10:00


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފި އެވެ.


ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރައްވައި ރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.


މީގެ އިތުރުން، ސިންގަޕޫރުގައި ބޭއްވޭ އޭޝިޔާ-ޕެސިފިކް ވޯޓަރ މިނިސްޓަރޒް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އިންތިޒާމް ކުރައްވައިގެން، ސިންގަޕޫރުގައި ބާއްވަވާ ވިޔަފާރީގެ ފޯރަމެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ސިންގަޕޫރުގެ ވިޔަފާރިވެރިންނަށް ދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.


ރައީސް އޮފީހުން ބުނީ މިއީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށެވެ.