08 May 2020, 01:09
މޯލްޑިވް ގޭސްގެ ހުޅުމާލޭ ޑެލިވަރީގައި އުޅުނު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް "ސަން" އަށް ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ އެ ކުންފުނީގެ ހުޅުމާލޭ ޑެލިވަރީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހެއް ކަމަށެވެ.
އިކްރާމް ވިދާޅުވީ ރޭގެ ވަގުތެއްގައި އެ މުވައްޒަފު ބަލިވިކަމަށް ފާހަގަކުރެވިގެން ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ކޮވިޑްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވިކަން އެންގީ މިރޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނު ހިސާބުން އެ ކުންފުނިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ގޭސްފުޅިތަކާއި ވެހިކަލްތައް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރާ ކަމަށް އިކްރާމް ވިދާޅުވިއެވެ.
އެ ކުންފުނީގެ މުވައްޒަފަކަށް ކޮވިޑް ޖެހުނު ކަމުގައި ވިޔަސް ގޭސް ޑެލިވަރީ ކުރުމުގެ ޚިދުމަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ޔަގީންކަން ޑެލިވަރީ ކުރުމުގެ ޚިދުމަތް ހުއްޓުމެއްނެތި ކުރިއަށްދާނެއޭ، ފަހަރެއްގައި 30 މިނިޓްގެ ލަސްވުމެއް އައިސްދާނެ. އެކަމަކު ޑެލިވަރީގެ ޚިދުމަތް ފަސޭހަކަމާ އެކު ލިބިގެންދާނެ،" އިކްރާމް ވިދާޅުވިއެވެ.