"ކާފާ! ﷲ ގެ ރަސޫލާއާ ބައްދަލު ކުރުމަށް ކަޢުބު ބްނު މާލިކް ދިޔަ ތޯ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ.

"ކޮން މޫނަކާއިގެން ތޯ ކަޢުބު ﷲ ގެ ރަސޫލާއާ ބައްދަލު ކުރާންް ދާނީ. އަދި ކީކޭ ތޯ އެކަލޭގެފާނު އަރިހުގައި ދަންނަވާނީ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ބައްޕާ! ކަޢުބުއަށް އެ ވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައި." ސަލްމާ ވިިދާޅުވިއެވެ.

"ރަނގަޅު. އެކަމަކު އަދި މި ވާހަކައެއް ނުނިމޭ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެހެން ވީ އިރު ދެން ވީ ކިހިނެއް ތޯ؟" އަމީރު މުޙައްމަދު ސުވާލު ކުރެއްވިއެވެ.

"ވަރަށް ގިނަ ކަންކަން ހިނގި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ވާހަކަ ފުރިހަމަ ކޮށް ދެއްވާ ކާފާ!" އަމީރާ ޞަފާ ވިދާޅުވިއެވެ.

"ކާފާ! އެއީ ތެދެއް." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ވާހަކައިގެ ދެން އޮތް ބައި ކުރިޔަށް ގެންދާނީ މާދަމާ. އިންޝާ ﷲ! އެހެނީ ނިދާ ގަޑި ޖެހިއްޖެ. ހިނގާ، ހެޔޮ ފަތިހަކަށް ހޭލުމުގެ ތައުފީގު ދެއްވާށި!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

*****

"ޙަލަބުގައި ކުރާން ޖެހޭ ހުރިހާ މަސައްކަތެއް ނިންމައި ލެވިއްޖެ ތޯ؟" ސުލްޠާން ސަލީމް އަމީރު މުރާދު ޚާލިދާ ސުވާލު ކުރެއްވިއެވެ.

"އާދެ، ސާހިބާ! އެހެންނަމަވެސް މީހުންނާ ބައްދަލު ކުރެއްވި ލެއް ގިނަ ކަމުން ބައްޕަ ހުންނަވާނީ ވަރަށް ބޮޑަށް ވަރުބަލިފުޅު ވެފައި. ވީމާ އަރާމު ކުރައްވާން އެބަ ޖެހިވަޑައިގަންނަވާ." އަމީރު މުރާދު ވިދާޅުވިއެވެ.

"ރައްޔިތުންނާ ބައްދަލު ކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް. އެއީ ވެރިއެއްގެ ހައިސިއްޔަތުން ވާޖިބެއް އަދި މަސްއޫލިއްޔަތެއް." ސުލްޠާން ސަލީމް ވިދާޅުވިއެވެ.

"އެކަމަކު ބައްޕަ އަޅުގަނޑު ގާތުގައި އަބަދުވެސް ވިދާޅުވަމެއް ނޫން ތޯ، ތިމާގެ ހަށިގަނޑަށް ވެސް ހައްގުތަކެއް ވާ ކަމަށް." އަމީރު މުރާދު ވިދާޅުވިއެވެ.

"އެ ބަސްފުޅު ވިދާޅުވި ސާހިބާގެ ބަސްފުޅު ތެދު. އެހެންވީމާ އަސްރު ނަމާދުގެ ކުރީން ބައިދަމެއް ހައި އިރަށް އޮށޯންނަމާ ހިނގާ." ސުލްޠާން ސަލީމް ވިދާޅުވިއެވެ.

"ސާހިބާ! އަޅުގަނޑުމެން ޙަލަބުން ފުރައިގެން އިސްތަންބޫލަށް ދާނީ ކޮން އިރަކުން ތޯ؟" އަމީރު މުރާދު އެއްސެވިއެވެ.

"އަނބިދަރީންގެ މަތީން މާ ބޮޑަށް ހަނދާން ވީ ތަ؟" ސުލްޠާން ސަލީމް އެއްސެވިއެވެ.

"އާދެ، ބައްޕާފުޅާ! އެހެންނަމަވެސް ދައުލަތުގެ މަސައްކަތްތައް އެންމެ މުހިއްމީ." އަމީރު މުރާދު އެއްސެވިއެވެ.

"އެންމެ މުހިއްމީއެއް ނޫން. އާއިލާއަށް ވަގުތު ދިނުމާއި ތިމާގެ މަސައްކަތުގެ ވާޖިބުތަކާ މީ އެއްވަރަކަށް މުހިއްމު ދެ ކަން. އެއް ކަމަށް މުޅީން ވަގުތު ހުސްކޮށް، އެ ކަން ނިމިގެން ކުރާން އޮންނަ ކަމެއް ނޫން އަނެއް ކަމަކީ. ދެ ކަމަށް މެ ވަގުތު ދެމުން ކުރިޔަށް ދާން ޖެހޭނީ. އެއް ކަމުގެ މައްޗަށް އަނެއް ކަން އިސް ކޮށްގެން ނުވާނެ. ވަޒީފާގެ ވާޖިބުތަކަށް ފަރުވާ ކުޑަކޮށްފި ނަމަ ވަޒީފާ ގެއްލޭނެ. އާއިލާއަށް ދޭން ޖެހޭ ވަގުތު ނުދީފި ނަމަ އާއިލާ ގެއްލޭނެ. އެހެންނަމަވެސް މި ދުވަސްކޮޅު ޞަފިއްޔާ އޭނާގެ ބައްޕަގެ ގާތުގައި އިންނެވުުމުން މާ ބޮޑު ފޫއްސެއް ނުވާނެ. އެ ގޮތަށް ދުވަސްކޮޅަކަށް އެ ގޭގައި އިންނަވާން ވަޑައި ނުގަންނަވާތާ ވަރަށް ދުވަސް ފަހުން އެ ވަޑައިގަތީ." ސުލްޠާން ސަލީމް ވިދާޅުވިއެވެ.

*****

ވަދީދާއާ އެކު ސަލްމާ ބޮޑުކޮޓަރިއަށް ވަޑައިގަތް އިރު ސޯފާގައި އަމީރު މުޙައްމަދު ޞަފިއްޔުއްދީނާއި އަމީރާ ޢާއިޝާ ޞަފާއާ ތިއްބެވީ ފަތިސް ނަމާދުގެ ފަހުން ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވާށެވެ.

"ހާދަ ހިތްގައިމު މަންޒަރެއް. އަމިއްލައަށް ފެނިގެން ފޮތް ހިފައިގެން ތިބުން." ސަލްމާ ވިދާޅުވިއެވެ.

"ދެ އަމީރުން ޤުރްއާން ކިޔަވައި ވިދާޅުވަނީ. އެ ބޭފުޅުންނަށް ﷲ ގެ ބަރަކާތް އިތުރު ކުރައްވާށި!" ވަދީދާ ބުންޏެވެ.

"ކާފަ ވަނީ ފަތިސް ނަމާދުގެ ފަހުން ޤުރްއާން ކިޔެވުމުން ހަދިޔާއެއް ދެއްވާނެ ކަމަށް ވިދާޅުވެފައި. އަދި ވަނީ މަސައްކަތެއް ވެސް ހަވާލު ކުރައްވާފަ." އަމީރާ ޞަފާ ވިދާޅުވިއެވެ.

"އެއީ ކޮން މަސައްކަތެއް ތޯ؟" ވަދީދާ އެހިއެވެ.

"އެއީ ކީރިތި ޤުރްއާނުގައި ސޫރަތް ފެށޭ އިރު، ބިސްމި ނޯންނަ ސޫރަތަކީ ކޮބައިކަން އަމިއްލައަށް ހޯދުން. އަދި ފުރަތަމައަށް ހޯދާ ކުއްޖަކީ މޮޅު ވާ ކުއްޖާ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"މަންމާ! އެއީ ކޮން ސޫރަތެއް ކަން އެނގިވަޑައިގަންނަވާ ތޯ؟" އަމީރާ ޞަފާ އެއްސެވިއެވެ.

"އާނ! މަންމައަށް އެނގޭ. އެ ކަމަކު ކާފަ ދަރިފުޅުމެންނާ ހަވާލު ކުރެއްވި މަސައްކަތެއް ފުރިހަމަ ކުރާން ޖެހޭނީ ދަރިފުޅުމެން." ސަލްމާ ވިދާޅުވިއެވެ.

"އޯ. އޯ. އަޅުގަނޑަށް ހޯދިއްޖެ. އެއީ ތައުބާ ސޫރަތް." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ރަނގަޅު! ދަރިފުޅާ ޞަފިއްޔު." ސަލްމާ ވިދާޅުވިއެވެ.

"ދެން ފަހަރަކުން ހަވާލު ކުރައްވާ މަސައްކަތް ނިންމައި ކުރި ހޯދާނީ އަޅުގަނޑު." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ދަރިފުޅާ! ތިޔަ ހެން ބުނާ އިރު އިންޝާ ﷲ ބުނާން ވާނެ." ސަލްމާ ވިދާޅުވިއެވެ.

"އާދެ މަންމާ! އިންޝާ ﷲ ދެން ފަހަރަކުން ކުރި ހޯދާނީ އަޅުގަނޑު." އަމީރާ ޞަފާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސާހިބާ ގާޒީ ޞަފިއްޔުއްދީނު ކަންކަމުގައި ގެންގުޅުއްވަނީ ވަރަށް ތަފާތު އުސްލޫބެއް. ފޮތަށް ޝައުގުވެރި ކުރުވުމަށާއި އަމިއްލައަށް އުނގެނުމަށް ޝައުގުވެރި ކުރުވުމުގެ ގޮތުން ހަވާލު ކުރައްވާ މަސައްކަތް އެއީ." ސަލްމާއާ އެކު ހިނގައިގަންނަމުން ވަދީދާ ބުންޏެވެ.

"އާނ. ވަދީދާ. އަދި ކީރިތި ޤުރްއާނުގެ އިލްމަކީ އެންމެ މަތިވެރި އިލްމު." ސަލްމާ ވިދާޅުވިއެވެ.

*****

"ކޮން ކަމަކާ ތޯ ފުލުހުންގެ ވެރިޔާ ތިޔަ ވަޑައިގަތީ. އަވަހަށް އިށީންނަވާ." ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.

"އަޅުގަނޑު މާ ގިނަ ވަގުތެއް ބޭނުމެއް ނޫން. އަދި އިއްޒަތްތެރި ގާޒީއަށް ބުރައެއް ޖައްސާކަށް ވެސް ބޭނުމެއް ނޫން. މަނިކުފާނުގެ އަގު ހުރި ވަގުތުކޮޅުގެ ތެރެއިން މާ ގިނަ ވަގުތު އަޅުގަނޑަށް ހުސް ކުރައްވައިގެން." ފުލުހުންގެ ވެރިޔާ މުފްތާޙު ވިދާޅުވިއެވެ.

"އެހެން ތޯ؟ އަބަދުވެސް އެންމެ ގިނަ ވަގުތު އަޅުގަނޑު ހޭދަ ކުރާން ޖެހެނީ އެކަމަކު ފުލުހުންގެ ވެރިޔާއާ އެކު." ހިނިތުންވެ ވަޑައިގެން އިންނަވައި ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަސްލު ވެސް ތޯ؟ އެހެންވިއްޔާ މި ވަގުތު އަޅުގަނޑު ދަނީ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"ނޫން. ނޫން. އެއީ އަޅުގަނޑު ސަމާސާއަކަށް ދެންނެވި އެއްޗެއް. ވިދާޅުވެ ބައްލަވާ! އާ މައްސަލައެއް އައީ ތޯ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.

"މުޅިއަކުން އެހެންނެއް ނޫން. އެކަމަކު މުހިއްމު ކަމެއްގެ ވާހަކަ ދަންނަވާން." އެހެން ވިދާޅުވެފައި ޒަޣުލޫލާ ދިމާއަށް ފުލުހުންގެ ވެރިޔާ ބައްލަވައި ލެއްވިއެވެ. އަދި އެއަށް ފަހު ގާޒީއާ ދިމާއަށް އެނބުރި ވަޑައިގެން އަނެއްކާ ވެސް ޒަޣުލޫލާ ދިމާއަށް މޫނު އަނބުރައި ލެއްވިއެވެ.

ފުލުހުންގެ ވެރިޔާގެ މި އިޝާރާތުގެ ގަސްދު އެނގި ވަޑައިގަތުމުން ގާޒީ ޞަފިއްޔުއްދީނު ޒަޣުލޫލު ގާތު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މެހުމާނަށް ގަހުވަ ހަދައިގެން ގެނޭ. ގެންނާނީ ކުރީން ހޫނު ކޮށްފައި ހުރި ފެނަކުން ނޫން. އަލުން ފެން ހޫނުކޮށްގެން."

"ޒަޣުލޫލު! ގަހުވަ ހަދާން ވާނީ ކެެތްތެރިކަމާ އެކު ރަނގަޅަށް. އަވަސް އަރުވާލައިގެންނެެއް ނޫން. މަޑު ގިނީގައި ފެން ހޫނު ކުރާން ވާނީ." ފުލުހުންގެ ވެރިޔާ ޒަޣުލޫލަށް ވިދާޅުވިއެވެ.

"ވިދާޅު ވި ގޮތެއް ސާހިބާ! ތިޔަ ބޭފުޅުންގެ އިޒުނައާ އެކު." ޒަޣުލޫލު އެހެން ދަންނަވާފައި ފަނޑިޔާރުގެ މާލަމުން ނުކުމެއްޖެއެވެ.

"ދެން ވާހަކަ ދައްކަވާ! ކޮން ކަމެއްގެ ވާހަކަ ތޯ؟" ގާޒީ ޞަފިިއްޔުއްދީނު ވިދާޅުވިއެވެ.

"ބާޒާރުގައި މިހާރު ތަކެތީގެ އަގު އުފުލިފައި ހުރި ވަރަށް ބަލާ އިރު، ފުލުހުންގެ މުސާރައިން ނުފުދޭ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"ތިޔައީ ރަނގަޅު ވާހަކައެއް. އެކަމަކު ތިޔަ ކަމާ އަޅުގަނޑާ ހުރީ ކޮން ގުޅުމެއް ތޯ؟" ގާޒީ ޞަފިިއްޔުއްދީނު ސުވާލު ކުރެއްވިއެވެ.

"މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން ޚަލީފާ މިހާރު ހުންނެވީ ޙަލަބުގެ އިމާރިއްޔާގައި. އަދި އަމީރު މުރާދު ވެސް ވީ އަރިހުގައި. އެހެން ނޫންތޯ؟" ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އާދެ. އެހެންނަމަވެސް އަޅުގަނޑަކީ އެ ދެ ބޭފުޅުންގެ ގާއިމްމަގާމުގައި ހުރި މީހެއް ނޫން. ވަޒީރު ހުންނަވާނެ. ވަޒީރު އަރިހުގައި ވިދާޅުވޭ. ތިޔަ ފަދަ ކަންކަން ހަމަ ޖެއްސެވޭނީ ވަޒީރަށް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ވަޒީރަކީ ތަންކޮޅެއް އުނދަގޫ ބޭފުޅެއް." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"ހުއްޓާ ލައްވާ! އެއްވެސް މީހެއްގެ އުނި ސިފައެއްގެ ވާހަކަ އެމީހަކު ނެތީސް އަޅުގަނޑުގެ ކުރިމަތީގައި ދެއްކެވުމަކީ އަޅުގަނޑު ރުހޭ ކަމެއް ނޫން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާން އުޅުނީ ވަޒީރު އަރިހުގައި ދަންނަވާ ކަންކަން ނުނިމި ވަރަށް ދިގުލައިގެން ދެޔޭ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އަދިވެސް ތިޔަ ދެެއްކެވެނީ ވަޒީރުގެ އުނި ސިފައެއްގެ ވާހަކަ ނޫން ތޯ؟ ތިޔަ ވާހަކަތައް އަޅުގަނޑު ގާތުގައި ވިދާޅުވިޔަސް އަޅުގަނޑަށް ކޮށް ދެވޭނީ ކޮން ކަމެއް ތޯ؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އިއްޒަތްތެރި ގާޒީ! އެއްމެން ވެސް މަނިކުފާނަށް އިހުތިރާމް ކުރޭ. ވީމާ އަޅުގަނޑު ދެންނެވުމުގެ ބަދަލުގައި ވަޒީރުގެ އަރިހުގައި މަނިކުފާނު ވިދާޅުވެއްޖެ ނަމަ އެ ކަން ވާނެކަން ޔަގީން. މަނިކުފާނަކީ ޚަލީފާގެ ޅީދަރިފުޅުގެ ބައްޕަ ވެސް މެ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"ހުއްޓާ ލައްވާ! ފުލުހުންގެ ވެރިޔާ!" ގާޒީ ޞަފިއްޔުއްދީނު ތަންކޮޅެއް ބާރަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެއްވެސް ނުބަޔަކަށް ނޭދެން ސާހިބާ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"މުފްތާޙުގެ ތޮބީއަތު އަޅުގަނޑު ދަންނަން. ނުބައި ވިސްނުމަކުން ތަދުބީރު ކުރާ ބޭފުޅެއް ނޫން ކަން ދަންނަން. އެހެންނޫންނަމަ ތިޔައީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރީމުސް. މުފްތާޙަކީ ހިތަށް އަންނަ އެއްޗެއް މާ ބޮޑު ވިސްނުމަކާ ނުލައި ވިދާޅުވާ ބޭފުޅެއް ކަން އަޅުގަނޑު ހަމަ ރަނގަޅަށް ވެސް ދަންނަން. އަދި އަހަންނަކީ ޚަލީފާގެ ޅީދަރިފުޅުގެ ބައްޕަ ކަން މި ކަހަލަ ކަންކަމުގައި ހަނދާނަށް ގެނެސްގެން ނުވާނެކަން މީގެ ފަހުން ހަނދާން ބަހައްޓަވާތި. އެހެން ނޫނީ އަޅުގަނޑު މި ބަހައްޓާ ގާތްކަން ޖެހޭނީ ރަސްމީ ސިފައަކަށް ބަދަލު ކުރާން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

- ނުނިމޭ -