08 May 2020, 14:02
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންވެސް އެމެރިކާގެ އަސްކަރިއްޔާއަށް ރެކްރޫޓްކުރުން ހުއްޓާލަން ނިންމައިފިއެވެ.
އެމެރިކާގެ އަސްކަރީ ހިދުމަތަށް މީހުން ރެކްރޫޓްކުރުމުގައި އާ ގައިޑްލައިނެއް މިހާރު ވަނީ ނެރެފައެވެ.
އަސްކަރިއްޔާއަށް މީހުން ރެކްރޫޓްކުރުމަށް ޔޫއެސް މިލިޓަރީ އެންޓްރެންސް ޕްރޮސެސިން ކޮމާންޑުން އަލަށ ނެރުނު ގައިޑްލައިންއެއް ދާދި ފަހުން ވަނީ ލީކްވެފައެވެ. އެ މެމޯއަކީ އަސްލު އެއްޗެއްކަން ޕެންޓަގަންއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެއްވެސް އިރެއްގައި ކޮވިޑް ޖެހިފައި ހުރިކަމަށް މެޑިކަލްއާ ގުޅޭ އިންޓަވިއުގައި ބުނެފިނަމަ ނުވަތަ ރެކްރޫޓްކުރާއިރު ހަދާ ޓެސްޓްތަކުން ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ އުމުރަށް ޑިސްކޮލިފައިވާނެކަމަށް މެމޯގައި ބުނެފައިވެއެވެ.
ކޮރޮނާ ޖެހޭ މީހުން އުމުރަށް ޑިސްކޮލިފައި ކުރަން ނިންމީ ކީއްވެކަމެއް ޕެންޓަގަންއިން ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ކޮވިޑްއިން ފަސޭހަވުމަށް ފަހުވެސް ފުއްޕާމޭ ކުރިން މަަސައްކަތްކުރާ ވަރަށް މަސައްކަތެއް ނުކުރެއެވެ. ނަަމަވެސް އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާ ކޮށްފައިނުވާތީ އެކަމުގައި ކިހާ ބުރަދަނެއް ހުރިކަމެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.
އެމެރިކާއަކީ މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ކޮރޯނާ ފެތުރެމުންދާ ގައުމެވެ. އެގައުމުގެ 1.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 74،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މައުލޫމާތު: އާރުޓީ