07 May 2020, 23:15
ރާއްޖެއިން ކޮވިޑް-19 އަށް ގިނަ އަދަދަކަށް ޓެސްޓް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް ޑރ. ޝިނާ މޫސާ ވިދާޅުވެއްޖެއެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ އެންމެ އެދެވޭ ވަރަށް ޓެސްޓު ނުކުރެވުމުގެ ސަބަބުން ނޭނގި، އާއިލާތަކަށް ކޮވިޑް-19 ފެތުރެމުންދާ ކަމަށެވެ. އަދި މިއީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޑރ. ޝީނާ ސިފަކުރެއްވި އެވެ.
"ޓެސްޓު ނުކުރެވުމަކީ އަސްލު ކަންބޮޑުވާ ކަމެއް. ޑިޓެކްޓް ނުވެ އިންފެކްޝަން އުޅުމަކީ ނޭނގި ހުރެ ކްރޯނިކް ޑިޒީސަސް މީހުންގެ ހާލު ކުއްލިއަކަށް ބޮޑުވެގެންދާ ކަމެއް. އޭގެ މާނައަކީ ޕޭޝަންޓް ލިބޭއިރުގައި ބަލިބޮޑުވެފައޭ މި އޮންނަނީ. މެނޭޖު ނުކުރެވޭނެއޭ. ރިސްކު އޮންނަނީ އާލީކޮށް ޑިޓެކްޓު ނުކުރެވޭތީ. އެހެންވީމަ އެކްޓިވްކޮށް ކޭސް ހޯދައި ކުރީ ބައިގައި ބަލި ދެނެގަތުން ވަރަށް މުހިންމު. ހާއްސަކޮށް ކްރޯނިކް ޑިޒީޒަސް ހުންނަ މީހުންނާ އުމުރުން ދުވަސްވީ މީހުންނާ،" ޑރ. ޝީނާ ވިދާޅުވި އެވެ.
އެކްޓިވް ސާވެއިލަންސް ސިމްޕޮމެޓިކް ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ ބޭރުންނާއި ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓްސްގެ ބޭރުން އަދި ފްލޫ ކްލިނިކަށް ގުޅާ މީހުންގެ މެދުގައި ވެސް އެޗްޕީއޭއިން ޓެސްޓު ކުރަމުންދާ ކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް މިއަށްވުރެ ވެސް ބޮޑަށް އެކްޓިވް ކޭސްތައް ހޯދަން ޓެސްޓު ކުރުމުގެ ސްޓްރެޓަޖީ ބަދަލުކުރަން ޖެހޭ ކަމަށާއި ނަމަވެސް ވަސީލަތްތައް ހޯދުމުގައި ދަތިތަކެއް ހުރިކަން ޑރ. ޝީނާ ފާހަގަކުރެއްވި އެވެ.
"އެހެން ތަކެއްޗޭ ވެސް އެއްގޮތަށް ގްލޯބަލް ބާޑަންއެއް އޮތުމުން ރާއްޖެއަށް ލިބުން ލަސްވަނީ. އެކަމަކު ވެސް އެއީ ރިސްކެއް. އެހެންވެ އަޅުގަނޑުމެންގެ ޕްރޮޖެކްޝަންގައި އެވަރަށް އިންފެކްޝަންސް އުޅޭނެ ކަމަށް ލަފާކުރި ނަމަވެސް އެ ކޭސްތައް ޑިޓެކްޓްއެއް ނުކުރެވޭ. ހިޑަންކޮށް އެބަ ސްޕްރެޑް ވޭ އާއިލާތަކުގެ ތެރެއަށް،" ޑރ. ޝީނާ ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި އެންއީއޯސީން ހިއްސާކުރި ސްލައިޑުތަކުން އެނގޭ ގޮތުގައި މިހާރު ޕީކަށް އަރާނެ ކަމަށް ލަފާކުރެވެނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ.
އެ ދުވަހު 1562 ކޭސް ފެންނާނެ ކަމަށް ބެލެވުނަސް ޓެސްޓުކުރަން މިހާރު ހުރި ވަސީލަތްތަކާއެކު އަސްލު ދެނެގަނެވޭނީ 390 ކޭސްކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.