ރާއްޖޭގައިވެސް މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް19 ފެތުރިގަތްފައިވާ މިންވަރު ދެނެގަތުމަށް މިއަދު މާފުށީ ޖަލުގައި ރޭންޑަމް ސާމްޕަލް ނަގައިފި އެވެ.

ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އިން މިހާރު ދަނީ އެއްވެސް ޕޮޒިޓިވް ކޭސްްއަކާ ގުޅުމެއް ނެތް މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުންނެވެ.

މޯލްޑިވްސް ކަރެކްޝަންސް އިން ބުނި ގޮތުގައި އެ ޖަލުން މިހާތަނަށް ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އަދި 23 އޮފިސަރެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީން ކަމަށާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިންވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސާމްޕަލް ނެގި ކަމަށް ކަރެކްޝަންް އިން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް 648 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ތިން މީހަކު މަރުވި އިރު، 20 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.