މި މަހުގެ 31 ގައި ފުރަތަމަ "ސާޖް" އަށް އަރާނެ ކަމަށާއި، އެ ދުވަހު ބައްޔަށް ޕޮޒިޓިވް، 1600 އެއްހާ މީހުން އުޅޭނެ ކަމަށާއި، އައިސީޔޫތަކަށް ބާރުބޮޑުވާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފި އެވެ.

މިރޭ އެންއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންްގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން މިހާރު 24 ދުވަސް ވެފައިިވާއިިރު، މިހާރު މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރެމުންދާ މިސްރާބާއި ޕްރޮޖެކްޝަންތަކުގެ އަންދާޒާއެއް ލިބިފައިވާ ކަމަށެވެ.

އަދި މިހާރުގެ ޕްރޮޖެކްޝަންތަކުން ދެ ގްރޫޕެއްގެ މެދުގައި ބަލި ފެތުރެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު އެކީގައި ދިރިއުޅޭ ނުވަތަ ކޮމިއުނަލް ގްރޫޕާއި، ގޭބިސީ ނުވަތަ ހައުސްހޯލްޑް ގްރޫޕެވެ.

މީގެ ތެރެއިން ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަނީ ކޮމިއުނަލް ގްރޫޕުގެ މެދުގައެވެ. އެ ގްރޫޕުގެ "ކޮންޓެކްޓް ބަބުލް" އެވްރެޖްކޮށް 45 ގައި އުޅޭއިރު، އެމީހުންގެ ތެރޭގައި ބައްޔަށް ހުށަހެޅޭ މިންވަރާއި ފެތުރޭ މިންވަރު ވެސް އަވަހެވެ.

ކޮމިއުނަލް ގްރޫޕާ އަޅާބަލާއިރު، ގޭބިސީތަކުގެ ގްރޫޕުގައި ބަލި ފެތުރޭ މިންވަރު ކުޑައެވެ. އެ ގްރޫޕުގެ "ކޮންޓެކްޓް ބަބުލް" އުޅެނީ އެވްރެޖްކޮށް އަށް މީހުންނެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާރު ކޭސްތައް ފެންނަ މިންވަރަށާއި، އެމީހުންގެ ފަރާތުން ބަލި ފެތުރޭ މިންވަރަށް ބަލާއިރު ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ޕީކަށް ދާނެ ކަމަަށެވެ. އަދި އެ ދުވަހު ބަލި ޖެހިފައި ތިބޭ މީހުންގެ އަދަދު ހާހުން މަތިވާނެ ކަމަށެވެ.

"މި މަހުގެ 31 ވަނަ ދުވަހަށް ޕީކަށް މި ސާޖް އަރާތަން ފެންނަނީ. އެ ދުވަހު ގާތްގަނޑަކަށް 1600 އިންފެކްޝަން އެ ދުވަހު އުޅޭނެ ކަމަށް. އަޅުގަނޑު ނުދަންނަވާނަން ފެންނާނޭ. އެއީ ވަރަށް ބޮޑަށް ޓެސްޓިން އަށް ބޭސް ވާނެ އަޅުގަނޑުމެން ރިޕޯޓު ކުރެވޭ މިންވަރު،" ޑރ. ޝީނާ ވިދާޅުވިއެވެ.

ޕީކް ދުވަހަށް ޕްރޮޖެކްޓު ކުރެވިފައިވާ ނަންބަރުތަައް ވެސް ޑރ. ޝީނާ ވަނީ މިރޭ ވިދާޅުވެދެއްވައިފައެވެ. ޑރ. ޝީނާ ވިދާޅުވީ އެ ދުވަހު 1600 އެއްހާ އިންފެކްޝަންސް އުޅުނު ނަަމަވެސް، ޓެސްޓިން ކެޕޭސިޓީ ދަށްވުމުން، ރިޕޯޓު ކުރެވޭނީ ގިނަވެގެން 400 ކޭސް ކަމަށެވެ.

އަދި އެ ދުވަހު 34 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭނެ ކަމަށާއި، ޕީކް ދުވަހު އެކަނި 12 މީހަކަށް އައިސީޔޫގައި ފަރުުވާދޭން ޖެހޭނެ ކަމަށެވެ.

އަދި އެ ހިސާބަށް ދާއިރު އެކްޓިވް ކޭސްތަކުގެ ޖުމްލަ އުޅޭނީ 6804 ގައި ކަމަށާއި، 281 މީހަކު އެޑްމިޓްކޮށްފައި ތިބޭނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ. އަދި އައިސީޔޫގައި 101 މީހަކަށް ފަރުުވާ ދޭން ޖެހި، އައިސީޔޫގެ 100 އެނދު މުޅިން ފުރޭނެއެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާރުގެ އަންދާޒާތަކުން ރާއްޖެއިން މުޅި ޖުމްލަ 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެއެވެ.

އެހެންކަމުން މި މަހުގެ ތެރޭގައި އަންނާނެ ކަމަށް ބެލެވޭ ޕީކް ކުޑަކުރަން ހުރިހާ އެންމެން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރުމަށް ޑރ. ޝީނާ އެދިވަޑައިގަތެވެ.

"މި މަހުގެ ތެރޭގައި ތަންކޮޅެއް ބޮޑަށް ބަލައިގެން ނޫޅުނިއްޔާ ދިވެހިންގެ ތެރެއަށް ފެތުރޭ މިންވަރުވެސް އިތުރުވާނޭ އަދި އެ އިންނަ ކުޑަކުޑަ ސާޖް ތަންކޮޅެއް ގާތްވެދާނޭ ޖޫން ކުރީކޮޅަށް ވެސް،" ޑރ. ޝީނާ ވިދާޅުވިއެވެ.