"މިހާރު ނީވޭ މިސްކިތުގައި ނަމާދު ކުރާ އަޑެއް. އިވެނީ ހަމައެކަނި ބަންގީގެ އަޑު. ރޯދަ މަހެއް ހެން ހިޔެއް ވެސް ނުވޭ މިސްކިތްތައް ފަޅު ކަމުން،" މިއީ އެތައް ދިވެހިންގެ ހިތަށް އަރައި ފައިބާ ޝުއޫރުތަކެވެ.

ކޮންމެ ރަމަޟާން މަހެއްގައި ވެސް މިސްކިތްތަކުން ފެންނަނީ ގިނަ ބަޔަކު އަޅުކަމުގައިި ޝާމިލުވެ އުޅޭ ތަނެވެ. އެހެން މަސްތަކާ އަޅާބަލާއިރު ރަމަޟާން މަހު ނަމާދުގެ ޖަމާއަތުގައި ބައިވެރިވާ މީހުން ބޮޑުތަނުން ގިނަވެ އެވެ. ތަރާވީހު ނަމާދާއި ދަމު ނަމާދުގެ ޖަމާއަތަށް ވެސް ގިނަ މީހުން ދެއެވެ.

ނަމާދަށް ފަހު ގުރުއާން ކިޔެވުމާ ޒިކުރު ކުރުމުގައި އެތައް ބަޔަކު މިސްކިތުގައި މަޑުކުރެ އެވެ. މިސްކިތުގައި އެންމެން އެކުގައި ރޯދަ ވީއްލުމާއިި، ތަރާވީސްތައް ބާއްވައި އަހުވަންތަކަމުގެ ގުޅުން ބަދަހިކޮށް އުޅެއެވެ.

ނަމަވެސް މި އަހަރުގެ ރަމަޟާން މަސް ދިވެހީންނާ ބައްދަލުކުރީ ބަލިމަޑުކަމެއްގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކޮށްފައި ވަނިކޮށެވެ. ރަމަޟާން މަސް ދެބައިވެގެން މިދަނީ ވެސް މިސްކިތްތަކުގެ ވަށައިގެން ޓޭޕު ދަމާފައި ވަނިކޮށެވެ.

މޭ 7، 2020: ކޮވިޑް19 ފެތުރޭތީ މުޅި ރާއްޖޭގައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި، މިސްކިތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. އާންމުކޮށް ރަމަޟާން މަހުގައި ފުރާލާ މިސްކިތްތަކަށް މި ރަމަޟާން މަހު ވަދެ ހަދަނީ ބަންގި ގޮވުމަށް މުދިމުން އެކަނި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހަޔާތުގައި އަދި ދުވަހަކު ވެސް މިކަހަލަ ކަމެއް ދިމައެއް ނުވޭ. ވަރަށް ދެރަވޭ. ވަރަށް ހިތްދަތިވޭ،" ވިލިމާލޭގައި ހުންނަ އިޚްލާސް މިސްކިތުގެ އިމާމު އަހްމަދު ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް އަކީ 2000 ވަނަ އަހަރުން ފެށިގެން މިސްކިތްތަކުގައި އިމާމުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ. މީގެކުރިން ބަނޑޮސް އައިލެންޑު ރިސޯޓުގެ މިސްކިތުގައާއިި، މާލޭގެ ފުރުޤާން މިސްކިތާއި ފަނޑިޔާރު މިސްކިތުގައި ވެސް އިމާމުކަން ކުރެއްވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި އިމާމުކަން ކުރައްވާތާ މިވީ 20 އަހަރުގެ ތެރޭގައި އަދި މިފަދަ ކަމަކާ ކުރިމަތިލާން ޖެހިފައެއް ނުވެ އެވެ. މީގެ ކުރިން އަބަދުވެސް ރިޔާޒްގެ ފަހަތުގައި މީހުން ނަމާދަށް އަރަ އެވެ. ނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލުވެފަ އެވެ. މިހާރު ބަންގި ގޮވުމަށްފަހު އެކަނި ނަމާދު ކޮށްލައިގެން ގެއަށް ދަނީ އެވެ.

"މުޅި މިސްކިތް އޮންނަނީ ފަޅުކޮށް. ވަރަށް ހިތްދަތިވޭ ހަގީގަތުގައި ވެސް،" މެންދުރު ނަމާދަށްފަހު މިސްކިތުގައި އިންނަވާ ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރަމަޟާން މަހެއް ނިމިގެން ދާއިރު، ރަށު ތެރެއިން ނަމާދު ކުރާ އަޑު ނީވުމާއި، ތަރާވީހު ނަމާދު ކުރާ އަޑު ނީވޭތީ ދެރަވެގެން އާންމުން ވެސް އޭނާ ކައިރީ އެވާހަކަ ދައްކާ ކަމަށެވެ.

މޭ 7، 2020: ކޮވިޑް19 ފެތުރޭތީ މުޅި ރާއްޖޭގައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި، މިސްކިތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. އާންމުކޮށް ރަމަޟާން މަހުގައި ފުރާލާ މިސްކިތްތަކަށް މި ރަމަޟާން މަހު ވަދެ ހަދަނީ ބަންގި ގޮވުމަށް މުދިމުން އެކަނި — ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ ހާލަތުގެ ސަބަބުން މިސްކިތުގެ އިމާމުން ފަދައިން، ގަވާއިދުން ޖަމާއަތަށް މިސްކިތައް އަރާ އާންމުންނަށް ވެސް ވަނީ ބޮޑު މޮޅިވެރިކަމެއް ގެނުވައިިފަ އެވެ. ވަކިން ހާއްސަކޮށް، އުމުރުން ދުވަަސްވީ ފަރާތްތަކަށެވެ. އިއްޔެގެ މެންދުރު ނަމާދު ވަގުތުގައި ދިމާވި ހާދިސާއެއް ރިޔާޒް ހިއްސާކުރެއްވި އެވެ.

"މެންދުރު ނަމާދު ކޮށްލައިގެން ފޭބި އިރު އަޅުގަނޑަށް ފެނިއްޖެ ދޮރު ކައިރީގައި ވަރަށް ދުވަސްވީ ބޭބެއަކު މަޑުކޮށްލައިގެން ހުއްޓާ. ރަނގަޅަށް ނުވެސް ހިނގޭ ބޭބެއެއް އޭރުވެސް ހުރީ ދަނޑިގަނޑު ހިފައިގެން އައިސް. އަޅުގަނޑު އަހާލީމަ ބުނީ މިސްކިތް ހުޅުވާލައިފިއޭ މީހަކު ބުނެގެންނޭ މި އައީ،" ރިޔާޒް ކިޔައިދެއްވި އެވެ.

އެ ބޭބެ އެ ހާލުގައި ވެސް މިސްކިތަށް ދިޔަ ނަމަވެސް، މިސްކިތުގެ ވަށައިގެން ދަމާފައިިވާ ޓޭޕު ކަނޑާލައި، އެ ބޭބެއަށް މިސްކިތުގައިި ނަމާދުކޮށްލުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. މިސްކިތްތައް ބަންދުކޮށްފައި ވަނީ އެންމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.

އެހެންކަމުން މި ހާލަތުގައި ހުރިހާ ރައްޔިތުން ވެސް ކެތްތެރިވެ، ދުއާކުރުން އިތުރުކުރުމަށް ރިޔާޒް ނަސޭހަތްތެރިވި އެވެ. މިސްކިތުގައި ޖަމާއަތް ނުހެދުނު ނަމަވެސް، ގޭގައި ނަމާދުކޮށް، އަޅުކަން ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. މިސްކިތަށް ދެވޭނެ ސިއްހަތުގައި ހުރެ، ހާލަތު ތަން ދޭނަމަ، މިސްކިތުން ދުވާލަކު ފަސް ފަހަރު ބަންގީގެ އަޑު އިވޭނެ ކަމުގެ ޔަގީންކަން ރިޔާޒް ދެއްވި އެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ ހުރިހާ ބޭފުޅުން ވެސް ކެތްތެރިވެވަޑައިގެން، ރައްކާތެރިވެވަޑައިގަންނަވާށޭ. ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް ގޭގައި މަޑުކުރައްވާށޭ. ގޭގައި ތަރާވީހު ނަމާދާއި ފަރުޟު ނަމާދުތައް ކުރައްވައި ދުއާކޮށް ޒިކުރު ކުރައްވާށޭ. މިކަމުން ސަލާމަތްވެ މިސްކިތް ހުޅުވޭ ދުވަސް އަައުމުން އަޅުގަނޑުމެން އެ އުފާވެރި ޚަބަރު ރަށު ތެރޭގައި ގޮވާނަން. އިހަށް ގޭގައި މަޑުކޮށްލަދެއްވާ،" ރިޔާޒް ވިދާޅުވި އެވެ.

މޭ 7، 2020: ކޮވިޑް19 ފެތުރޭތީ މުޅި ރާއްޖޭގައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި، މިސްކިތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. އާންމުކޮށް ރަމަޟާން މަހުގައި ފުރާލާ މިސްކިތްތަކަށް މި ރަމަޟާން މަހު ވަދެ ހަދަނީ ބަންގި ގޮވުމަށް މުދިމުން އެކަނި — ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަލާލުއްދީން މިސްކިތުގެ އިމާމު އަބްދުއްރަޝީދު ވެސް މިހާރު ކުރިމަަތިވެފައިވާ ހާލަތު ސިފަކުރެއްވީ ވަރަށް ހިތްދަތި ހާލަތެއްގެ ގޮތުގަ އެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް، އަބްދުއްރަޝީދު ސިފަކުރައްވަނީ މިއީ ހުރިހާ މުސްލިމުންނަށް ވެސް ލިބުނު ދެވަނަ ފުރުސަތެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެންނަށް ދިރިއުޅުމުގެ ހަގީގީ މަގުސަދު އޮޅިފައި އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ. ގިނައިން ވަގުތު ހޭދަކުރެވެނީ ޓީވީ ބެލުމާއި، ސޯޝަލް މީޑިއާގަ. އެހެންކަމުން ގޭގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅަކީ އަލުން ދިރިއުޅުމުގެ މަގުސަދާ މަސްއޫލިއްޔަތާ މެދު ވިސްނާލަން ލިބުނު ފުރުސަތެއް،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

އަބްދުއްރަޝީދު ވަނީ މިސްކިތުގައި ޖަމާއަތް ނުހެދުނު ނަމަވެސް އެއްވެސް މީހަކު މާޔޫސްނުވުމަށް އެދިވަޑައިގެންފަ އެވެ. ނަމާދަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެއް ކަމަށާއި، އެހެންކަމުން މިސްކިތަށް ނުދެވުނު ނަމަވެސް ގޭގައި ބަރާބަރަށް އަޅުކަން ކުރުމަށް ހަނދާންކޮށްދެއްވި އެވެ.

އަބްދުއްރަޝީދު ވިދާޅުވީ މިއީ އަނބިދަރީންގެ މައްޗަށް އޮތް މަސްއޫލިއްޔަތާ މެދު ވިސްނާލާ، އެމީހުންނާ އެކު ވަގުތު ހޭދަކޮށް، އަމިއްލަ ނަފްސަށާއި ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ލިބިފައިިވާ ރަނުގެ ފުރުސަތެއް ކަމަށެވެ.

އާއިލާއާއެކު ގޭގައި ތިބެން ލިބިފައިވާ ދުވަސްތަކަކީ އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޭ 7، 2020: ކޮވިޑް19 ފެތުރޭތީ މުޅި ރާއްޖޭގައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި، މިސްކިތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. އާންމުކޮށް ރަމަޟާން މަހުގައި ފުރާލާ މިސްކިތްތަކަށް މި ރަމަޟާން މަހު ވަދެ ހަދަނީ ބަންގި ގޮވުމަށް މުދިމުން އެކަނި — ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންކަމުން ހުރިހާ ބޭފުޅުން ވެސް ކެތްތެރިވެ، މިކަމުން ނަޖާވަންދެން ސަބަބުތަކުގައި ހިފައިގެން ސާބިތުކަމާ އެކު ތިއްބެވުން މުހިންމު. މިއީ ދެވަނަ ފުރުސަތެއް،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން ހުއްޓާލިފަހުން މިހާރު ދެ މަސް ވާން ކައިރިވެފައި ވާއިރު، މިސްކިތްތަކުގެ ވަށައިގެން ދަމާފައިވާ ރީނދޫ ޓޭޕުތައް ކަނޑާލެވޭނެ ދުވަހެއް އަދި ނޭނގެ އެވެ. މި ހުކުރު ވެސް ވެގެންދާނީ، ހުކުރު ނަމާދުގެ ޖަމާއަތް ވެސް ނުހެދޭ ފަޅު ހުކުރަކަށެވެ. މިސްކިތްތްތަކުގައި މިއަދު ވެސް ތިއްބަވާނީ އިމާމުން އެކަންޏެވެ.

މޭ 7، 2020: ކޮވިޑް19 ފެތުރޭތީ މުޅި ރާއްޖޭގައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި، މިސްކިތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. އާންމުކޮށް ރަމަޟާން މަހުގައި ފުރާލާ މިސްކިތްތަކަށް މި ރަމަޟާން މަހު ވަދެ ހަދަނީ ބަންގި ގޮވުމަށް މުދިމުން އެކަނި — ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ ހާލަތު ރާއްޖޭގައި އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މިހާރުވެސް 600 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި ތިން މީހަކު ބަލީގައި މަރުވެފައި ވާއިރު، ކުރިއަށް އޮތް ދެ ހަފްތާފައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ވަނީ ލަފާކޮށް ފައެވެ.

އާންމު ހާލަތަށް ރުޖޫއަ ވެވޭނެ ދުވަހެއް ބުނެދޭން ކަމާބެހޭ ފަރާތްތަކަށް ވެސް ނޭނގެއެވެ. އެހެންކަމުން ރައްޔިތުންނަށް އޮތީ އެބޭފުޅުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ގޭގައި މަޑުކޮށްގެން ތިބުމެވެ. ގައިދުރުކަން ބަހައްޓާ، ސާފުތާހިރުކަމަށް އިސްކަން ދިނުމެވެ. މިކަމުން މިންޖުވޭތޯ ދުއާކުރުމެވެ. ކެތްތެރިވެ، ރައްކާތެރިވުމެވެ.