މިއަދު ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ހިމެނިއްޖެ އެވެ.

މިރޭ ދަންވަރު 12:00އާ ހަމަށް އެޗްޕީއޭ އިން އާންމު ކުރި މައުލޫމާތައަށް ބަލާއިރު، މިއަދު އެކަނި 96 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭގެޑޭޝްބޯޑުންދައްކާގޮތުން އެމީހުންގެ ތެރޭގައި ތިން ކުޑަ ކުދިން ހިމެނެ އެވެ. އޭގެ ތެރޭގައި ހަތް މަހުގެ ތުއްތު ކުއްޖާގެ އިތުރުން ދެން ހިމެނެނީ، ދެއަހަރުގެ ކުޑަ އަންހެން ކުއްޖެއް އަދި ހަތް އަހަރުގެ އަންހެން ކުއްޖެކެވެ.

ބެލެވޭ ގޮތުގައި ހަތް މަހުގެ ތުއްތު ކުއްޖާ އަކީ، މައިންބަފައިން ދެކޮޅު ހެދުމުން ކޯޓު އަމުރެއް މެދުވެރިކޮށް ސާމްޕަލް ނެގި ކުއްޖާ އެވެ. މިއީ ރާއްޖެެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާ އެވެ.

މީގެ ކުރިން 18 އަހަރުން ދަށުގެ 21 ކުޑަކުދިން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއަދު ޕޮޒިޓިވްވި ތިން ކުޑަ ކުދިންނާއެކު ޖުމްލަ ޕޮޒިޓިވްވި ކުޑަ ކުދިންގެ އަދަދަކީ، 25 އެވެ.

ޕޮޒިޓިވްވި އެހެން ކުޑަ ކުދިންގެ ތަފްސީލް:

ކޭސް 643 - 14 އަހަރު
ކޭސް 570 - 14 އަހަރު
ކޭސް 516 - 11 އަހަރު
ކޭސް 508 - 11 އަހަރު
ކޭސް 505 - 15 އަހަރު
ކޭސް 490 - 16 އަހަރު
ކޭސް 294 - 11 އަހަރު
ކޭސް 293 - 4 އަހަރު
ކޭސް 288 - 8 އަހަރު
ކޭސް 251 - 13 އަހަރު
ކޭސް 175 - 9 އަހަރު
ކޭސް 137 - 17 އަހަރު
ކޭސް 136 - 12 އަހަރު
ކޭސް 125 - 13 އަހަރު
ކޭސް 124 - 17 އަހަރު
ކޭސް 112 - 4 އަހަރު
ކޭސް 82 - 2 އަހަރު
ކޭސް 70 - 12 އަހަރު
ކޭސް 33 - 8 އަހަރު
ކޭސް 25 - 15 އަހަރު
ކޭސް 22 - 2 އަހަރު

މިއަދު ޕޮޒިޓިވްވި އެެހެން މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 22 އަހަރާއި 55 އަހަރުގެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، 18 ދިވެހިންނާއި 78 ބިދޭސީންނެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ، 744 އެވެ. އޭގެ ތެރެއިން 20 މީހަކު ރަނގަޅުވެ، ތިން މީހަކު ވަނީ މަރުވެފަ އެވެ.