ޓޫރިސްޓް ރިޒޯޓްތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާ ބެހޭ ގަވާއިދުގެ އަށް ވަނަ މާއްދާ ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އެ ގަވާއިދުގެ އަށް ވަނަ މާއްދާ ހައިކޯޓުން މިއަދު ބާތިލް ކޮށްފައި ވަނީ ށ. ފީވައް، ހުސްނުހީނާގޭ އިބްރާހިމް ޒަހީން އަލީ ހުށަހެޅި ދުސްތޫރީ މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.

އެ ގަވާއިދުގެ އަށް ވަނަ މާއްދާގައި ވަނީ އެ ގަވާއިދުގެ ދަށުން ޓޫރިސްޓް ރިސޯޓް ހެދުމަށް ކުއްޔަށް ދީފައިވާ ރަށެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކޮށްދެވޭނީ ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނެފައިވާ ފީ ޓުއަރިޒަމާ ބެހޭ މިނިސްޓްރީ އަށް ދެއްކުމުން ކަމަށެވެ.

އެ މާއްދާ އަށް އަމަލުކުރުމުގައި ޓޫރިޒަމް މިނިސްޓްރީން ގެންގުޅޭ އުސޫލަކީ އިތުރު ކުރާ މުއްދަތުގެ ހުރިހާ އަހަރަކަށް ޖެހޭ ފީ އެއްފަހަރާ އެ މިނިސްޓްރީ އަށް ދެއްކުމުން ނޫނީ މުއްދަތު އިތުރު ކޮށް ނުދެއްވުމެވެ.

އެ މާއްދާ ބާތިލް ކުރުމަށް ފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކުލީގެ މުއްދަތު އިތުރުކުރާ ރަށްރަށާއި ބިންބިމަށް އެ ގާނޫނުގައި ބުނާ ފީ ދައްކަން ޖެހޭނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާގެ (ރ)ގައި ބުނެފައިވާ ފަދައިން އަހަރަށް ދައްކަން ޖެހޭ ފީ އެ އަހަރަކު ދައްކާ ގޮތަށެވެ.

ޒަހީންގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކޯޓުން މިގޮތަށް ހުކުމް ކުރުމުން އެ މާއްދާ ބާތިލްވީ ކަމަށާއި، ދައުލަތުން މި ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅިއަސް ސުޕްރީމް ކޯޓުން މި ހުކުމް ބާތިލް ކޮށް ހުކުމް ނުކުރަނީސް އެ މާއްދާ އަށް އަމަލު ނުކުރެވޭނެ ކަމަށެވެ.