މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާގެ އެންމެ ފަހުގެ "މެޑޭމް އެކްސް" ޓުއާގައި އުޅުނު އިރު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ލަވަކިޔުންތެރިޔާ ހާމަކޮށްފި އެވެ.

މެޑޯނާ އިއްޔެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވި ކަމަށެވެ. އެހެންނަމަވެސް އޭނާ މިހާރު ބަލި ނޫން ކަމަށް ވެސް ހާމަކޮށްފައިވެ އެވެ.

"އަހަރެން ވަނީ އެންޓި ބޮޑީއަށް ޓެސްޓުކުރި އިރު ޕޮޒިޓިވްވެފައި. އޭގެ މާނައަކީ ވައިރަސް މީގެކުރީން ހުރި ކަން. އެއީ ތެދެއް ކަމަށް ބެލެވޭ. ސަބަބަކީ މީގެ ހަތް ހަފްތާ ކުރީން ޓުއާ ނިންމާލިއިރު އަހަރެން ވަރަށް ބަލި،" މެޑޯނާ ބުނެފައިވެ އެވެ.

މެޑޯނާގެ ޓުއާ ނިންމާލާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ފްރެންޗް ސަރުކާރުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން މަނާކުރުމާ ގުޅިގެންނެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލުކުރުމަށް މަސައްކަތްކުރާ ރިލީފް ފަންޑުތަކަށް މެޑޯނާ ވަނީ މިހާތަނަށް 1.1 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.