ދީނުގައި ކުށްކުށުގައި އަދަބު ކަނޑައަޅާނެ ގޮތަކާ މެދު މަޝްވަރާ ކުރަން ރާއްޖޭގެ ރާއްޖޭގެ ހުރިހާ ދީނީ ދަންނަ ބޭކަލުންނާއި ޤާނޫނީ މާހިރުންނަށް ސިޓީއެއް ފޮނުވަން ގަސްދު ކުރައްވާ ކަމަށް ރައީސްލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭޑިޔޯ ހިތޯބުގައި އެމަނިކުފާނު މިއަދު ވިދާޅުވީ ދަންނަ ބޭކަލުންނަށާއި ގާނޫނީ މާހިރުންނަށް އެމަނިކުފާނު ފޮނުއްވަވާ ސިޓީގައި ރާއްޖޭގައި ހިނގަމުންދާ ބައެއް ކުށްކުށާއި، އެ ކުށްކުށަށް މިހާރު ދޭ އަދަބުތަކާއި، އަދި ދަންނަ ބޭކަލުންނާއި ޤާނޫނީ މާހިރުންގެ ނަޒަރުގައި، އެ ކުށްތަކަށް ދޭންވީ އަދަބުތަކަކީ ކޮބައިތޯ ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

ދިވެހިން އިސްލާމް ދީނަށް އެނބުރުނީ މެދުމިނުގެ ދީނަކަށްވާތީ އުޅެން ފަސޭހަވާނެތީ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އިސްލާމްދީން ޙިމާޔަތް ކުރުމުގެ ނަމުގައި މުޒާހަރާއަކަށް މިއަދު ބަޔަކު ނުކުންނަނީ ރާއްޖޭގައި ހަރުކަށި ދީނީ ޙުކުމްތައް ޤާއިމް ކުރަން އަޑު އުފުލަން ކަމަށެވެ. އެކަމާމެދު ސަރުކާރުން ދެކޭގޮތް، އެކިފަހަރު މަތިން ސާފުކޮށް ދެވިފައިވާނެ ކަމަށެވެ.

"ސަރުކާރަށް ފެންނަ ފެނުމުގައި، ދިވެހިން އަބަދުވެސް ޢަމަލު ކުރަމުން އައީ އަދި ދިރިއުޅެމުން އައީ މެދުމިނަށް ހުރި އުޞޫލުތަކެއް ގެންގުޅެމުން. ދިވެހިން އިސްލާމްދީނަށް އެނބުރުމުގައި ވެސް ތާރީޚީ ނަޒަރަކުން މިކަން އަޅުގަނޑުމެން ދެކިއްޖެނަމަ، އެންމެ ބޮޑަށް ބާރުއެޅި އެއްސަބަބަކީ މެދުމިނުގައި، އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަމުން، އިސްލާމްދީނަށް ދިވެހިންނަށް އުޅެން ފަސޭހަވެގެން އަންނަކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނުގެ ޙުކުމްތައް ގޮތުގައި އަންގަން އެކި ފަރާތްތަކުން އެކި ބާވަތްތަކުގެ ކަންކަން ފާހަގަ ކުރާ ކަމަށާއި އޭގެ ތެރެއިން އިސްލާމްދީނުގެ ސީދާ ޙުކުމްތަކަކީ ކޮބައިތޯ ދެނެގަންނަންޖެހޭ ކަމަށެވެ.

"އަޅުގަނޑު މިހާރު ޤަޞްދު ކޮށްފައިވާނީ، ރާއްޖޭގެ ހުރިހާ ދީނީ ދަންނަ ބޭކަލުންނަށާއި، އަދި ޤާނޫނީ މާހިރުންނަށް ސިޓީއެއް ފޮނުވަން. އެ ސިޓީގައި އަޅުގަނޑު މި ބަޔާންކުރަނީ، މިހާރު މި ރާއްޖޭގައި ހިނގަމުންދާ ބައެއް ކުށްކުށާއި، އެ ކުށްކުށަށް މިހާރު ދެވޭ އަދަބުތަކާއި، އަދި އެ ދަންނަ ބޭކަލުންގެ ނުވަތަ ޤާނޫނީ މާހިރުންގެ ނަޒަރުގައި، އެ ކުށްތަކަށް ހުންނާންވީ އަދަބުތަކަކީ ކޮބައިތޯ ސާފުކޮށްދެއްވުމަށް" ރައީސް ވިދާޅުވި އެވެ.

"... ވައްކަންކުރާ މީހަކަށް މިހާރު ދެވޭ ޢުޤޫބާތް، ޤާނޫނުލް ޢުޤޫބާތުގައި ކަނޑައެޅިފައި އެބައޮތް. އަދި އެހެންވެސް ކުށްތައް ކުރާ ފަރާތްތަކަށް ދެވޭ ޢުޤޫބާތް، ޤާނޫނުލް ޢުޤޫބާތުގައި ފާހަގަކުރެވިފައި އެބައޮތް. މިދެންނެވި ކަންކަމުގެ އިތުރުންވެސް، މިދިޔަ ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ނަޒަރަށް ގެނެވިފައިވާ އެހެން ބާވަތުގެ ކަންތައްތަކެއް ވެސް އެބަހުރި. ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ، އެކަންކަމާ ގުޅޭގޮތުން ޢުޤޫބާތެއް ނުވަތަ ޤާނޫނެއް އޮންނާންޖެހޭ ކަންކަން. މިސާލަކަށް، މިޔުޒިކް އަޑުއެހުން، މިޔުޒިކް ކުޅުން، ސޫރަ ކުރެހުން، ސޫރަ ދެއްކުން، އަންހެންކުދިން ޚިތާނު ކުރުން، ވެކްސިން ނުޖެހުން، މިހެންގޮސް މިބާވަތުގެ ކަންތައްތަކެއް އަޅުގަނޑުމެންނަށް މިހާރު ފާހަގަވަމުން އެބައާދޭ"

ރައީސް އަދި ވިދާޅުވީ ދަންނަ ބޭކަލުންނާއި ޤާނޫނީ މާހިރުންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގަންނަވާނީ އެފަދަ ފެންނަ ހެޔޮ ލަފާ، އިސްލާމީ ރީތި ގޮތްތަކަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ކަމަށެވެ. އަދި ބޭނުންފުޅުވަނީ އެބޭފުޅުން ވިދާޅުވާ އެއްޗެއްގެ ބެއްލެވުމަށް ފަހު ރައްޔިތުން އެދޭ ގޮތްތަކަކީ ކޮބައިތޯ ސާފު ކުރެއްވުމަށް ކަމަށެވެ.

މިއަދު ކުރާ މުޒާހަރާއަށް ނުކުންން ފަރާތތުން އެއީ އިސްލާމްދީން ޙިމާޔަތް ކުރުމުގެ ގޮތުން ބާއްވާ މުޒާހަރާއެއް ކަމަށް ބުނި ނަމަވެސް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން މިއަދު ނުކުންނަނީ މެދުމިނަށް ކުރާ ތާއީދުގައި ކަމަށާއި އެމްޑީޕީގެ ފިކުރާއި ޚިޔާލު، ރާއްޖޭގެ ރައްޔިތުންނަށް ދައްކައިދިނުން މުހިންމު ކަމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު މި އެއްވާ އެއްވުންތަކުގެ ތެރެއިން މެދުމިނަށް ކުރާ ތާއީދުގައި އެއްވާ އެއްވުމުގައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ބައިވެރިވާނެ. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ މަޤްޞަދަކީ، އަޅުގަނޑަކީވެސް މެދުމިނަށް ތާއީދުކުރާ މީހެއްކަން، އަޅުގަނޑު ހިތުން އަޅުގަނޑުގެ ޕާޓީގެ ހުރިހާ ބޭފުޅުންނަށާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފުވުން މުހިންމު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނު މިއަދު އެމްޑީޕީއާއެކު ނުކުންނަވާއިރު ހަމަނުޖެހުމެއް ނޫފެދޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށާއި އެކަން އެގޮތަށްވިޔަ ނުދިނުމަށް އިލްތިމާސް ވެސް ކުރައްވާފައިވާނެ ކަމަށެވެ.

"ތަކުރާރު ކުރަންވެސް ބޭނުން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ކިބައިގައި އަދި މެދުމިނަށް ތާއީދުކުރާ އެންމެހާ ރައްޔިތުންގެ ކިބައިގައިވެސް އެ ހިތްވަރު ހުންނަންޖެހޭނެއޭ. ޖެހިޔަސް ނުޖަހާ، ލިބުނު އަނިޔާއެއް ތަޙައްމަލްކޮށް، ކެތްކުރުމުގެ ހިތްވަރު ހުންނަންޖެހޭނެއޭ. މީހަކު ކުރާ ކަމެއްގެ ސަބަބުން، ތިމަންނާއަށް ބަދަލު ހިފާކަށް ނުޖެހޭ. ރައްދު ދޭކަށް ވެސް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތޯބުގައި ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން ރާއްޖޭގެ ވެރިކަން ޙަވާލުކުރަނީ ވޯޓެއް ލުމަށްފަހުގައި ކަމަށާއި އަޣްލަބިއްޔަތު ވޯޓް ލިބޭ ފަރާތަކާ ވެރިކަން ޙަވާލުވާއިރު ވެރިން، އެކިއެކި ކަންކަމުގައި ދެކެނީ ކޮން ގޮތަކަށްކަން ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު، ރައްޔިތުންނަށް މިހާރު ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މެދުމިނުގެ، ސެންޓަ ރައިޓްގެ ނުވަތަ ފަލްސަފާއެއް އިޤްތިޞާދީ ކަންކަމުގައި ދެކެ އަދި އެ ފަލްސަފާގައިވާ އުޞޫލުތަކާ އެއްގޮތުން، ރާއްޖޭގެ މާލިއްޔަތާއި އިޤްތިޞާދު ބައްޓަން ކުރަމުން އަންނަ ސިޔާސީ ޕާޓީއެއް. އިޖްތިމާޢީ ކަންކަމުގައި އަޅުގަނޑުމެން ދެކޭގޮތް، އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމާއި އަދި އެހެންވީމާ، އެ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދެން ކުރާންޖެހޭ އެންމެހާ ކަންކަން ކުރުން. އަދި ހަމައެހެންމެ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް، އެ ޕާޓީއެއްގެ ދީނީ ސިޔާސަތު ނުވަތަ އިސްލާމްދީން، އެ ޕާޓީއަކުން ދެކޭގޮތާއި، އިސްލާމްދީނުގެ ކަންކަމާ ގުޅޭގޮތުން އެ ޕާޓީއަކުން ދެކޭގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ، ރައްޔިތުންނަށް ނުހަނު ބޭނުންތެރިކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދަންނަ ބޭކަލުން ވިދާޅުވާ އެއްޗެއްވެސް ރައްޔިތުންނަށް ސާފުކޮށްދިނުމަށް. އަދި ދަންނަ ބޭކަލުން އެވިދާޅުވި ވިދާޅުވުންތަކުގެ މައްޗަށް ބިނާކޮށް، ސިޔާސީ ޕާޓީތަކުން ދެކޭ ދެކުންތައްވެސް ރައްޔިތުންނަށް ވީހާވެސް ސާފުކޮށް ފޯރުކޮށްދެވޭތޯ." ރައީސް ވިދާޅުވި އެވެ.