08 May 2020, 14:20
ވޮޝިންޓަން (8 މޭ 2020) -- ވައިޓް ހައުސްގައި މަސައްކަތްކުރާ މުވައްޒަފަކު ކޮރޯނާ ވައިރަސް "ކޮވިޑް-19" އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ވައިޓް ހައުސްގެ ތަރްޖަމާނަކު ވިދާޅުވީ ވައިޓް ހައުސްގައި މަސައްކަތްކުރާ އަސްކަރީ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް މައިކް ޕެންސް އެ ރޯގާއަށް ޓެސްޓްކޮށްފައިވާ ކަމަށާއި ދެބޭފުޅުންގެ ޓެސްޓްވެސް ކޮވިޑް-19 އަށް ނެގެޓިވް ކަމުގަ އެވެ.
މިދިޔަ މާޗްމަހުވެސް ޓްރަމްޕް ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްގެން ނެގެޓިވްވެފައެވެ. އެއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެމެރިކާގެ ކްލަބެއްގެ މެންބަރަކާ ޓްރަމްޕް ސަލާމް ކުރެއްވުމާއި ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކުކުރެވުނު ބޭފުޅެއް ކަމަށްވާ ބްރަޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.
އުމުރުން 73 އަހަރުގެ ޓްރަމްޕަކީ އާންމު ގޮތެއްގައި ސިއްހަތު ރަނގަނޅު ބޭފުޅެއް ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅުއްވައި އުޅުއްވާތީ ޓްރަމްޕަށް ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ވައިޓް ހައުސްގެ ޑޮކްޓަރުން އިހްސާސް ކުރެއެވެ. ޓްރަމްޕް ވިދާޅުވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅައި އޭނާ އުޅުއްވިނަމަވެސް އޭނާއާ އެންމެ ގާތުގައި ހަރަކާތްތެރިވަނީ އަބަދުވެސް އެއްބައެއްކަމަށާ އެ މީހުން ކޮންމެ ދުވަހަކުވެސް ކޮވިޑް-19 އަށް ޓެސްޓު ކުރާކަމުގައެވެ.
ކޮވިޑް-19 އަށް އަށް ޕޮޒިޓިވް ވި ކަމަށްވަނީ ވައިޓް ހައުސްގައި މަސައްކަތްކުރާ އެމެރިކާ ސިފައިންގެ މީހެކެވެ. އެމެރިކާ ސިފައިންގެ ތެރޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ ސިފައިންގެ ތެރޭގައި ކޮވިޑް-19 ފެތުރިފައިވާ ހަގީގީ މިންވަރު ދިފާއީ ވުޒާރާ ޕެންޓަގަން އިން ސިއްރުކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- (ނޫސްއެޖެންސީތައް)