ރާއްޖޭގައި ތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމަށް ރާއްޖެ އައި އެގައުމުގެ އަސްކަރީ މަނަވަރު މީހުން ގޮވައިގެން މިއަދުގެ ހަވީރުގެ ވަގުތެއްގައި ފުރާނޭކަމަށް ރާއްޖޭގައި ހުންނަ އެގައުމުގެ ހައި ކޮމިޝަނުން ހާމަކޮށްފި އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގައި ތާށިވެފައިތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތުގެ ދަށުން މި އަސްކަރީ މަނަވަރުގައި އެންމެ ފުރަތަމަ ގެންދިޔުމަށް ހަމަޖެހިފައި 700 އެއްހާ މީހުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނި ގޮތުގައި، މިހާރު އެ ޖާގަ 750އަށް ވަނީ އިތުރުކޮށްފަ އެވެ. އަދި އެމީހުންގެ ފުރިހަމަ ކުރަންޖެހޭ އިމިގްރޭޝަންގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަމަށް ހައި ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އެ މީހުން ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގަ އެވެ. ބަސްތަކުގައި މީހުން ފެރީ ޓާމިނަލްއަށް ގެނައުމުގެ އިންތިޒާމް ވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އިމިގްރޭޝަންގެ ކުލަޔަރަންސްގެ ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ ޓާމިނަލްގަ އެވެ.

މޭ 8، 2020: ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިޔާގެ ބައެއް ރައްޔިތުން. މި މީހުން އަބުރާ ގެންދިޔުމަށް އިންޑިޔާގެ އަސްކަރީ މަނަވަރެއް ވަނީ އައިސްފައެވެ.

އިންޑިޔާގެ ބައެއް މީޑިޔާތަކުގެ އިސް ފަރާތްތަކުން ވަނީ އައިއެންއެސް ޖަލަޝްވާ ނަމަކަށް ކިޔާ މި މަނަވަރުގައި އަބުރާ އިންޑިޔާއަށް ދާ މީހުންގެ ތެރޭގައި 19 މާބަނޑު އަންހެނުންނާއި 14 ކުޑަކުދިން ހިމެނޭކަމަށް ބުނެފަ އެވެ. މި ފަރާތްތަކުން ބުނި ގޮތުގައި މަނަވަރުގައި ދިޔުމަށް މިހާތަނަށް ރަޖިސްޓާރކޮށްފައިވަނީ ޖުމްލަ 732 ފަރާތެކެވެ.

މި ހުރިހާ ފަރާތްތަކަކީވެސް އެނބުރި ގައުމަށް ދިޔުމަށްފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ ފަރާތްތަކެކެވެ.

އިންޑިއާ ސަރުކާރުން ދަނީ ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައި ތިބި އެ ގައުމުގެ ރައްޔިތުން އަނބުރާ ގާއުމަށް ގެންދިއުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.