08 May 2020, 22:27
މިއީ ޕެންޝަން ފައުންޑުގައި ހުރި ފައިސާ ރައްޔިތުންނަށް އެންމެ މުހިއްމު ދަނޑިވަޅު ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ސަލީމް މިރޭ ކުރެއްވި ޓޫވީޓެއްގައި ވިދާޅުވީ މިހާލަތުގައި ގައުމު ވެސް އަދި ގައުމުގެ އިގްތިސޯދު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ރައްޔިތުން ވެސް ތިބީ ވެންޓިލޭޓަރުގައި ކަމަށާއި މިއީ ޕެންޝަން ފަންޑުގެ ފައިސާ ރައްޔިތުންނަށް އެންމެ މުހިއްމު ދަނޑިވަޅު ކަމަށެވެެ.
ޕެންޝަން ފަންޑަކީ ވަޒީފާ އަދާ ކުރާމީހުންގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓް މުސާރައިން ކެނޑުމަށް ފަހު، އަދި ވަޒީފާ ދޭ ފަރާތުން ވެސް އެ އަދަދަށްވާ ފައިސާ މުވައްޒަފުންގެ ފަރާތުން ޖަމާކުރާ ފަންޑެކެވެ. އުމުރުން 65 އަހަރު ވުމުން އެ ފަންޑުގައި ހުންނަ ފައިސާ ދޭއިރު ރިޓަޔާމެންޓް ފަންޑުގައި ހުރި ފައިސާ އިން ހައްޖަށް ދެވޭނެ އިންތިޒާމާއި ގެދޮރު ގަތުމުގެ އިންތިޒާމު ވެސް އޮވެ އެވެ.
ސަލީމް ކުރެއްވި ޓޫވީޓުގައި ވިދާޅުވީ މި ހާލަތިގައި 65 އަހަރު ވަންދެން [ދުނިޔޭގައި] ހުންނާނެ ކަމުގެ އުއްމީދު އެއްވެސް މީހަކަށް ނެތް ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން އިގްތިސޯދަށް އައިސްފައިވާ ލޮޅުމާ އެކު އެތައް ބަޔެއްގެ ވަޒީފާ ގެއްލި އަތްމަތި ވަނީ ދަތިވެފަ އެވެ. މުސާރަތައް ކުޑަކޮށް، މުސާރަ ނުލިބުމުގެ ސަބަބުން ގޭގެ ކުލި ދެއްކުމާއި އަސާސީ އަދި ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތެއް ނެތް މީހުން ވެސް އެބަތިއްބެވެ. ވަޒީފާ ގެއްލޭ މީހުންނަށް އެހީވުމަށް ސަރުކާރުން ވަނީ ޕެކޭޖެއް ވެސް ތައާރަފު ކޮށްފަ އެވެ.
ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އެކި ގޮތްގޮތުން ލިބެމުން ދިޔަ އާމްދަނީ ދަށްވުމުގެ ސަބަބުން، ޕެންޝަން ފަންޑަށް އެ ފަރާތްތަކުގެ އަތުން ކެނޑި ފައިސާ ލިބޭނެ ގޮތެއް ހެދުމުގެ އަޑު ވަނީ ގަދަވެފަ އެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ސަލީމް ގޮވާލައްވާފައިވާ އިރު، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އިތުރު ހަރަދެއް ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެ ފަންޑުން އެހެން ކަމަކަށް ފައިސާ ނަގާނީ އިތުރު ގޮތެއް ނެތިއްޖެ ނަމަ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ކަމެއް ދިމާވުމުން ފައިސާ ނެގޭ ގޮތަށް މީގެ ކުރިން ޕްރޮވިޑެންޑް ޕަންޑެއް އޮތް ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގައި އޮތީ ޕެންޝަން ފަންޑެއް ކަމަށެވެ. އަދި ޕެންޝަން ފަންޑުން ކުރިއަށް ފައިސާ ނެގުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އާންމު އުސޫލުން ކުރާ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ ޕެންޝަން ފަންޑުގެ ފައިސާ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕެންޝަން ފަންޑުގެ ބޭނުންޖެހިގެން އުޅެނީ އޭގެ ހައްގުވެރިން ކަމަށާއި ރިޓަޔަމަންޓުގެ ކުރިން މިހާރުގެެ ހާލަތު އިސްވާނެ ކަމަށެވެ.