މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ބޮލީވުޑްއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއްވާނެކަމަށް އިންޑަސްޓްރީ އެކްސްޕާޓުން ބުނެފި އެވެ.

ކޮރޯނާއާއެކު ބޮލީވުޑްވެސް ހުއްޓުމަކަށް އައި ނަަމަވެސް މީގެ ކުރިން މި ދުވަސްވަރަކީ ބޮލީވުޑަށް ވަރަށް ބިޒީ ދުވަސްވަރެކެވެ.

ކޮރޯނާއާއެކު އިންޑިއާގެ ފިލްމް ތިއޭޓަރުތައް ބަންދުކޮށްފައިވާއިރު ޕްރޮޑަކްޝަން ކުންފުނިތަކުން ވަނީ ޝޫޓިންތައްވެސް މެދުކަނޑާލައިފައެވެ. އަދި މި ސީޒަންގައި އަޅުވަން ނިންމާފައި އޮތް ބޮޑު ދެ ފިލްމްވެސް ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި ކްރިކެޓްއާ ގުޅޭ "ބައޯޕިކް" ފިލްމް "83" އާއި "ސޫރިވަޔަންޝީ" ހިމެނެ އެވެ.

އެ ފިލްމްތައް އަޅުވާނެ ދުވަހެއް ޕްރޮޑިއުސަރުން ހާމައެއް ނުކުރެއެވެ.

އިންޑިއާގެ ފިލްމް ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ކޯމަލް ނަހާޓާ ވިދާޅުވީ ފިލްމުތައް ނޭޅުވުމުން 300 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ފިލްމް އިންޑަސްޓްރީއެއް އޮންނަނީ އިންޑިއާގައެވެ. އެގައުމުގައި 2018 ވަނަ އަހަރު އެކަނިވެސް 1800 ފިލްމް އުފެއްދިއެވެ.

އިންޑިއާގައި މިދިޔަ އަހަރު އެކަނިވެސް ފިލްމް އަޅުވައިގެން 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ ބަލާއިރު 12 ޕަސެންޓް ކުރިއެރުމެކެވެ.

އިންޑިއާގެ ފިލްމްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ހޫނު ތަރުހީބު ލިބެއެވެ. ޝާހްރުކްހާން، އަކްޝޭ ކުމާރު އަދި ދީޕިކ ޕަޑުކޯން ފަދަ ފިލްމީ ތަރިންނަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ތަރިންނެވެ.

މިދިޔަ އަހަރު ނެރުނު ފިލްމް "ވޯ" އަށް އިންޑިއާއިން ބޭރުގައި އެކަނިވެސް 13 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ އެ ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން ތިން ބައިކުޅަ އެއްބައެވެ.

އިންޑިއާ މިހާުރުވެސް އޮތީ ލޮކްޑައުންގައެެވެ. ލޮކްޑައުން އުވާލިޔަސް ފިލްމްތައް ބަލަން މީހުން ދާނެކަމުގެ ޔަގީންކަމެއް ނެތެވެ.

ޗައިނާގައި މިހާރުވެސް މީހުން ގައިދުރުކޮށް ތިބޭ ގޮތަށް ސިނަމާތަކަށް ވަނަ ދޭން ވަނީ ފަށައިފައެވެ.

" ގައިދުރުކޮށް ތިބޭ ގޮތަށް ފިލްމް އެޅުވުން ގިނަ ސީޓުތައް ހުންނާނީ ހުހަށް. ބޮޑެތި ބަޖެޓުތަކުގެ ފިލްމްތަކަށް އޭގެން ވާނީ ގެއްލުން" ފިލްމް ކްރިޓެކްއެއް ކަަމަށްވާ ސުބްރާ ގުޕްތާ ބުންޏެވެ. -- ސީއެންއެން