08 May 2020, 12:43
ޕޭން ކޭކްސް، މިއަށްވުރެ ވަކި މީރު އަދި ތައްޔާރުކޮށްލަން ފަސޭހަ ފޮނި ބާވަތެއް ހުންނާނެ ހެއްޔެވެ. ކުދިވެރިން ގޮވައިގެން މަޖާ ހަރަކާތެއްގެ ގޮތުގައިވެސް ނުވަތަ ތިމާގެ ސްޓްރެސް ފިލުވާލާ ޝައުގުވެރި މަސައްކަތެއް ކޮށްލުމަށް ނަމަވެސް 'ޕޭން ކޭކްސް' އަކީ އެންމެންގެ ފޭވަރިޓެވެ.
ރޯދަމަސް ގާތްގަނޑަކަށް މިއޮތީދެން ދެބައިވެފައެވެ. އެއާޢެކު 'ސަން ބަދިގޭގައި' މިއަދުވެސް މި ބައްދަލުކޮށްލަނީ މުޅީން އާ މެހެމާނެކެވެ. މަރިޔަމް އަހުމަދުއެވެ. އަސްލު އޭނާގެ ދާޢިރާއަކީ ޑެންޓިސްޓްރީއެވެ. ބަންގްލަދޭޝްގެ ޑާކާގައި ޑެންޓިސްޓްރީއިން މަތީ ތައުލީމު ހާސިލްކުރަމުންދިޔަޔަސް މިވަގުތު އޭނާ ހުރީ އެނބުރި މާލޭގައެވެ.
އޭނާގެ އިިންސްޓަގްރާމް އެކައުންޓް މަރީވީއެމްއެމް އަކީ އަބަދުވެސް ބޭނުންތެރި އެތަށް "ޓިޕްސް" އަކާއި މައުލޫމާތުތަކެއް ލިބޭ ފީޑެކެވެ. ހާޢްސަކޮށް ގިނަބަޔަކަށް އޭނާ އެނގޭނީ އޭނާގެ 15 މިނިޓް ކުޅިމަސް ރެސިޕީއިންނެވެ. މި ރޯދަމަހު މަރީވެސް އަހަރެމެންނަށް މީރު 5 ރެސިޕީއެއް ތައްޔާރުކޮށްދޭނެ އެވެ. މިގޮތުން މި ފަށަނީ "ހޯމް މޭޑް ޕޭންކޭކްސް" އިންނެވެ.
ބޭނުންވާ ތަކެތި
-ޑްރައި އިންގްރިޑިއަންޓްސް
1 1/4 ޖޯޑު ފުށް
- 1/4 ސައިސަމްސާ ލޮނު
- 3 1/2 ސައިސަމްސާ ބޭކިން ޕައުޑާ
- 5-2 މޭޒުމަތީ ސަމްސާ ހަކުރު (2 ސަމްސާ ފޮނި ޓޮޕިންގްސް އެއް ބޭނުންކުރާނަމަ، އެއްވެސް އެއްޗެއް އިތުރުނުކޮށް ކާނަމަ 5 ސަމްސާ)
- ވެޓް އިންގްރިޑިއަންޓްސް
1 ޖޯޑު ކިރު
- 1/4 ޖޯޑު ގެރިކިރު
- 1 ބިސް
- 3 މޭޒުމަތީ ސަމްސާ ބަޓަރު
- 1 ސައިސަމްސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ބިހާއި ހަކުރު މިކްސް ގިރާލާށެވެ. ވިސްކެއް ނުވަތަ ހޭންޑް މިކްސާއެއްވެސް ބޭނުންކުރެވިދާނެ އެވެ. އެއަށްފަހު ބާކީ ހުރި ވެޓް އިންގްރިޑިއަންޓްސް އެއްކޮށްލާށެވެ. ގިރާ ނިމުމުން ދެން ޑްރައި އިންގްރިޑިއަންޓްސް އެއްކޮށްލާށެވެ. މިކްސް ކުރާނީ ހަމައެކަނި 'ލަމްޕްސްތައް' ފިލަންދެން އެކަންޏެވެ.
އެއަށްފަހު ހޫނު ނޮން ސްޓިކް ތަވައެއްގައި ވަރަށް ގިނި މަޑުކޮށް 1/3 ޖޯޑު ޕޭންކޭކް ބެޓާ އަޅާލާށެވެ. ކިތަންމެ އަވަސްއަރުވާލާފައި ގިނި ގަދަކުރަން ބޭނުން ނުވިއަސް ކެތްކޮށްލާށެވެ. ކުދިކުދި ބޮކި އަރަންފެށުމުން އިތުރު އެއްމިނިޓް ފިހުމަށްފަހު އަނެއް ފުށަށްޖަހާ ގާތްގަނޑަކަށް 2 މިނިޓް ފިހެލާށެވެ. އެހިސާބުން ނިމުނީ އެވެ. ރީތިކޮށް ސްޓެކްކުރުމަށްފަހު ސިރަޕް ނުވަތަ ޓޮޕިންއަކާއިއެކު ނުވަތަ ނުލާވެސް ކާލާށެވެ.