ކުރިން އަންދާޒާކުރި ވަރަށްވުރެ މަރުވާ އަދަދު 50 ޕަސެންޓް ދަށްވާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށުމާއެކު، ހެދި އަންދާޒާތަކުން ދައްކާފައި ވަނީ ކޮވިޑް19 ގައި ރާއްޖެއިން 2000 އެއްހާ މީހުން މަރުވެދާނެ ކަމަށެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ހަދާފައިވާ ޕްރޮޖެކްޝަންތަކުގައި މީހުން މަރުވާނެ ނިސްބަތް ހުރި ގޮތާ ގުޅޭގޮތުން ނޫސުްވެރިޔަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރުގެ ޕްރޮޖެކްޝަންތައް ދައްކާގޮތުން، ރާއްޖެއިން ބަލީގައި މަރުވާނެ ކަމަށް ބެލެވެނީ ކުރިން އަންދާޒާކުރެވުނު އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

"ކުރީގަ އަޅުގަނޑުމެން އެސްޓިމޭޓް ކުރީ، އެންމެ ފުރަތަމަ ކޮމިއުނިޓީ ސްޕްރެޑް ފެށިގެން އުޅުނު އިރު ގާތްގަނޑަކަށް 2000 އޭ، ނަމަވެސް މިހާރުގެ ޕްރޮޖެކްޝަންތަކުން އުޅެނީ 900 އަށް ވުރެ ދަށުގައި،" ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ސިސްޓަމަށް ބާރުބޮޑު ނުވާގޮތަށް ކަންކަން ގެންދެވިއްޖެއްނަމަ، މީހުން މަރުުވާ ނިސްބަތް އަދިވެސް ދަށްކުރެވޭނެ ކަމަށެވެ.

މިހާރު އަންދާޒާކޮށްފައިވާ ގޮތުން، މުޅި ރާއްޖެއިން 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެއެވެ.