ކޮވިޑް-19 ޖެހިފައިވާ މީހުން ގޭގައި ތިބޭތޯ ބަލަން އިލެކްޓްރޯނިކް ޓެގްތައް އަޅުވަން ވިސްނަމުންދާ ކަމަށް އެމެރިކާގެ ބައެއް ސްޓޭޓްތަކުން ބުނެފި އެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ލޮކްޑައުން ނިމުމަކަށް ގެނައުމަށް މިހާރު ދަނީ ތައްޔާރު ވެސްވަމުންނެވެ. އެހެންކަމުން ކޮވިޑް ޖެހިފައިވާ މީހުން ގޭގައި ތިބޭތޯ ބަލަން އެންކަލް ބްރޭސްލެޓްއާއި ޓްރެކިން އެޕްފަދަ ވަސީލަތްތައް ބޭނުންކުރަން ވިސްނަމުންދާކަމަށް ސްޓޭޓް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ބޮޑެތި ކުށްތައް ކުރާ މީހުން މޮނީޓާ ކުރުމަށް މިހާރުވެސް ޓެގް އަޅުވައިގެން އެމީހުން އުޅޭ ނޫޅޭގޮތް މޮނީޓާ ކުރެ އެެވެ.

ނަމަވެސް ކޯޓު އަމުރެއް ނެތި އެފަދަ ގޮތަަކަށް މީހުންގެ ގައިގައި ޓެގް އަޅުވައި ހެދޭނެކަމާމެދު މިހާރުވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެމެރިކާގެ ވެސްޓް ވާޖީނިއާގެ ކެޕިޓަލް ޗާލެސްޓަންގެ ކައުންޓީ ޝެރީފްއަކު ރޮއިޓާސް އަށް ވިދާޅުވީ އެގައުމުގެ ޖީއީއޯ ގްރޫޕު މެދުވެރިކޮށް މިހާރުވެސް 10 އޭންކަލް ބްރޭސްލަޓްތައް ހޯދައިފައިވާ ކަމަށެެވެވެ. އެހެން ނަމަވެސް އެ އެއްޗެތި އަދި ބޭނުންނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ލޫޒިއާނާގެ ކުންފުންޏެއް ކަމަށްވާ ޝެޑޯ ޓްރެކް ޓެކްނޮލޮޖީގެ ރައީސް ރޮބާޓް މަގަލެޓާ ވިދާޅުވީ ޓެގް ފަދަ މޮނީޓަރިން ވަސީލަތްތައް ހޯދުމަށް މިހާރުވެސް ސްޓޭޓްތަކުގެ އޮފިޝަލުން އެދެމުންދާ ކަމަށެެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެެވެ. އެމެރިކާގެ ކުށްވެރިންނާ ގުޅޭ ކަންކަމުގައި އޭނާގެ ކުންފުނިން މިހާރުވެސް ދަނީ 250 ކްލަޔަންޓުންނަށް އެފަދަ ވަސީލަތްތައް ފޯރުކޮށްދެމުންނެވެ

އެމެރިކާގެ ލޫސްވިލީގައި ކަރަންޓީނު ކޮށްފައިތިބި ބަޔަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވި މައްސަލައެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.

އެމެރިކާގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ އެއް މިލިއަން ފަހަނަ އަޅައި މަރުވި މީހުންގެ އަދަދު 70 ހާހުން މައްޗަށް އަރައިފައެވެ. -- ރޮއިޓާސް