މިދިޔަ ހަފްތާގައި އެކަނި ވެސް އެމެރިކާގައި 3.2 މިލިއަން މީހުންގެ ވަޒީފާ ގެއްލިގެން އެލެވަންސްއަށް އެދިއްޖެ އެވެ. އަދި އެ އަދަދު ވަނީ މިހާރު 33 މިލިއަނަށް އަރައިފަ އެވެ.

އޭގެ ކުރީ ހަފްތާގައި ވަޒީފާ ގެއްލިގެން 3.8 މިލިއަން މީހުން ވަނީ އެލަވަންސަށް އެދިފަ އެވެ.

ވަޒީފާ ގެއްލޭ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް މިއީ ފަހުގެ ތާރީހެއްގައި އެހާ ގިނަ ބަޔަކު ވަޒީފާ ގެއްލުނު ފަހަރެވެ. ހާއްސަކޮށް 2008 ވަނަ އަހަރު ކުރި އިގްތިސާދީ ކާރިސާއާ އަޅާ ބަލާއިރު މިއީ ވަރަށް ބޮޑު އަދަދެކެވެ.

އެހާ ގިނަ ބަޔަކު ވަޒީފާގެ އެލެވަންސަށް އެދުނުއިރު ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމު މިހާރު އޮތީ ލޮކްޑައުންގަ އެވެ.

މިދިޔަ މާޗް މަހުން ފެށިގެން ލޮކްޑައުންގެ ހާލަތުގައި އޮތް އެމެރިކާއިން ވަޒީފާ ގެއްލުނު މީހުންގެ އަދަދު މިހާރު ވަނީ 33 މިލިއަނަށް އަރައިފަ އެވެ.

ދުނިޔޭގެ އެކޮނޮމިސްޓުން ބުނަމުންދާ ގޮތުގައި ކޮރޯނާ ވައިރަހުގެ ސަބުބުން 1930 ވަނަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގައި އުފެދުނު "ދަ ގްރޭޓް ޑިޕްރެޝަަން" (ބޮޑު ތަދު)ގެ ދުވަސްވަރަށް ފަހު ދުނިޔެ ނުދެކޭހާ މިންވަރަށް ގައުމުތަކުގެ އިގްތިސާދު ހަލާކުވެގެން ދާނެ އެވެ.

އެހެން ކަމުން މިކަމުގެ ތެރެއިން އަރައިގަތުމަށް އެމެރިކާއިން ވަނީ ދެ ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައި، ވަޒީފާ ގެއްލޭ މީހުންނަށް އެހީވުމަށާއި، އިގްތިސާދު އަލުން އާރޯ ކުރުމަށް އެ ފައިސާ ބޭނުން ކުރަން ނިންމާފަ އެވެ.

އެމެރިކާއަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި 1.2 މިލިއަނަށް ވުރެ ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، 76،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ބީބީސީ