08 May 2020, 09:46
ބާލިން (މެއި 8): ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ސަރުކާރުން އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ރައްޔިތުން ތާއިދު ކުރާކަން ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފި އެވެ.
ސިޔާސީ މަސްރަހު ދިރާސާ ކުރާ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ އިންފްރާޓެސްޓް ޑިމަޕްއިން ނެގި ވޯޓެއްގައި ބައިވެރިވި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ވަނީ ސަރުކާރުން ވައިރަހާ ކުރިމަތިލި ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އަދި މިހާރު މާކެލްގެ މަގުބޫލުކަން ވަނީ 60 ޕަސެންޓަށް އަރައިފަ އެވެ. އެއީ ޖުލައި 2017ގެ ފަހުން އޭނާގެ މަގުބޫލުކަން އެހާ ވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ) ޕާޓީގެ މަގުބޫލުކަން ވަނީ އޮގަސްޓު 2017ގެ ފަހުން ނާރާ މިންވަރަކަށް މިހާރު އިތުރުވެފަ އެވެ. އެއީ 39 ޕަސެންޓަށެވެ. އަދި އެއީ މިދިޔަ މަހާ އަޅާ ބަލާއިރު ފަސް ޕަސެންޓު އިތުރު އަދަދެކެވެ.
ޖަރުމަނުން ކޮރޯނާވައިރަހާ ކުރިމަތިލި ގޮތަށް އެގައުމުން ބޭރުން ވެސް ވަނީ ތައުރީފު ލިބިފަ އެވެ. އެގޮތުން އެގައުމުގައި ވައިރަސް ފެތުރުނު މިންވަރާ އަޅާ ބަލާއިރު ބަލީގައި މަރުވި މީހުންގެ އަދަދު ދަށްވުން ވެގެން ދިޔައީ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ.
ޖަރުމަނުގައި މިހާތަނަށް 169،430 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 7،392 މީހަކު ވަނީ މަރުވެފަ އެވެ. އެއާ އަޅާ ބަލާއިރު، ޖަރުމަނަށް ފަހު ވައިރަހުގެ ކޭސްތައް އެންމެ ގިނައީ ފްރާންސުގަ އެވެ. އަދި އެގައުމުގައި 174،918 މީހަކު ޕޮޒިޓިވްވި އިރު، 25،990 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.
ޖަރުމަނުގައި ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު އެހެން ގައުމުތަކާ އަޅާ ބަލާއިރު މަދުވުމުގެ ސަބަބުތަކުގެ ތެރޭގައި އެގައުމުން ދުރާލާ، ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރުމާއި ވަރުގަދަ ސިއްހީ ނިޒާމެއް ގާއިމުވެފައި އޮތުން ހިމެނެ އެވެ. އެގޮތުން މިއަހަރު ފެށުނު އިރު ޖަރުމަނުގައި 28،000 އައިސީޔޫ އެނދު ހުއްޓެވެ. އެއީ ކޮންމެ 100،000 މީހަކަށް 34 އެނދެވެ. އެއާ އަޅާ ބަލާއިރު އޭރު އިޓަލީގައި އެ ރޭޓަކީ ކޮންމެ 100،000 މީހަކަށް 12 އައިސީޔޫ އެނދެވެ.
މީގެ އިތުރުން ޖަރުމަނުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތުމުން، ސަރުކާރުގެ އިރުޝާދުތަކަށް މީހުން ބޯލެނބުމަކީ ވެސް އެގައުމުގައި ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ފަސޭހަކޮށްދޭ އެއް ސަބަބު ކަމަށް ކަމާ ބެހޭ މާހިރުން ފާހަގަ ކުރެ އެވެ.
ޖަރުމަނުގެ ހެލްތު މިނިސްޓްރީން ވަނީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް މިދިޔަ މަހު އިއުލާންކޮށްފަ އެވެ. އަދި އެގައުމުން ވަނީ ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކޮށް، ފިހާރަތަކާއި ސްކޫލުތައް ހުޅުވަން ފަށާފަ އެވެ.
ނަމަވެސް މާކެލް ވަނީ ބަލިމަޑުކަމުގެ ފުރަތަމަ ފޭސް ނިމުނު ނަމަވެސް މީ ދިގު މުއްދަތަކަށް އޮންނާނެ ބައްޔެއްކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ގައުމުގައި ވައިރަސް ފެތުރޭ މިންވަރު އަދިވެސް ބަލަމުން ދާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.