ކޮވިޑް-19 އާ ގުޅޭ ބޮޑެތި ދިރާސާތަކެއް ކުރަމުން ދިޔަ އެމެރިކާގެ ޔުނިވާސިޓީ އޮފް ޕިޓްސްބާގްގެ ޕްރޮފެސަރު ބިންގް ލޫ މަރާލުމާ އެކު އެކަމުގެ ފަހަތުގައިވާ ހަގީގަތެއް ހޯދުމަށް ތަފާތު ތިއަރީތައް މީހުން އާންމުކުރަން ފަށައިފި އެވެ.

ދާދި ފަހުން ބިންގް ލޫ ގޭގައި ހުއްޓައި މީހަކު ވަނީ އޭނާ ގަޔަށް ބަޑި ޖަހައި މަރާލައިފަ އެވެ. އަދި ލޫ މަރާލުމަށް ފަހު އޭނާ މަރާލި ކަމަށް ބެލެވޭ މީހާ ވެސް އަމިއްލަ ގަޔަށް ބަޑި ޖަހައި މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ދެމީހުންނަކީ އެކަކު އަނެކަކަށް އެނގޭ ދެމީހުން ކަން އެނގިފައިވާ ކަމަށެވެ.

މި ހާދިސާގެ ވާހަކަ އާންމުވުމާއެކު މީހުންގެ ތެރޭގައި ތަފާތު ވާހަކަތައް ދެކެވެން ފެށުނެވެ. އަދި ދެ މަރުގެ ފަހަތުގައިވާ އަސްލާ ގުޅޭ ގޮތުން އާންމުން ތަފާތު ތިއަރީތައް ހަދަން ފެށި އެވެ.

ސޯޝަލް މީޑިއާގައި އާންމުން ހާމަކޮށްފައިވާ ތިއަރީތަކުން އެއް ތިއަރީއެއްގައި ބުނަނީ ލޫ އަށް ކޮވިޑް-19 އުފެދިގެން އައި ގޮތް އެނގުނީ ކަމަށެވެ. އަދި އެ ވައިރަސް އުފެދިގެން އައީ އެމެރިކާ ލެބަކުން ކަން އޭނާއަށް އެނގުމުން މީހަކު އޭނާ މަރާލާފައިވާ ކަމަށް އެ ތިއަރީގައި ބުނެއެވެ.

އެ ތިއަރީއަށް ބާރު ދިނުމުގެ ގޮތުން އެތައް ބަޔަކު ވަނީ އެފަދަ ތިއަރީތަކެއްގެ ވާހަކަ ދައްކައިފަ އެވެ. އެ ތިއަރީތަކުގައި ދައްކަނީ އެއް ވާހަކައެެކެވެ. އެއީ ކޮވިޑް-19 އާ ގުޅޭގޮތުން ލޫ އަށް އެނގެން ނުޖެހޭ މައުލޫމާތެއް އޭނާއަށް އެނގުމުން އެކަން ފޮރުވުމުގެ ގޮތުން ބަޔަކު ވެގެން އޭނާ މަރާލީ ކަމަށެވެ.

ލޫ އަކީ ޗައިނާއަށް ނިސްބަތްވާ ޕްރޮފެސަރެކެވެ. އޭނާ ޗައިނާ މީހަކަށް ވުމަކީ މީހަކު އޭނާ މަރާލަން އުޅެފާނެ ކަމުގެ ސިއްރަކަށް ވެސް ވެދާނެ ކަމަށް އެއްބަޔަކު ބުނެއެވެ. ކޮންމެއަކަސް އެ ހާދިސާގައި ކަންތައް ވެގެން ދިޔަ ގޮތްތަކަކީ އިއްތިފާގަކަށް ވުން އެކަށީގެން ނުވާ ކަމަށް އެއް ބަޔަކު ގަބޫލު ކުރެއެވެ.

ބިންގް ލޫ މަރާލާފައިވާ މީހާ މިހާރު ވަނީ ދެނެގަނެވިފަ އެވެ. އޭނާ މަރާލާފައިވަނީ އުމުރުން 46 އަހަރުގެ ސޮފްޓްވެއާ އިންޖިނިއަރެއް ކަމަށްވާ ހައޮ ގޫ އެވެ. ލޫ އާއި ގޫ އަށް އެކަކު އަނެކަކު އެނގޭ ނަމަވެސް އެ ދެމީހުންނަށް އެކަކު އަނެކަކު އިނގޭ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.