07 May 2020, 23:27
އިތުރު 6 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 648 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިރޭ ފެނުނު ހަ ކޭސްގެ ތެރޭގައި ހިމެނެނީ ދެ ދިވެހީންނާއި، ބަންގްލަދޭޝް ދެ މީހަކާއި އިންޑިއާގެ ދެ މީހުން ކަމަށެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 346 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ވައިރަހަށް ޕޮޒިޓިވްވި ދިވެހީންގެ އަދަދަކީ 218 އެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހެކު ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި، 80 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
ބަންގްލަދޭޝް މީހާ މަރުވީ ސީދާ ބަލީގެ ސަބަބުން ނޫން ނަމަވެސް، ބައްޔަށް ޕޮޒިޓިވްވެފައި ވުމުން އޭނާގެ މަރުވެސް ގުނަނީ ކޮވިޑް-19 މަރެއްގެ ގޮތުގައެވެ.
ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް ވަނީ ފެނިފައެވެ. އެ ރަށްތައް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސް ކުރަމުންދާއިރު، އެއް ރަށުން އަނެއް ރަަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެެވެ.
ކުރިއަށް އޮތް ދެ ހަފްތާއަކީ ރާއްޖޭގައި ބަލީގެ ހާލަތު އެންމެ ގޯސްވާނެ ހަފްތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.