މިއަދުގެ މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ 86 މީހަކު ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެއާ އެކު މިހާތަނަށް ރާއްޖެއިން ބަލިޖެހިގެން ފަރުވާ ކުރަމުން އަންނަ މީހުންގެ ޖުމްލަ މި ވަނީ، 734 އަށް އަރައިފަ އެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަދު ފެނުނު 86 މީހުންގެ ތެރެއިން 67 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި 14 ދިވެހިންގެ ގައިން ބަލި ފެނުނު އިރު، ތިން އިންޑިއާ މީހުންނާއި ސްރީލަންކާ މީހެއް އަދި ނޭޕާލް މީހެއްގެ ގައިން ވަނީ ބަލިފެނިފަ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ބަންގްލަދޭޝް މީހުން ޕޮޒިޓިވްވެފައިވަނީ އެކްޓިވް ސަވަޔަލެންސްގެ ދަށުން ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ މީހުން އުޅޭ ގެތަކުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ކަމަށެވެ.

ހާހެއްހާ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އައި 28 ތަނެއް އެޗްޕީއޭ އިން އައީ މޮނީޓާ ކުރަމުންނެވެ. އެތަންތަނުގެ ތެރިން 27 ތަނެއްގައި ދިރިއުޅޭ ބިދޭސީންގެ ސާމްޕަލް ނެގި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ކޭސްތަކުގެ އަދަދު 700 އަށް ވުރެ ގިނަ ވި އިރު، އޭގެ ތެރޭގައި ހިމެނެނީ، 230 ދިވެހިންނާއި 502 ބިދޭސިންނެވެ. މިހާތަނަށް ތިން މީހަކު ވައިރަސް ޖެހިގެން މަރުވި އިރު، 20 މީހުން ވަނީ ރަނގަޅުވެފަ އެވެ.

އެޗްޕީއޭ އިން ރޭ ހާމަކުރި ގޮތުގައި ކުރިއަށް މި އޮތް ދެ ހަފްތާއަކީ ރާއްޖޭގައި ކޮރޯނާވައިރަހުގެ އެންމެ ބޮޑު ސާޖެއް އަންނާނެ ދެ ހަފްތާ އެވެ. އެގޮތުން، މި މަހުގެ 31 ވަނަ ދުވަހު، ބަލިޖެހިފައިވާ 1،600 މީހުން ފެނުން ގާތް ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިހާތަނަށް ހަދާފައިވާ ދިރާސާ ތަކުން ދައްކާ ގޮތުން ރާއްޖެއިން 77،305 މީހުންނަށް ވައިރަސް ޖެހި، އެޑްމިޓްކުރެވޭނެ މީހުންގެ ގެ އަދަދު 13،568 އަށް އަރާނެ އެވެ. އަދި އައިސީޔޫގައި 5805 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.