ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ޓެކްސަސްގައި ކަނޑައަޅާފައިވާ ލޮކްޑައުންއާ ގުޅިގެން ޖަލަށް ލާފައިވާ ސެލޫން އޯނަރު ދޫކުރުމަށް ޓެކްސަސްގެ ގަވަރުނަރު، ލޮކްޑައުންގެ އޯޑަރަށް ބަދަލު ގެނެސް އޭނާ ދޫކޮށްލައިފި އެވެ.

ޓެކްސަސްގެ ޑެލަސްގައި ހުރި ސެލޫން އެއް ކަމަށްވާ ސެލޮން އަ ލަ މޯޑް، ވަނީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ކަންތައްތަކާއި ގަވާއިދުތަކާ ހިލާފަށް އެތަން ހުޅުވާފައި ބަހައްޓާފައެވެ.

އެކަމާ ގުޅިގެން ސެލޫންގެ އޯނަރު ޝެލީ ލޫތާ ވަނީ ހަފްތާއަކަށް ޖަލަށް ލާފައެވެ. އެކަމާ ގުޅިގެން އޭނާ ޖަލަށް ލުމާ މެދު ކޯޓުން ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން ގާޒީ އެންގީ އެކަމާ ގުޅިގެން ޝެލީ މައާފަށް އެދިއްޖެ ނަމަ އޭނާ ދޫކޮށްލާނެ ކަމަށެވެ.

އެންމެ ފަހުން އޭނާ ހަފްތާއަކަށް ޖަލަށް ލާން އެންގުމާއެކު މިހާރު ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވަނީ ލޮކްޑައުން އެންގުމަށް ބަދަލުގެނެސްފަ އެވެ. އެގޮތުން ކޮވިޑް-19 ގެ ލޮކްޑައުންއަށް އަމަލު ނުކުރާ ފަރާތްތަކަށް ޖަލު ހުކުމް އިއްވުން މަނާ ވާނެ ކަމަށް އަލަށް ގެނައި ބަދަލުގައި ވަނީ ބުނެފަ އެވެ.

"އަމިއްލަ އެއްވެސް ކުށެއް ނެތި ވިޔަފާރިތައް ބަންދުކުރަން ޖެހިފައިވާ ފަރާތްތަކުން ޖަލަށް ލާން އެންގުމަކީ އަޅުގަނޑު ބަލައިގަންނާނެ ކަމެއް ނޫން." ގަވަރުނަރު ވިދާޅުވި އެވެ.