ކޮންމެހެން ފޮނުވަން ޖެހިގެން ނޫނީ އެއް ގެއިން އަނެއް ގެއަށް މި ދުވަސްކޮޅު ތަށިބަރި ނުފޮނުވަން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިއްޖެ އެވެ.

މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރަމަޟާން މަހަށް ވުމާއެކު އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވާކަން ފާހަގަވެފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާރު އަލާމާތްނެތި ބައްޔަށް ޕޮޒިޓިވްވާ މީހުން ގިނަވަމުން އަންނާތީ، ގޭގައި ބަލި ޖެހިފައި ހުރި މީހަކު ހުއްޓަސް ނޭނގޭނެ ކަމަށެވެ.

"އެހެންވީމަ އެކަންކަމަކީ [ތަށިބަރި ފޮނުވުން] ވެސް ހަގީގަތުގައި ކޮންމެހެން ޖެހިގެން ނޫނީ މިދުވަސްކޮޅަށް މަޑުޖައްސާލުން އެއީ ވަރަށް މުހިންމު ކަމެއް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެހެން ނޫން ނަމަ އެއް ގެއިން އަނެއް ގެއަށް ބަލި ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ތަށިބަރި ފޮނުވުން ހުއްޓާލުމަށާއި، ގެއަށް ތަށިބަރިއެއް ލިބުނު ނަމަވެސް، ބޭރުން ގަނެގެން ގެންނަ ތަކެއްޗާމެދު އަމަލުކުރާ އުސޫލުން، އަމަލު ކުރުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވިއެވެ.