ލޮކްޑައުންގެ މުއްދަތުގައި ފިހާރަ ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަ ވެފައިވާ ކަމަށާއި މިގޮތަށް އަމަލު ކުރާނަމަ އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފިހާރަތަކުގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށްވެސް މީހުން ފިހާރަތަކުގައި ތިބޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ގޭގެއަށް ބޭނުންވާ އަސާސީ ތަކެތި ގަތުމަށް ކޮންމެ ގޭބީސީ އަކުން އެކަކަށް ފުލުހުން ދަނީ ހުއްދަ ދޫކުރަމުންނެެވެ. މާލެ އެކި ސަރަހައްދުތަކަށް ބަހާލުމަށްފަހު އެމީހަކު ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ދޭއިރު، ފިހާރަތައް ބަންދުކޮށްފައި ހުންނަ ޝަކުވާ ދަނީ އިވެމުންނެވެ.

ފިހާރަތަކުގައި ގިނަ އަދަދެއްގެ ބިދޭސިން މަސައްކަތްކުރާއިރު ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ބިދޭސިންނެވެ. ފިހާރަތަކާއި ޑެލިވަރީގެ މަސައްކަތުގައި އުޅޭ ބައެއް ފަރާތްތައްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ފިހާރަތަކަށް ވިޔަފާރިކުރަން ދާއިރު، މާސްކު އެޅުމާއި އަންގި ލެއްވުން އަދި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

ރާއްޖެއިން މިހާތަނަށް 734 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ތިން މީހަކު ވަނީ މަރުވެފައެވެ.