23 Dec 2011, 07:00
މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ޔޮޓްޓުއާޒް އަށް ސ. ހެރެތެރޭ ރިސޯޓު ކުއްޔަށް ދިނުމަށް ފަހު އެ ދެ ކުންފުނީގެ ދެމެދުގައި އުފެދުނު މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށް 3.5 މިލިއަން ޑޮލަރު އެމްޓީޑީސީން ޔޮޓްޓުއާޒް އަށް ދޭން ނިންމި ނިންމުމުގެ ސައްހަކަމާ މެދު އޮޑީޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ގިނަ ސުވާލުތަކެއް ފެންމަތިކުރައްވައިފި އެވެ.
ރައްޔިތުން ހިއްސާވާ އެމްޓީޑީސީން ހެރެތެރޭގެ މައްސަލައިގައި އެމްޑީޕީގެ ފަންޑް ރެއިޒިން ކޮމެޓީގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާޒްއަށް 3.5 މިލިއަން ޑޮލަރު ދައްކަނީ ގަވާއިދާ ހިލާފަށްތޯ ބެލުމަށް، ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އެދުމަކަށް އެ މައްސަލަ ތަހުގީގުކޮށް ނިޔާޒް އެކުލަވާލައްވައި އިއްޔެ އާންމުކުރައްވާފައިވާ ހާއްސަ އޯޑިޓް ރިޕޯޓުގައި ބުނަނީ އެމްޓީޑީސީގެ 76 ވަނަ ބޯޑު ބައްދަލުވުމުން ގަރާރެއް ފާސްކޮށް ސެޓުލްމަންޓް އެގްރިމަންޓެއްގެ ދަށުން އެފައިސާ ޔޮޓް ޓްއާޒްއަށް ދިނުމަށް އެމްޓީޑީސީގެ ބޯޑުން ނިންމި ނިންމުމުގެ "ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި ހަމަހަމަކަމާއި އަދި އިންސާފުވެރިކަމާ މެދު ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރި" ކަމަށެވެ.
އެގޮތުން ނިޔާޒް ވަނީ އެ މައްސަލަ އެގޮތަށް ނިންމުމުގައި އެމްޓީޑީސީގެ ބޯޑުން އިހުމާލުވެފައިވާ ކަން ފާހަގަކުރެއްވޭ މައިގަނޑު ހަތަރު ނުގުތާއެއްގެ މައްޗަށް ތަފްސީލްކޮށް އަލިއަޅުވާލައްވާފަ އެވެ.
ނަވާރަ ސޮފްހާގެ އެ ރިޕޯޓުގައި ނިޔާޒް ވިދާޅުވެފައި ވަނީ ހެރެތެރަ މައްސަލަ ސުލްހަވުމަށް ދެއްކި ވާހަތަކުގައި އެމްޓީޑީސީން ޔޮޓްޓްއާޒް އާ ދެކޮޅަށް ކޯޓަށް ވައްދާފައިވާ ހުރިހާ މައްސަލައެއް އަނބުރާ ގެންގޮސްފި ނަމަ އެއްވެސް ޝަރުތަކާ ނުލައި ހެރެތެރެ އަނބުރާ ހަވާލުކުރާނެ ކަމަށް ޔޮޓްޓުއާޒް އިން ހުށަހެޅި ނަމަވެސް އެގޮތް ގަބޫލުނުކޮށް ކޯޓުން އެ މައްސަލަ ހައްލުކުރުމަށް އެމްޓީޑީސީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. ނިޔާޒު ވިދާޅުވީ ކޯޓުގެ ހުރިހާ މަރުހަލާތަކެއް މުސްތަގިއްލު ގޮތުގައި ބަލާ އަދުލުވެރިކަމާ އެކު އެ މައްސަލަ ނިންމާފައި ނުވަނީސް އެމްޓީޑީސީގެ ބޯޑުން އެ ނިންމުން ބަދަލުކޮށް އެ ފައިސާ ޔޮޓްޑްއާޒް އަށް ދޭން ނިންމާފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނަނީ ޔޮޓްޓުއާޒްގެ މައްޗަށް ކޯޓުގައި އުފުލާފައިވާ މައްސަލަތައް އެމްޓީޑީސީން އަނބުރާ ގެންދާނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަމަށް ބޯޑުން އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ.
އަދި އެމްޓީޑީސީ އިން ކޯޓުގައި ދައުވާކުރިއިރު އާއި އެކި މުއާމަލާތްތަކުގައި ޔޮޓްޓުއާޒް އިން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާ ގިނަ ކަމަށް ފެންނަން ހުއްޓާ އެމްޓީޑީސީގެ ބޯޑުން ޔޮޓް ޓްއާޒްއަށް ފައިސާދޭން ނިންމުމުން އެކަން ވަނީ ފާހަގަކޮށްފަ އެވެ.
އެއްބަސްވުމާ އެއްގޮތަށް އެމްޓީޑީސީން މިހާތަނަށް ޔޮޓް ޓްއާޒްއަށް 3.1 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
ވަގި ގޮތަކަށް އަމަލުކުރުމަށް އޮޑިޓާ ޖެނެރަލް ކޮމެޓީއަށް ލަފާދީފައި ނުވާ އެ ރިޕޯޓްގައި އެމްޓީޑީސީގެ ބޯޑް ޖަލްސާތަކުގެ ޔައުމިއްޔާ ކުންފުނިތައް ހިންގުމުގެ ގާނޫނާއި އެއްގޮތަށް ބަލަހައްޓާފައި ނުވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
އެމްޓީޑީސީ އާއި ޔޮޓްޓްއާޒްގެ ދެމެދުގައި މައްސަލަ ހޫނުވީ ހެރަތެރަ އާއި ހުޅުދޫއާ ދެމެދު ކޯރު ކޮނުމުގެ މަސައްކަތް ލަސްވެގެން ދިއުން ކަން ވަނީ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ. އަދި އެ މަސައްކަތް ލަސްވީ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގައި އެމްޓީޑީސީގެ ބޯޑުން ޒިންމާދާރު ގޮތުގައި އަމަލުކޮށްފައި ނުވާތީ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.