23 Dec 2011, 19:31
"އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި ސުނާމީ ބިނާ ސަރަހައްދުގައި އިދިކޮޅު ޕާޓީތަކާއި ބައެއް މަދަނީ ޖަމިއްޔާތަކުން މިހާރު ބާއްވަމުންދާ މުޒާހަރާ އަށް "ޖަވާބު" ދިނުމުގެ ގޮތުން އެމްޑީޕީން މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި މުޒާހަރާއެއް ބޭއްވައިފި އެވެ.
އެމްޑީޕީގެ "އެންމެ އިސްލީޑަރު" އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރި ވެވަޑައިގެންނެވި އެ މުޒާހަރާ އަށް މީހުން އަންނަމުން ދިޔައީ މީގެ ކުރިން އެމްޑީޕީގެ މުޒާހަރާތަކަށް މީހުން އަންނަހާ އަވަހަށް، އެހާ ގިނަ އަދަދަކަށް ނޫނެވެ. ހަވީރު 4 ޖެހިއިރު ފަށަން އޮތް މުޒާހަރާ، ފެށެން 15 ވަރަކަށް މިނެޓަށް ވީ އިރު ވެސް ހިތްފަސޭހަ މައިދާނަށް މީހުން އެއްވެ، ތޮއް ޖެހެމުން ދިޔަ ތަނެއް ނުފެނުނެވެ.
މުޒާހަރާ ފެށުމުގެ ގޮތުން ވާހަކަ ދެއްކެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ އިބްރާހީމް ރަޝީދު ތަކުރާރުކޮށް ދައްކަވަމުން ގެންދެވީ އެމްޑީޕީގެ ސަރުކާރުން މިހާތަނަށް ހިންގާފައިވާ ބައެއް ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ އާއި އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުން ކޮށްފައިވާ ބައެއް ކަންތައްތަކުގެ ވާހަކަ އެވެ.
"ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން ވެސް އެހާ ބޮޑަށް ބޮނޑިވެވަޑައިނުގެން ފަސޭހަވާނެ ގޮތަކަށް ތިއްބަވާ!" މުޒާހަރާގެ ބައިވެރިންނަށް އިރުޝާދު ދެއްވަމުން އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
ކުޑައިރުކޮޅަކުން ރައީސުލްޖުމްހޫރިއްޔާ މައިދާނަށް އެބަ ވަޑައިގަންނަވާ ކަމުގެ އެނައުންސްމެންޓެއް ވެސް އިވެމުން ދިޔަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަޑައިގަތުމާ އެކު ހިތްފަސޭހަ މައިދާނަށް އެއްވި މީހުންގެ އަދަދު އެތައް ތަނަކުން އިތުރުވެގެން ދިޔަ އެވެ.
ނިސްބަތުން މީހުން މަދު މުޒާހަރާ، ތައާރަފް ކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ގެންދެވި އިބުރާހިމް ރަޝީދުގެ އިތުރުން އެ މުޒާހަރާގައި ވާހަކަ ދެއްކެވި ހަމަ އެކަނި ބޭފުޅަކަށްވީ ރައީސް ނަޝީދެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ބޭއްވި އެ މުޒާހަރާގައި އެމްޑީޕީގެ ހައިބަތު ހުރި ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ބައިވެރިވެޑައިގެންފައި ނުވިޔަސް، ރައީސް ނަޝީދު މުޒާހަރާގައި ބައިވެރިވެވަޑައިގަތުމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ވަޑައިގެން ރައީސް ނަޝީދު އަރިހުގައި ހުންނެވި އެވެ.
ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ތެރެއިން މުޒާހަރާގައި ބައިވެރިވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި ހެންވޭރު ދެކުނު، ހާމިދު އަބްދުލްޣަފޫރާއި ހިންނަވަރު ދާއިރާގެ މެންބަރު އަދި އެެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު، އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ފަދަ ބޭފުޅުން ތިއްބެވި އެވެ. އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިއާ އަހުމަދު ދީދީ އާއި މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކާއި މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރު ވެސް އެ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކު ބައިވެރިވެވަޑައިގަތެވެ.
މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓުންގެ ގިނަ ބަޔަކު ބައިވެރިވި އިރު ސަރުކާރުގެ ގިނަ ވަޒީރުންނާއި އެކި އެކި ކޯޕަރޭޝަންތަކުގެ ޗެއާމަނުންނާއި ބޯޑް މެމްބަރުން ފަދަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސް ނަޝީދުގެ ތަގުރީރަށް ފަހު ގާތްގަނޑަކަށް 5.20ގައި މުޒާހަރާ ނިންމާލި އިރު އެމްޑީޕީގެ މިފަދަ އެހެން މުޒާހަރާތަކުގައި އަޑު އުފުލި ފަދައިން އަޑު އުފުލާފައެއް ވެސް ނުވެ އެވެ. މުޒާހަރާ ނިންމާލިކަން އިއުލާނު ކުރައްވަމުން ރަޝީދު ވިދާޅުވީ މުޒާހަރާ ނިމުނީ ކަމަށާއި ސުލްހަވެރިކަމާ އެކު ވަޑައިގަތް ފަދައިން ސުލްހަވެރިކަމާ އެކު ގެއަށް ވަޑައިގަތުމަށެވެ. އަދި ސުނާމީ ބިނާކައިރީ ހިނގަމުން ދިޔަ މުޒާހަރާ ހިނގާ ސަރަހައްދަށް ނުދިއުމަށް ދިން އިރުޝާދެއް އެހިސާބުން އިވުނެވެ.
ފާހަގަ ކުރެވުން އަނެއް ކަމަކީ އެމްޑީޕީގެ މުޒާހަރާ ބޭއްވި ސަރަހައްދާއި ސުނާމީ ބިނާއާ ދެމެދުގައިވާ ސަރަހައްދުގައި ވަކި ކޮޅަކަށް ނުޖެހި ތިބި ބަޔަކު، އެމްޑީޕީގެ މުޒާހަރާ ނިމުމުން ސުނާމީ ބިނާއާ ދިމާއަށް އަނބުރާލި ކަމެވެ. އަދި އެމްޑީޕީގެ މުޒާހާ އިން ނުކުތް ބައެއް މީހުން ވެސް އެ ދިމާ އަށް ދިޔަތަން ފެނުނެވެ.
އެމްޑީޕީގެ މެދުމިނަށް ތާއީދުކުރާ މުޒާހަރާ ނިންމާލި އިރު ބޮނޑިބަތާއި ކުޅިމަހުގެ ޖާފަތެއް ހުރި ނަމަވެސް އެ ޖާފަތަށް ވެސް ލިބުނީ ފިނި ތަރުހީބެކެވެ.