07 May 2020, 22:43
މިހާރު ފެންނަމުން އަންނަ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފެންނަ ކޮންޓެކްޓުން މަދުވާން ފަށާފައިވާ ކަމަށާއި، މިއީ ލޮކްޑައުންގެ ސަބަބުން ފެންނަން ފެށި ބަދަލެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މާލެއިން އެންމެ ފުރަތަމަ ބައްޔަށް މީހުން ޕޮޒިޓިވް ވާން ފެށިއިރު، އެމީހުންނާ ގުޅޭ ކޮންޓެކްޓުންގެ އަދަދު ހުރީ ރެކޯޑު އަދަދެއްގައެވެ. ބައެއް މީހުންގެ ކޮންޓެކްޓުން 200 އަށްވުރެ ވެސް ގިނައެވެ.
މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ފަހަކަށް އައިސް ފެންނަ ކޮންޓެކްޓުންގެ ތެރޭގައި ގިނައީ ކޮވިޑް19ގެ އެއްވެސް އަލާމާތެއް ނެތް މީހުން ކަމަށެވެ.
އެހެން ނަމަވެސް މިހާރު ކޮންޓެކްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިިވާކަމަށް ޑރ. އަފްޒަލް ވަނީ މިރޭ ވިދާޅުވެފައެވެ.
"އޭގެ އެއް ސަބަބަކަށް ވެދާނެ ހަމަ ލޮކްޑައުން. އަދި ލޮކްޑައުންގެ ތެރޭގައި ވެސް އާންމުންގެ ތެރޭގައި އެކިމީހުންނާ ބައްދަލުވުން މަދުވުމުގެ ސަބަބުން ފަހުން ފެނިފައިިވާ ކޭސްތަކާ އޭނާގެ ކޮންޓެކްޓް ވެފައިވާ މީހުންގެ އަދަދު މި ފެންނަނީ މަދުވަމުން އަންނަތަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ކޭސްތަކާ ގުޅޭ ކްލަސްޓާތަކުގެ ކޮންޓެކްޓުތަކުގެ ޖުމްލަވެސް މިހާރު މަދުކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.