08 May 2020, 17:37
ކޮރޯނާވައިރަސް ފެތުރުން މަދުކުރުމުގެ ގޮތުން ބައްދަލުވާ މީހުން މަދުކޮށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުން ދިރިއުޅުމުގެ އާދަތައް ބަދަލުތަކެއް ގެންނަން ވަނީ މަޖުބޫރުވެފަ އެވެ.
އެތައް ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ އާދަތަކަކީ ވައިރަހަށް ފަހު އަންނާނެ "ނިއު ނޯމަލް"ގެ ދުނިޔޭގައި ވުޖޫދުން ގެއްލުން ގާތް ކަންކަމެވެ.
ރީތި އާދައެއްކަމުގައި އަދި އެކުވެރިކަމުގެ ވަރުގަދަ ނިޝާނެއްކަމުގައި އަބަދުވެސް ބެލެވިފައިވާ އެކަކު އަނެކަކާއި އަތްޖޯޑުކޮށް ސަލާމްކުރުމަކީ މިފަދަ އާދަތަކުގެ ތެރެއިން ގެއްލުން ގާތް އެއް އާދަ އެވެ.
މަގުމަތިން ދިމާވާ އެކުވެރިޔާއިން ފެށިގެން ވިޔަފާރީގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުވެސް އެންމެ ފުރަތަމަ ކޮށްލެވޭ އެއް ކަމަކީ އަތާ އަތްޖޯޑުކޮށް ސަލާންކުރުންކަމުގައި އޮންނަނީވެފަ އެވެ. އަދި ހާއްސަކޮށް ދިވެހިންނަކީ މުސްލިމުން ކަމަށް ވުމުން ސަލާމް ގަލާން ކުރުން ދިވެހިންގެ ތެރޭގައި އެއީ ސަގާފަތެކެވެ.

މާލޭގެ ސުޓޭޑިއަމް ސަރަހައްދުގައި ބޮޑު އީދު ނަމާދު ކުރުން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް
އެތައް ހާސް އަހަރެއް ކުރިން އުފެދިފައިވާ މި އާދަ އެކި ސަގާފަތްތަކުގައި އައިސްފައިވަނީ އެކި ގޮތްގޮތަށެވެ.
މުސްލިމު އިލްމުވެރިން ބުނާގޮތުގައި ސަލާންކުރެވެން އެންމެ ފުރަތަމަ ފެށުނީ ޔަމަނުގެ ސަރަހައްދުތަކުގަ އެވެ. ކުރީ ޒަމާނުގެ ގްރީސްގައި ސަލާންކުރަން ފެށުނީ އަތުގައި ހަތިޔާރެއް ނެތްކަން ހާމަކުރުމަށްޓަކަ އެވެ. ޔޫރަޕްގެ އެހެން ބައެއް ސަރަހައްދުތަކުގައި ސަލާންކުރަން ފެށުނީ އަނެކާގެ އަތުގައި ފޮރުވިފައި އޮތް ހަތިޔާރެއް ތަޅުވައި ހާމަކުރުމަށްކަމަށް ވެސް ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ކޮރޯނާވައިރަހާ އެކު ސިއްހީ މާހިރުންގެ އެންމެ ބޮޑު އާދޭހަކީ، ސަލާންކުރުމަކީ ކިތަންމެ ރީތި އާދައަކަށްވީ ނަމަވެސް، ވައިރަސް ފެތުރުން ހުއްޓުވަން ސަލާމް ކުރުން ހުއްޓާލުމެވެ.
ސަބަބަކަށްވަނީ އަތާއި އަތް ޖޯޑުކޮށް ކުރެވޭ އާދައިގެ ސަލާމަކުން ލޮލަށް ނުފެންނަ އެތައް މިލިއަން ޖަރާސީމެއް އެކަކުން އަނެކާއަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމެވެ. ވައިރަސް ފެތުރުން ހުއްޓުވަން އޮތް ފުރުސަތަކީ، ވީހާ ވެސް ދުރުން އެކަކު އަނެކަކު އުޅުމެވެ.
"އަޅުގަނޑަކަށް ދެން ހިއެއްނުވޭ ދުވަހަކުވެސް ދެން އެކަކު އަނެކަކާއި ސަލާން ކުރާނޭހެން، ހަގީގަތަށް ބުނަންޏާ." އެމެރިކާގެ ކޮރޯނާވައިރަހާއި ދެކޮޅަށް މަސައްކަތްކުރާ ޓާސްކްފޯސްގެ އެންމެ އިސް އެއް ފަރާތް ކަމުގައިވާ ޑރ. އެންތޮނީ ފައުޗީ ވަނީ ވިދާޅުވެފަ އެވެ.
ޑރ. ފައުޗީ ވިދާޅުވިގޮތުގައި އެ އާދަ ހުއްޓިއްޖެނަމަ، ކޮރޯނާވައިރަހުގެ އިތުރުން އިންފްލުއެންޒާފަދަ ބަލިތަކުންވެސް މީހުން ސަލާމަތްވުން އިތުރުވެދާނެ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގެ ބޭފުޅުން ވެސް ވަނީ ނިއު ނޯމަލްއަށް އާދަވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފަ އެވެ.
"އެހެންޏާ އަޅުގަނޑުމެން ކައިރި ކައިރީގައި ތިބޭގޮތަށް ނުތިބެވޭނެ...ދުރުދުރުގައި ތިބެންޖެހޭނީ. އެހެންވީމާ މިކަހަލަ ކަންތައްތަކަކީ އާދައަކަށް އެބަ ހަދަން ޖެހޭ." އެންއީއޯސީގެ ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފަ އެވެ.
ސަލާންކުރުމެއް ނެތި ދެން އަމަލުކުރާނީ ކިހިނެތް؟

އެމެރިކާގެ ހަވާއީގެ އާންމުންގެ ތެރޭގައި އުފެދިގެން އައިކަމަށް ބުނެވޭ "ޝާކާ" ނިޝާން. (ފޮޓޯ/ޕިންޓްރެސްޓް)
ދެން ކުރެވޭނެ ސުވާލަކީ އަތާއި އަތްގުޅާލައި ކުރެވޭ ސަލާމް ނެތް ޒަމާނެއްގައި ދެން އެކަކު އަނެކަކަށް މަރުހަބާ ކިޔާ އަލްވަދާއު ކިޔަން އަދި ތަހުނިޔާ ކިޔާނީ ކިހިނަކުން ހެއްޔެވެ؟
އިސްލާމީ ގިނަ ގައުމުތަކުގައި މޭ މަތީގައި އަތްއެޅުމަށްފަހު ސަލާން ގޮވުމަކީ ވަރަށް ރީތި އާދައެއް އަދި ފުރިހަމަ އިހުތިރާމް ދޭހަވާ ކަމެއްކަމުގައި އޮންނަނީ ބެލެވިފަ އެވެ. އިންޑިޔާގެ ހިންދީ ސަގާފަތްތަކުގައި "ނަމަސްޓޭ" ސަލާމަކީވެސް ހަމަ މިފަދަ އާދައެކެވެ.
ޗައިނާގައި އެންމެ ކުރީ ޒަމާނުއްސުރެންވެސް ސަލާންކުރެވޭ އެއް ގޮތަކީ އަމިއްލަ އަތާއި އަތް ޖޯޑުކުރުމަށްފަހު ސަލާންކުރުމެވެ. އަދި އެމެރިކާގެ ހަވާއީއިން ފެށިގެން އައި އަދި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެވޭ "ޝާކާ" ނިޝާނަކީވެސް ސަލާމުގެ ބާވަތެކެވެ. މި ހުރިހާ ވައްތަރަކީވެސް އިޖުތިމާއީ ގައިދުރުކަމުގެ މިންގަނޑުތަކާއި އެއްގޮތް އާދަތަކެވެ.

އެއް އަތް މޭ މަތީގައި ބޭއްވުމަށްފަހު ސަލާމް ގޮވުމަކީ މުސްލިކް ގައުމުތަކުގައި ސަލާމުގެ ގޮތުގައި ބައެއް ފަހަރު ބޭނުންކުރެވޭ އާދައެކެވެ. (ފޮޓޯ/ގެޓީ/ފައިލް އިމޭޖް)
އަތާއި އަތްގުޅާލައި ކުރެވޭ ސަލާން ނެތް ޒަމާނެއްގައި މި ހުރިހާ ގޮތްތަކުގެ ތެރެއިން، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދިވެހި ރާއްޖެއާއި އެންމެ ގުޅޭނީ އެހެން މުސްލިމް ގައުމުތަކުގައިވެސް އަމަލުކުރެވޭ އާދައެވެ.
ކޮންމެ ގޮތަކަށް ސަލާން ކުރި ނަމަވެސް އެންމެ މުހިންމުކަމަކީ އަމިއްލަ މީހާގެ އަދި ވަށައިގެންވާ އެންމެންގެވެސް ސަލާމަތަށްޓަކައި އިޖުތިމާއީ ގައިދުރުކަން ބަހައްޓައި ވީހާވެސް މަދުން އެކަކު އަނެކަކާ ބައްދަލުވެ އުޅުމެވެ. ގިނަގިނައިން އަތް ދޮވެ ސަފުތާހިރުކަމަށް އިސްކަން ދިނުމެވެ. މިއީ ކޮރޯނާވައިރަހަށް ފަހު، ދުނިޔެއިން ފެނިގެންދާނޭ ނިއު ނޯމަލްގެ އަސާސްތަކެވެ.