09 May 2020, 00:51
މިހާތަނަށް ކޮރޯނާވައިރަސް، ކޮވިޑް19 އަށް ފަސް ފުލުހަކު ޕޮޒިޓިވްވެ، 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓިން ކޮށްފި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި، އެހާ ގިނަ އަދަދެއްގެ ފުލުހުން މަސައްކަތުން މަދުވެގެން ދިޔުމަކީ، ވަރަށް ބޮޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް މި ބަލިމަޑުކަމުން އަރައިގަނެވޭނީ ސިއްހީ ދާއިރާގެ ބޭފުޅުންނާ އެކު، ފުލުހުންނާއި އެނޫންވެސް ކުރީސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އެހީތެރިކަމާ އެކުގައި ކަން ގަބޫލު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ، އެހެން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި ފުލުހުންގެ އަމިއްލަ "ފުރާނަ އަތް މައްޗަށްލައިގެން" ކޮންމެ ފުލުހަކު ކުރާ މަސައްކަތަކީ ހިތުގެ އަޑިން ބަލައިގަންނަ ޖެހޭ މަސައްކަތެއް ކަމަށެވެ.
"ފަސް ފުލުހަކު ޕޮޒިޓިވްވެ، 170 އަށް ވުރެ ގިނަ ފުލުހުން ވަނީ ކަރަންޓިން ކުރެވިފައި. މިއީ ފުލުހުންގެ މަސައްކަތައްވެސް އޮތް ވަރަށް ބޮޑު ޗެލެންޖެއް، ގިނަ އަދަދެއްގެ ފުލުހުުން ކަރަންޓީން ވެގެން ދިޔުން. އަޅުގަނޑުމެންގެ ކުރާ މަސައްކަތުގައި ފޯސް އިން މަދުވާ މަދުވުމަކީ، ވަރަށް ބޮޑު ޗެލެންޖެއް،" އިމްރާން ވިދާޅުވި އެވެ.
ފުލުހުންގެ ތެރެރިން ބަޔަކު ޕޮޒިޓްވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމަށް އިތުރަށް މިހާރުވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ގިނަ ބޭފުޅުން މަސައްކަތް ނިމުމަށް ފަހު އާއިލާ ކައިރީއަށް ނުގޮސް ވަކިން ތިބެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާނެ އެވެ. އަދި އެކަންކަމަށް ފުލުހުންގެ ތެރޭގައި އެސްއޯޕީތައްވެސް ހެދިފައިވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
ފަސް ފުލުހަކު ޕޮޒިޓިވްވިކަން އިމްރާން ހާމަކުރެއްވި ނަމެވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އިމްރާން ހާމައެއް ނުކުރައްވަ އެވެ.
އެންއޯއީސީން މީގެ ކުރިން ނިންމަވާފައިވަނީ ފުލުހުންނާއި ސިފައިން އަދި ސަރުކާރުންގެ އެއްވެސް އިދާރާއަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަކިވަކިން ހާމަ ނުކުރުމަށެވެ. އެގޮތުން އެ ފަރާތްތަކުގެ އަދަދު މިހާރު ހާމަކުރަނީ، "ފޮރޮންޓްލައިން ގައި މަސައްކަތް ކުރައްވާ ބޭފުޅުން" ނުވަތަ ކޮވިޑްއާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ގޮތުގަ އެވެ.
ސިފައިންގެ ތެރެއިން 20 އަށް ވުރެ ގިނަ ސިފައިން ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެެރޭގައި ގިނައީ ހުޅުމާލޭގައި ހަދާ ކޮވިޑް ވިލެޖް ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންނެވެ. މިހާނަށް ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 744 އެވެ.