07 May 2020, 23:24
އަވަސް އަރުވާލައިގެން ރަށަށް ދާން އުޅެފި ނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް އެންއީއޯސީން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ މީހުންނަށް ރަށްރަށަށް ދިއުމުގެ ފުރުސަތު ދެވޭނީ ވަކި މިންގަނޑުތަކެއް ކަނޑައަޅައިގެން، ކޮންޓްރޯލު ކޮށްގެން ކަމަށެވެ.
އެހެން ކޮންޓްރޯލު ނުކޮށް، މާލެ ފަދަ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކުން ރަށްރަށަށް މީހުން ދާން ފަށައިފިނަމަ މުޅި ރާއްޖެއަށް ވައިރަސް ފެތުރުމުގެ ނުރައްކާ އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"އަވަސް އަރުވާލައިގެން އެކަން ކޮށްފިނަމަ [ރަށްރަށަށް ދާ ނަމަ] އޭގެ ސަބަބުން ނުކުންނާނެ ނަތީޖާ މާ ގޯސްވެދާނެ. މާލޭގައި ތިބި މީހުން ކޮމިއުނިޓީ ސްޕްރެޑެއް އޮތް ތަނަކުން ރަށްރަށަށް ދާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި،" މަބްރޫކް ވިދާޅުވި އެވެ.
ރަށުގެ ކެޕޭސިޓީއަށް ބަލާއިރު ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރެވޭ ތަންތަނުގައި ރަނގަޅަށް ކަރަންޓީނު ވެގެން ތިބޭކަން ކަށަވަރު ކުރުމަށް ވަސީލަތްތައް (ފެސިލިޓީގެ ފެންވަރު، ރަށުގެ އިންތިޒާމުތައް، ފުލުހުންގެ އަދަދު) ހުރި މިންވަރު ބަލަން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި މަބްރޫކް ފާހަގަކުރެއްވީ މާލެއިން ގިނަ އަދަދެއްގެ މީހުން ދާން އުޅޭއިރު، އެކަމަށް ކަނޑައަޅާ އުސޫލަކީ ހާއްސަ އުސޫލަކަށް ވުމު ގެބަދަލުގައި އެންމެންނަށް ހަމަހަމަ އުސޫލަކަށް ވާން ޖެހޭނެ ކަމަށެވެ.
"އެއް ބޭފުޅަކަށް ވަޑައިގެންނެވޭނަމަ އެގޮތަށް ވަޑައިގެންނެވެން ވާނެ ހަމަ އެ އުސޫލުގެ ދަށުން ދެން އެ ރަށަކަށް ވަޑައިގަންނަވާ އެހެން އެންމެންނަށް ވެސް. އެގޮތަށް ބަލާއިރު ކިހާ ބަޔަކަށް ކޭޓާ ކުރެވިދާނެތޯ، ކުރުމުގެ ސަބަބުން ރަށަށް އޮތީ ކިހާ ވަރެއްގެ ނުރައްކަލެއްތޯ،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ މިކަމުގައި ވެސް މެދުމިނެއް ގެންގުޅެން ޖެހޭ ކަމަށާއި އެންމެ ބޮޑުއިސްކަމެއް ދޭން ޖެހޭނީ ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް ކަމަށެވެ.
"އެހެންވީމަ މިކަންތައް ކުރާއިރު ލަސްތަކެއް ހުންނާނެ، އެއްފަހަރާ އެންމެން ބަދަލުކުރަން މިކަހަލަ ވަގުތެއްގައި މަސައްކަތް ކުރުމަކީ އޭގެ ސަބަބުން މުޅި ރާއްޖެއަށް މި ބަލި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑުވެދާނެ ކަމަކަށް ވާތީ ކޮންޓްރޯލްޑް ގޮތަކަށް، އަޅުގަނޑުމެންނަށް ވެސް މިކަންތައް ބެލޭނެ ވަރަށް، މަޑުމަޑުން މީހުން މޫވް ކުރުމުގެ މަސައްކަތް މި ކުރަން ޖެހެނީ،" މަބްރޫކް ވިދާޅުވި އެވެ.
މާލެއިން ރަށްރަށަށް މީހުން ދިއުމަށް ކަނޑައަޅާފައިވާ އުސޫލުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވަގުތީ ގޮތުން މާލެއަށް އައިސްތިބި މީހުންނަށެވެ.
އޭގެ ތެރެއިން ވެސް އިސްކަމެއް ދެނީ ބޭސްފަރުވާއަށް އައިސްތިބި މީހުންނަށް ކަމަށާއި އެއަށްފަހު ބަލާނީ އެހެން ބޭނުންތަކަށް މާލެ އައިސް މިހާރު ހުންނާނެ ތަނެއް ނެތިފައި ތިބި މީހުންނަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.