މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން އަރައިގަތުމަށްފަހު ދަތުރުތައް ފަށާއިރު މަތިންދާ ބޯޓުގެ މެދު ސީޓްތައް ހުހަށް ބާއްވަން އެއާލައިންތަކުން ދެކޮޅު ހަދައިފި އެެވެ.

ދުނިޔޭގެ އެއާލައިންތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)އިން ބޭނުންވަނީ މެދު ސީޓްތައް ހުހަށް ބެހެއްޓުމުގެ ބަދަލުގައި ކްރޫއާއި ފަސިންޖަރުން މާސްކު އަޅައިގެން ތިބޭ ގޮތަށް ދަތުރުތައް ކުރިއަށް ގެންދާށެވެ.

އަޔާޓާާއިން ނެރުނު ބަޔާނުގައި ބުނީ ބޯޓުގައި ވައިރަސް ފެތުރުމުގެ ރިސްކް ކުޑަކަމަށާއި އަދި ކްރޫއިންނާއި ފަސެންޖަރުން މާސްކް އެޅުމުން އެ ރިސްކް އިތުރަށް ކުޑަވާނެ ކަމަށެވެ.

މެދު ސީޓްތައް ޕަސިންޖަރުންނަށް ނުދޭން ނިންމައިފިނަމަ އެއާލައިންތަކަށް ވިއްކޭ ޓިކެޓްތައްވެސް މަދުވެގެންދާނެ އެވެ. އެއާއެކު ފައިދާގެ ނިސްބަތއް ދަށްވެ އެއްވެސް ފްލައިޓެއް އޮޕަރޭޓްނުކުރެވޭ ހިސާބަށް ގޮސްދާނެކަމަށް ވަނީ ބުނެފަ އެވެ.

އޭގެ ބަދަލުގައި އެއާލައިންތަކަށް ވާ ގެއްލުން ފޫބައްދަން ކަސްޓަމަރުންގެ އަތުން ނަގާ ފީ ވަރަށް ބޮޑުވެގެން ދާނެކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ޓިކެޓެއްގެ އަގު 45 އަދި 54 ޕަސެންޓަށް ވުރެ ބޮޑުވެގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ބަލި ކޮންޓްރޯލް ކުރަން އަޔާޓާއިން މިހާރު ވަނީ އެހެން ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ކެބިންކްރޫއިންނާއި ފަސެންޖަރުންގެ ފިނިހޫނުމިން ބަލައި ސްކްރީންކޮށް ފްލައިޓް ތެރޭގައި މީހުންގެ "މޫވްމަންޓް'"ތައް މަދުކުރުން ހިމެނެ އެވެ. އޭގެ އިތުރުން ފްލައިޓް ޑިސްއިންފެކްޓްކުރުން އިތުރުކޮށް ފްލައިޓްގައި ކާބޯތަކެތި ފޯރުކޮށްދިނުން ދަށްކުރުންވެސް ހިމެނެ އެވެ. -- ސީއެންއެން