ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ބޭނުން ކުރިކަން ސާބުތުވެ ފުވައްމުލަކު ދެ މީހަކު ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ބޭނުން ކުރިކަން ސާބުތުވެ، ފަސް އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކޮށްފައި ވަނީ ފުވައްމުލަކު ދިގުވާނޑު، ގާވިޔާ އަބްދުﷲ އަފްރާހާއި އެ ރަށު ދޫޑިގަން އިރިބެދެލިގޭ މަސްއޫދު އަލީގެ މައްޗަށެވެ.

އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އޭޕްރީލް 11، 2008ގައި އަފްރާހާއި މަސްއޫދު މަސްތުވާތަކެތި ބޭނުން ކުރިކަމަށް ތުހުމަތު ކުރެވިގެން އެ ދެ މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތި ބޭނުން ކުރިކަން ސާބިތުވާ ކަމަށެވެ.
އަފްރާހާއި މަސްއޫދު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ.

މީގެ އިތުރުން ދައުލަތުން އަފްރާހާއި މަސްއޫދުގެ މައްޗަށް ކުރި މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުންކޮށް، އެފަދަ އެއްޗެއް ބޭނުން ކުރުމަށް ޓަކައި އަތުގައި ބެހެއްޓި ކަން ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ އެ ދައުވާ ސާބިތު ނުވާކަމަށް ގާޒީ ވަނީ ހުކުމް ކޮށްފަ އެވެ.

"ބޭސްކުރުމުގެ ހުއްދަލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުން އަބްދުﷲ އަފްރާހާއި މަސްއޫދު އަލީ ކުށްވެރި ވެއްޖެކަމަށާއި އަބްދުﷲ އަފްރާހާއި މަސްއޫދު އަލީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކޮށް، އެފަދަ އެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓިކަން ޝަރީއަތަށް ސާބިތުވާ ވަރުގެ ހެކި ނެތުމުން އަބްދުﷲ އަފްރާހާއި މަސްއޫދު އަލީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށާއި މަނާކުރެވިފައިވާ އެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ޝަރީއަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި އަބްދުﷲ އަފްރާހާއި މަސްއޫދު އަލީގެ މައްޗަށް ސާބިތުވި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން، ބުނެވި ދިޔަ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ބ) ގެ ދަށުން އަބްދުﷲ އަފްރާހާއި މަސްއޫދު އަލީ އާއި ދެ މީހުން ކުރެ ކޮންމެ މީހަކު ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވި އެވެ.