ފިލްމެއް ކުޅޭއިރު ދެން ކުޅެލަން ބޭނުން ވަނީ ޑިޓެކްޓިވް މީހެއްގެ ރޯލުކަމަށް ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރު ބުނެފި އެވެ.

އެކްޓަރު އަރްޖުން ބުނީ ނުވައިދިހައިގެ އަހަރުތަކުގައި ގެނެސްދިން ޓީވީ ސީރީޒް ބިޔޮމްކޭޝް ބަކްޝީ ބެލުމަށްފަހު ޑިޓެކްޓިވް މީހެއްގެ ރޯލުކުޅެލަން ބޭނުންވީކަމަށެވެ. އެ ސީރީޒުގެ މެއިން ކެރެކްޓާ ކްރައިމް އިންވެސްޓިގޭޓްކުރާލެ ފުރިހަމަ ކަމުން އެކަހަލަ ރޯލެއް ކުޅެލަން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.

އަރްޖުން ބުނީ ކޮންމެވެސް ދުވަހަކުން އޭނާ ޑިޓެކްޓިވް މީހެއްގެ ރޯލު ކުޅޭނެ ކަމަށާއި އަބަދުވެސް އެކަހަލަ ރޯލެއް ކުޅެން ބޭނުންވާ ކަމަށެވެ.

"ކުޑައިރުވެސް ގޭގައި ކުޅުނުއިރު ކުޅުނީ އަންޑާކަވާ އެޖެންޓަކަށް ވެގެން ގައުމު ސަލާމަތްކުރަންވެގެން އުޅޭތަން. އަސްލު ބުނާނަމަ ޑިޓެކްޓިވެއްގެ ރޯލު ކުޅުމަކީ އަހަރެންގެ ހުވަފެނެއް،" އަރްޖުން ބުންޏެވެ.

އެކްޓަރު އަރްޖުން އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ 'ޕާނިޕަޓް' އިންނެވެ. އެ ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވީ ކްރިތީ ސެނަން އެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ "ސަންދީޕް އޯރު ޕިންކީ ފެރާރް"އިންނެވެ. މި ފިލްމުން އަރްޖުން އާއެކު ފެނިގެންދާނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޕަރްނިތީ ޗޯޕްރާއެވެ.