07 May 2020, 23:19
އައްޑޫ ސިޓީގެ ހެރަތެރެ ރިސޯޓުގެ ކަރަންޓީނު ފެސިލިޓީން ފިލި ފަސް މީހެއްގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދީފި އެވެ.
މި ފަސް މީހުން ފެސިލިިޓީއިން ފިލާފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. ފިލާފައިވަނީ ފަސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ހާމަކޮށްފައިވާ އިރު ފިލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތަނުން އެކަކު ފުލުހުން ވަނީ ހޯދައިފައެވެ.
ރޭ 23:25 ހާއިރު ފިލި މީހުންގެ ތެރެއިން ދެ މީހަކު ހޯދިފައިވާއިރު ބާކީ ތިބި ދެ މީހުން ރޭ ފަތިހުގެ ވަގުތެއްގައި ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ފަސް މީހުންގެ ބަންދަށް ހުޅުމީދޫ ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ހެރަތެރެ ރިސޯޓްގައި ކަރަންޓީނު ކުރަނީ މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން، އައްޑޫ އަދި ފުވައްމުލަކަށް ދިޔަ ފަރާތްތަކެވެ. ފިލާފައި ވަނީ އައްޑޫ އަދި ފުވައްމުލަކަށް ނިސްބަތްވާ ބައެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ފަސް މީހުން ކަރަންޓީނު ކުރެވިފައި ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކޮވިޑް-19 ފެތުރުމާއި ދެކޮޅަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމުގެ ތެރޭގައި ފެތުރިދާނޭ ފަދަ ބައްޔެއް ހުރި ނުވަތަ ހުރިކަމަށް ޝައްކުކުރެވޭ މީހުން ކަރަންޓީނު ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގާނޫނުގެ ދަށުން ލިބިގެންވެ އެވެ.
އެ ބާރުގެ ދަށުން ކަރަންޓީނު ކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޖިނާއީ ދައުވާ އެ ފަރާތްތަކާއި ދެކޮޅަށް ކުރާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.