީސް ވިދާޅުވީ ދީނީ ހުކުމްތައް ތަންފީޒް ކުރުމުގައި ގާނޫނުލް އުގޫބާތު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ މުޒާހަރާ އަށް އެއްވި މީހުންގެ އަދަދުން ދިވެހިން ބޭނުން ވަނީ މެދުމިންކަން އެނގިގެން ހިނގައްޖެ ކަމަށެވެ.
"މިއަދަދުން އަޅުގަނޑަށް އިނގިއްޖެ ދިވެހިން ބޭނުން ވަނީ ކޮން ގޮތެއްކަން. އަދި އަޅުގަނޑު އަމަލުކުރަންވީ ކިހިނެތްކަން. އެއީ މެދުމިން." ރައީސް ނަޝީދު ވިދާޅުވި އެވެ.