ކެއްސުމާއެކު ނޭވާލާން އުނދަގޫވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އޭނާ ރިޕޯޓުކުރި ފަހުން މިހާރު ދެ ހަފްތާ ވަނީ އެވެ. ގެ މޮނީޓަރިންގެ ހާލަތަށް ލުމަށްފަހު، ސާމްޕަލް ނަގަން އަދި ނާދެ އެވެ. އަދިވެސް ބަލީގެ އަލާމާތްތައް އެބަހުއްޓެވެ. ނަމަވެސް ކޮވިޑް-19 އަށް ޓެސްޓުކުރަން، ސާމްޕަލް ނަގަން އިސްކަން ދެވިފައި ނުވަނީ ފަހަރުގައި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާ ދިމާވެފައި ނުވާނެ ކަމަށް އޭނާ ބުނުމުން ކަމަށް ހީކޮށްގެން އޭނާ އަދިވެސް ގޭގައި އެކަހެރިވެގެން ހުރީ އެވެ.

އަލާމާތްތައް ފެނިގެން ޝަކުވާ ކުރި ނަމަވެސް، ޓެސްޓް ނުހެދި އެކަހެރިވެގެން ތިބެން ޖެހޭ ކަމުގެ ޝަކުވާ އެތައް ބަޔަކު އަންނަނީ ކުރަމުންނެވެ. މިހާރު ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް އިރު، ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ގިނަ ބަޔަކު އަންނަނީ ޕޮޒިޓިވް ވަމުންނެވެ. މިފަދަ މީހުން ފާހަގަވީ އެކްޓިވް ސަވައިލެންސް އާއި ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ކަމަށް ވާއިރު، އަދި ބަލި ޖެހި އަލާމާތެއް ނުފެނި ތިބި އެތައް ބަޔަކު އެޗްޕީއޭގެ ރާޑަރަށް ނާރާ އުޅޭނެ ކަމާ މެދު މިހާރު ޝައްކެއް ނެތެވެ.

ހެލްތް އެންޑް ރީސާޗް ދާއިރާ އިން ގައުމީ ޔުނިވާސިޓީގެ ކޮންސަލަޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. ޝީނާ މޫސާ ބުރާސްފަތި ދުވަހުގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ވިދާޅުވީ އެވާހަކަ އެވެ.

ޑރ. ޝީނާ ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ

ޑރ. ޝީނާ ވިދާޅުވީ އެޗްޕީއޭ އިން ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓުކުރާ އަދަދަކީ ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުންގެ އަސްލު އަދަދު ނޫން ކަމަށެވެ. އެޗްޕީއޭގެ ނަންބަރުތަކަކީ ބައްޔަށް ޓެސްޓުކުރުމުގެ ކެޕޭސިޓީ ހުރި މިންވަރުން ކުރެވޭ ޓެސްޓުތަކުން ބަލި ހުރި ކަމަށް ދެނެގަނެވިފައިވާ މީހުންނެވެ.

ގިނައިން ޓެސްޓު ކުރެވޭ ނަމަ، ދުވާލަކު 30 މީހުންގެ ބަދަލުގައި 300 ބަލި މީހަކު ދެނެގަނެވޭނެ ކަަމަށް ޑރ. ޝީނާ ލަފާކުރައްވަ އެވެ.

"މީގެން ފާހަގަވަނީ އަޅުގަނޑުމެންގެ ޓެސްޓިން ރޭޓު ވަރަށް ދަށޭ. ވަރަށް މަދޭ އަޅުގަނޑުމެންނަށް ޓެސްޓު ކުރެވޭ ވަރު،" ޑރ. ޝީނާ ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގައި ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަނެވެން އަންނަނީ ޓެސްޓުކުރުން ވަރަށް ބޮޑުތަން އިތުރުކޮށްގެންނެވެ. ބަލި ފެތުރުން ވެސް ކޮންޓްރޯލް ކުރެވޭނީ ރެންޑަމް ސާމްޕަލްތަކާއި، ވަލްނަރަބަލް ގްރޫޕްތައް ޓެސްޓުކުރުން އަވަސްކޮށް، އިތުރުކޮށްގެންނެވެ.

ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ ދަށްވުމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝީނާ ވިދާޅުވީ އެންމެ އެދެވޭ ވަރަށް ޓެސްޓު ނުކުރެވުމުގެ ސަބަބުން ނޭނގި، އާއިލާތަކަށް ކޮވިޑް-19 ފެތުރެމުންދާ ކަމަށެވެ.

މިއާއެކު ބަލިން ރައްކާތެރިވުމަށް ގޭގައި ލޮކްޑައުންވެފައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތައް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

"ޓެސްޓު ނުކުރެވުމަކީ އަސްލު ކަންބޮޑުވާ ކަމެއް. ޑިޓެކްޓް ނުވެ އިންފެކްޝަން އުޅުމަކީ ނޭނގި ހުރެ ކްރޯނިކް ޑިޒީސަސް މީހުންގެ ހާލު ކުއްލިއަކަށް ބޮޑުވެގެންދާ ކަމެއް. އޭގެ މާނައަކީ ޕޭޝަންޓް ލިބޭއިރުގައި ބަލިބޮޑުވެފައޭ މި އޮންނަނީ. މެނޭޖު ނުކުރެވޭނެއޭ. ރިސްކު އޮންނަނީ އަވަހަށް ޑިޓެކްޓު ނުކުރެވޭތީ. އެހެންވީމަ އެކްޓިވްކޮށް ކޭސް ހޯދައި ކުރީ ބައިގައި ބަލި ދެނެގަތުން ވަރަށް މުހިންމު. ހާއްސަކޮށް ކްރޯނިކް ޑިޒީޒަސް ހުންނަ މީހުންނާ އުމުރުން ދުވަސްވީ މީހުންނާ،" ޑރ. ޝީނާ ވިދާޅުވި އެވެ.

މާސްޓެސްޓިން ކުރިއަށް ގެންދަނީ --

މިހާރުވެސް އެޗްޕީއޭއިން އަންނަނީ އެކްޓިވް ސާވެއިލަންސް ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ ބޭރުންނާއި ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓްސްގެ ބޭރުން އަދި ފްލޫ ކްލިނިކަށް ގުޅާ މީހުންގެ ތެރެއިން ވެސް ސާމްޕަލް ނަގައި ޓެސްޓު ކުރަމުންނެވެ.

ނަމަވެސް މިއަށްވުރެ ވެސް ބޮޑަށް އެކްޓިވް ކޭސްތައް ހޯދަން ޓެސްޓު ކުރުމުގެ ސްޓްރެޓަޖީ ބަދަލުކުރަން ޖެހިފައިވާކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އަންނަނީ ގައުމުތަކުން ބައްޔަށް ޓެސްޓުކުރުން އިތުރުކުރުމަށް ބާރު އަޅަމުންނެވެ. ޓެސްޓުކުރުން އިތުރުކުރުމުގެ މުހިންމުކަމާއި، އެކަމުން ވައިރަސް ކޮންޓްރޯލްކުރުމުގައި ލިބޭ ކުރިއެރުން އެންމެ ރަނގަޅަށް ފެންނަން އޮތީ ދެކުނު ކޮރެއާއިންނެވެ.

ދެކުނު ކޮރެއާއަށް ކަޅިއެއް!

ދެކުނު ކޮރެއާގައި ވައިރަހުގެ ފުރަތަމަ ކޭހެއް ފެނުނީ ޖެނުއަރީ ފަހުކޮޅު އެވެ. ޖެނުއަރީ 19 އިން ފެބުރުއަރީ 18 އާ ހަމައަށް އެ ގައުމުން ފެނުނީ ބަލީގެ 30 ކޭހެކެވެ. ނަމަވެސް ފެބުރުއަރީ 18 ގައި 31 ވަނަ ކޭހެއް ފެނި، މަންޒަރު މުޅިން ބަދަލުވެގެން ދިޔަ އެވެ. އޭގެ ފަހުން 10 ދުވަހުގެ ތެރޭގައި ދެކުނު ކޮރެއާގައި ބަލި ޖެހިފައިވާ 2،300 މީހުން ރެކޯޑު ކުރެވުނެވެ.

ވައިރަހުގެ ނަންބަރުތަކަށް ކުއްލިއަކަށް ބިންދާލި ބޮޑު ރާޅާއެކު، އެ ގައުމުން ފިޔަވަޅުތައް ވަރުގަދަކުރި އެވެ. ދެކުނު ކޮރެއާއިން ބައްޔާ ދެކޮޅަށް ނެގި އެންމެ ވަރުގަދަ ހަތިޔާރަކީ ޓެސްޓުކުރުން އިތުރުކުރުމެވެ.

އެ ގައުމުން ބައްޔަށް މީހުން ޓެސްޓުކުރުން އިތުރުކުރީ، މީގެ ކުރިން ފެތުރުނު މާސް ވައިރަހުން ކުރެވުނު ތަޖުރިބާގެ އަލީގަ އެވެ. ފަސޭހަކަމާއެކު ފެތުރޭ މިފަދަ ބައްޔަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ޓެސްޓުކުރުން އިތުރުކުރުން ކަމަށް އެގައުމުގެ ތަޖުރިބާއިން ވެސް ދައްކަ އެވެ.

މިހާތަނަށް އެގައުމުން 350,000 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޓެސްޓުކޮށްފަ އެވެ. ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެގަނެވުމުގެ ސަބަބުން އެގައުމުގައި ބަލި ފެތުރުން މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ. އަދި މިހާރު އެގައުމު އަންނަނީ އާންމު ހާލަތަށް ރުޖޫއަވަމުންނެވެ. ކޮރޯނާގެ މައްޗަށް އެ ގައުުމުން ކުރި ހޯދީ، ގައުމު ލޮކްޑައުން ވެސް ނުކޮށެވެ. ޓެސްޓްކޮށް، ޓްރޭސްކޮށް ދެން ބަލި ކޮންޓްރޯލްކުރުމުގެ ފޯމިއުލާ އެންމެ މަސައްކަތް ކުރީ އެވެ.

ކޮރޯނާވައިރަހަށް ޓެސްޓްކުރަނީ --

ނަމަވެސް ދެކުނު ކޮރެއާ ފަދަ ސިއްހީގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުންނާއި އިގްތިސާދީ ގޮތުންނާއިި ހުރިހާ ގޮތަކުން ވެސް ކުރީގައި އުޅޭ ގައުމަކަށް ކާމިޔާބުވި ފޯމިއުލާ ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމެއްގައި މަސައްކަތް ކުރާނެ ކަމާމެދު ވެސް ސުވާލު އުފެދެ އެވެ.

ނަމަވެސް އެކަމުގެ ފައިދާ ރާއްޖެއަށް ވެސް ކުރާނެކަން ޑރ. ޝީނާ ފާހަގަކުރެއްވި އެވެ. ޑރ. ޝީނާ ވިދާޅުވީ އެޗްޕީއޭއިން ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ނަމަވެސް ދިމާވެފައިވާ ގޮންޖެހުމަކީ ވަސީލަތްތައް ލިބުމުގެ ދަތިކަން ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށާއި، އެކަމަށް ކުރާ އެއް މަސައްކަތަކީ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.

"ހަރަދު ކުރުމުގެ ޕްރަޔޯރިޓީގެ މައްސަލައެއް ނޫން. ޕްރަޔޯރިޓީ އަކީ ހަމަ ނަންބާ ވަން،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެންމެ ބޮޑު ދަތިކަމެއް ދިމާވަނީ ބައްޔަށް ޓެސްޓު ހަދާ މެޝިންތައް ލިބުމުގައި ކަމަށެވެ. ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ޓެސްޓުކުރާ މެޝިނަރީއަށް ޑިމާންޑު ކުރަމުން އަންނާތީ ރާއްޖެއަށް ވެސް އެ ދަތިކަން ކުރިމަތިވަނީ އެވެ.

މިހާރު އައިޖީއެމްއެޗްގެ އިތުރުން ފުލުހުންގެ އަތުގައި ހުރި މެޝިނެއް ވެސް އަންނަނީ ޓެސްޓު ކުރުމުގައި ބޭނުންކުރަމުންނެވެ.

ޓެސްޓިން އިތުރުކުރަން އެހެން މަގުތަކެއް ހޯދަން މިހާތަނަށް ކުރި މަސައްކަތުން އަދި ކޮޅެއް ފެނިފައެއް ނުވެ އެވެ. މި މަހުގެ ކުރީކޮޅު އައިޖީއެމްއެޗަށް ގެންނަން އުޅުނު އެކްސްޓްރެކްޝަން މެޝިނު މިހާރު ރާއްޖެ ގެނެވޭނެ ކަމަށް ބެލެވެނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޓެސްޓު ކުރެވެނީ 400 ސާމްޕަލެވެ. ނަމަވެސް އާ މެޝިން ލިބުމާއެކު ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވޭ އަދަދު ދުވާލަކަށް 600 އަށް އިތުރު ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ރައީސް އޮފީހާއި، ހެލްތު މިނިސްޓްރީ އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ވެސް އެކަން ކޮށްދެވޭނަމަ، މެޝިންތައް ގަންނަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

"މަސައްކަތް އެބަ ކުރެވޭ. އަޅުގަނޑުމެން މެޝިން ނުގަންނާން އެހެން ކަމަކަށް އިސްކަން ދީގެން ތިބީކީ ނޫން. ހަމަ އެ ހޯދުމުގައި އޮތް ދައްޗެއް އޮތީ،" މަބްރޫކް ވިދާޅުވިއެވެ.

ހެނބަދޫގައި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ބައެއްގެ ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ ޓީމް -- ފޮޓޯ/ ހެނބަދޫ އިންސައިޑާ އެފްބީ ޕޭޖް

ނަންބަރުުތަައް ބިރުވެރި، އަވަސް ފިޔަވަޅުތަކެއް މުހިންމު!

ޑރ. ޝީނާ ހިއްސާކުރެއްވި ޕްރޮޖެކްޝަންތަކުން އެނގޭ ގޮތުގައި މުޅި ރާއްޖެއިން 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެއެވެ.

މިހާރުގެ ނަންބަރުުތަކަށް ބަލާއިރު، ރާއްޖެ ޕީކަށް ދާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އެ ހިސާބަށް ދާއިރު އެކްޓިވް ކޭސްތަކުގެ ޖުމްލަ އުޅޭނީ 6804 ގައި ކަމަށާއި، 281 މީހަކު އެޑްމިޓްކޮށްފައި ތިބޭނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ. އަދި އައިސީޔޫގައި 101 މީހަކަށް ފަރުުވާ ދޭން ޖެހި، އައިސީޔޫގެ 100 އެނދު މުޅިން ފުރޭނެ އެވެ.

އެހެންކަމުން މި މަހަށް އަންދާޒާކޮށްފައިިވާ ސާޖް ތިރިކުރުމަށް ހަލުވި ފިޔަވަޅުތަކެއް އަޅައި، ފަރުވާގެ ކަންކަން މިވަނީ އަވަސްކުރަން ޖެހިފަ އެވެ. ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެ ގަނެ އެކަހެރިކޮށް ބަލި އިތުރަށް ފެތުރިގެން ދިޔުން މި ވަނީ ހުއްޓުވަން ޖެހިފަ އެވެ. ފަރުދީ ޒިންމާ އަދާކޮށް، "ލޮކްޑައުން" އޭގެ ހަގީގީ މާނައިގައި ތަންފީޒުކުރުން މިވަނީ ރާއްޖެއަށް ލާޒިމްވެފަ އެވެ.