08 May 2020, 11:15
ޓްއަރިޒަމް ސިނާއަތުގެ ބޮޑެތި ވިޔަފާރިވެރިން ތަމްސީލް ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން ސަރުކާރަށް ފާޑު ކިޔާފައިވީ ނަމަވެސް، އެ ފަރާތްތަކުގެ ހެޔޮ ލަފާއާއި އިރުޝާދު ބަލައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި، "ރިލީފް ޕެކޭޖް"އާ މެދު ހިތްހަމަ ނުޖެހޭކަން ހާމަކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔާ މަޓީއިން ވަނީ ބަޔާނެއް ނެރެފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަޓީގެ ބަޔާން ސިފަކުރެއްވީ، "ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން" ކަމަށެވެ.
ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާ ސަރުކާރާ ދެމެދު ކޯޅުންތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޓީ އާއި އެހެން ވެސް ފަރާތްތަކުން ސަރުކާރަށް ދޭ "ހެޔޮ" ލަފާތައް ލަފާތައް ބަލައިގަންނަ ކަމަށާއި ވިޔަފާރިވެރިންނަކީ ގައުމުގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އުފެއްދުންތެރިކަން ނިކުންނާނީ މަސައްކަތްތެރީންނާއި ވިޔަފާރިވެރިންގެ އިތުރުން ގުދުރަތީ ވަސީލަތްތައް އެކުވީމައި" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވި އެވެ.
މަޓީގެ ބަޔާނުގައި ބުނެފައި ވަނީ، ސަރުކާރުން ތައާރަފް ކުރި "ރިލީފް ޕެކޭޖް" ތައާރަފް ކުރީ އެ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ހޯދައިގެން ނޫން ކަމަށެވެ. އަދި އެ ރިލީފް ޕެކޭޖްގެ ސަބަބުން ޓްއަރިޒަމްގެ ވިޔަފާރިތަކަށް ފައިދާއެއް ނެތްކަން ފާހަގަ ކުރަމުން މަޓީއިން ވަނީ ޓްއަރިޒަމްގެ ވިޔަފާރިތައް ހިމާޔަތް ކުރަން ސަރުކާރުން އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ. އަދި ޓްއަރިޒަމް ސިނާއަތަށް ކުރާ އަސަރުތަކާ މެދު ސަރުކާރުން ޖަހާ އަންދާޒާތައް ނުބައިކަން ވެސް މަޓީއިން ވަނީ ފާހަގަކޮށްފަ އެވެ.
އެހެން ނަމަވެސް މިނިސްޓަރު ފައްޔާޒު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ވިޔަފާރިތަކަށް އެހީވުމުގެ ޕެކޭޖްތައް ތައާރަފް ކުރުމުގެ ކުރިން މަޓީއާ އެކު އެތައް ފަހަރެއްގެ މަތިން މަޝްވަރާ ކުރި ކަމަށެވެ. އަދި މަޓީއިން ހުށަހެޅީ، ރިސޯޓްތަކުގެ ތިން މަހުގެ ކުލި މާފްކޮށް ދިނުމަށް ކަމަށާއި ނަމަވެސް ސަރުކާރުން އެއްބަސްވީ ދެ މަހުގެ ކުލި ފަހުން ބަހާލައިގެން ދައްކާ ގޮތަށް ކުލި ލަސްކޮށް ދިނުމަށް ކަމަށެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުން އެދުނީ، 8،000-10،000 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރައި ކުޑަނުކުރުމަށާއި ވަޒީފާއިން މުވައްޒަފުން ނުކެޑުމަށް ކަމަށެވެ.
އެހެން ނަމަވެސް، މަޓީއިން ބޭނުންވީ، ޓްއަރިޒަމްގެ ހުރިހާ ފަރާތްތަކަށް ވެސް ރިލީފް ޕެކޭޖް ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން އިސްކަން ދެނީ ދިވެހި ވަޒީފާތައް ހިފެހެއްޓުމަށް ކަމަށާއި އެކަން ކަށަވަރު ނުވާގޮތަށް ލުއި ނުދެވޭނެ ކަމަށް ދެންނެވި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.