07 May 2020, 17:53
މިއަދުގެ މިހާތަނަށް ރާއްޖެއިން ކޮވިޑް19 ގެ މުޅިން އާ 24 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު އަލަށް ފެނުނު ކޭސްތަކާ އެކު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 642 އަށް އަރައިފަ އެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއިި، ތިން ދިވެއްސެއްގެ އިތުރުން އިންޑިއާ މީހެކެވެ.
މީގެ ތެރޭގައި އެޗްޕީއޭއިން ކުރިއަށްގެންދާ އެކްޓިވް ސާވައިލެންސްގެ ތެރެއިން، ވަލްނަރަބަލް ގެތަކުން ނެގި ސާމްޕަލްތައް ވެސް ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 344 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ވައިރަހަށް ޕޮޒިޓިވްވި ދިވެހީންގެ އަދަދަކީ 216 އެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހެކު ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ބަންގްލަދޭޝް މީހާ މަރުވީ ސީދާ ބަލީގެ ސަބަބުން ނޫން ނަމަވެސް، ބައްޔަށް ޕޮޒިޓިވްވެފައި ވުމުން އޭނާގެ މަރުވެސް ގުނަނީ ކޮވިޑް-19 މަރެއްގެ ގޮތުގައެވެ.
ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް ވަނީ ފެނިފައެވެ. އެ ރަށްތައް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސް ކުރަމުންދާއިރު، އެއް ރަށުން އަނެއް ރަަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެެވެ.
ކުރިއަށް އޮތް ދެ ހަފްތާއަކީ ރާއްޖޭގައި ބަލީގެ ހާލަތު އެންމެ ގޯސްވާނެ ހަފްތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.