އަންނަ މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދައިދިނުމަށް އެލައިޑް އިންޝުއުރެންސްއާ އެކު ސަރުކާރުން "އާސަންދަ"ގެ ނަމުގައި ކުންފުންޏެއް އުފައްދައި ހެލްތު އިންޝުއުރެންސް އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ސޮއިކޮށްފި އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލާއި ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒެވެ. އާސަންދަގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

ދިވެހިންނަށް މިހާރު ބޭސްފަރުވާގެ ހިދުމަތް ދޭ މަދަނައިގެ ބަދަލުގައި ސަރުކާރުގެ 40 ޕަސެންޓް އަދި އެލައިޑުގެ 60 ޕަސެންޓް ހިއްސާވާ ގޮތަށް އުފެއްދި "އާސަންދަ ޕްރައިވެޓް ލިމިޓެޑް" އުފެއްދުމުން ކޮންމެ ރައްޔިތަކަށް 100،000ރ. ގެ ބޭސްފަރުވާ ހިލޭ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ތައާރަފް ކުރި ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ހުރިހާ ދިވެހިންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ހައްދަވައިދެއްވަނީ އިގްތިސާދީ އަދި މާލީ ސިޔާސަތަށް ގެނައި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެފައިވާތީ ކަމަށާއި އާ ނިޒާމުގެ ދަށުން ބޭސްފަރުވާ ކުރުމަށް ވަގުތުން ފައިސާ ނުދެއްކި ނަމަވެސް އެކަމަށް ހޭދަކުރާ ފައިސާއަކީ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ އިގްތިސާދީ ސިޔާސަތާއި މާލީ އަދި އިޖުތިމާއީ ނިޒާމް ރައްޔިތުންނަށް ތަސައްވަރުކުރެވޭނެ ކަމަށާއި ދިވެހިންނަށް "އަނެއް ދިވެހިރާއްޖޭގެ މަލަމަތި މިހާރު ފެންނާނެ" ކަމަށެވެ.

މިއަދު ތައާރަފްކުރި "އާސަންދަ"ގެ ދަށުން ފަރުވާ ހޯދަން ދާ ބަލިމީހާ އެޑްމިޓް ނުވެ ހޯދާ ބޭސްފަރުވާ އަށް، އަދި އެޑްމިޓް ވުމަށް ފަހު ހޯދާ ފަރުވާ އަށް އަހަރަކު 10،000 ރ. ކަނޑައަޅާފައިވެ އެވެ. އަދި އެޑްމިޓް ނުވެ ދޭ ފިޒިއޮތެރަޕީ އަށް ވެސް ކަނޑައަޅާފައި ވަނީ އަހަރަކު 10،000ރ. އެވެ. ފަރުވާ ހޯދަން ކުރާ ދަތުރުފަތުރުތަކަށް ވެސް 10،000ރ. ކަނޑައަޅާފައިވާ އިރު އެކްސިޑެންޓް ވެގެން ދަތަށް ކުރާ ފަރުވާ އަށް 10،000ރ. ކަނޑައަޅާފައިވެ އެވެ. ނަމަވެސް ބަލިމީހާގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތުގައި ދަތުރުފަތުރުތަކަށް ވަނީ 30،000ރ. ކަނޑައަޅާފަ އެވެ.

ރާއްޖޭގެ ހެލްތް ސާވިސަސް ކޯޕަރޭޝަންތަކުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން ނާއި އޭޑީކޭ ހޮސްޕިޓަލާއި ސ. ހިތަދޫގައި ހުންނަ އައި އެމް ޑީ ސީ ހޮސްޕިޓަލުން އާސަންދަގެ ދަށުން ޚިދުމަތް ލިބޭނެ އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފާމަސީތަކާއި އޮޕްޓިކަލްސްތަކުން ވެސް ޚިދުމަތް ލިބޭނެ ކަމަށް މިއަދު އާސަންސަ އިން އާންމު ކުރި ލީފްލެޓްތަކުގައިވެ އެވެ.

އާސަންދަގެ ދަށުން ބޭސްފަރުވާ ކުރެވެނީ ހަމައެކަނި ރާއްޖެއަކުން ނޫނެވެ. އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގެ ބައެއް ހޮސްޕިޓަލުތަކުން އެ ނިޒާމުން ބޭސްކުރެވޭނެ ކަމަށް އާސަންދަގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. އެގޮތުން ޓްރިވެންޑްރަމުން އާސަންދަގެ ދަށުން ބޭސްފަރުވާކުރެވޭނެ ހޮސްޕިޓަލްތަކަކީ ކިމްސް އާއި ނިމްސް އާއި ލޯޑްސް ހޮސްޕިޓަލާއި އާނަންތަޕުރީ ހޮސްޕިޓަލާއި ކޮސްމޯ ޕޮލިޓަން ހޮސްޕިޓަލާއި ޗައިތޭނިޔާ އައި ހޮސްޕިޓަލާއި ރީޖަނަލް ކެންސާ ސެންޓަރު (އާރުސީސީ) އެވެ. އަދި ކޮޗިންގެ އަމްރީތާ އިންސްޓިޓިއުޓް އޮފް އޮންކޮލޮޖީން ފަރުވާ ހޯދޭ އިރު، ކޮލަމްބޯގެ ލަންކާ ހޮސްޕިޓަލްސް އާއި ނަވަލޯކާ ހޮސްޕިޓަލުންނާއި އާސިރީ ހޮސްޕިޓަލުން ފަރުވާ ހޯދޭނެ ކަމަށް އާސަންދަ އިން ބުނެފައިވެ އެވެ.

ރާއްޖެ އިން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ބޭރަށް ދާ ނަމަ ޓިކެޓަށް 15،000ރ. ވަނީ ކަނޑައަޅާފަ އެވެ.