އޮމާންގެ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ވަކިކުރަން ނިންމައިފި އެވެ.

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި އޮމާންގެ ރައްޔިތުން އެ ވަޒީފާތަކަށް ނެރުމަށް އެގައުމުގެ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ.

މިއީ އޮމާންއިން މިހާރު ގެންގުޅޭ "އޮމަނައިޒޭޝަން" ޕޮލިސީގެ ދަށުން އެގައުމުގެ ރައްޔިތުންނަށް ވިހާވެސް ގިނަ ވަޒީފާގެ ފުރުސަތުތައް މަގުފަހިކޮށްދީ ރަނގަޅު ވަޒީފާތައް ލިބޭނެގޮތް ހެދުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

ކޮރޯނާ ވައިރަސް ފެތުރުމުގެ ސަބަބުންނާއި ތެލުގެ އަގު ވެއްޓުމުގެ ސަބަބުން މިއިން ޒަމާނަކުވެސް ކުރިމަތިނުވާވަރުގެ އިގްތިސާދީ ދަތިކަމާ އޮމާނަށް ވަނީ ކުރިމަތިވެފަ އެވެ.

އޮމާންގެ ޕްރައިވެޓް ކުންފުނިތަކުގައި މަސައްކަތްކުރާ އެގައުމުގެ ރައްޔިތުން ވަޒީފާއިން ވަކިނުކުރަންވެސް ދާދި ފަހުން ސަރުކާރުން ވަނީ އަންގައިފައެވެ. އަދި އޭގެ ބަދަލުގައި ބިދޭސީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްވެސް ދަނީ ބާރު އަޅަމުންނެވެ.

އޮމާންގައި މިހާރުވެސް ދެ މިލިއަނެއްހާ ބިދޭސީން މަސައްކަތް ކުރެއެވެ. އޭގެ ތެރޭޣައި އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝަން، ޖޯޑަން އަދި ފިލިޕިންސްފަދަ ގައުމުތަކުގެ މީހުން ހިމެނެއެވެ.

އޮމާނުން ކޮވިޑްގެ 3000 އެއްހާ ކޭސް ފެނިފައިވާއިރު 13 މީހުން ވަނީ މަރުވެފަ އެވެ.

ކޮރޯނާއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ގުޅިގެން އޮމާންގެ ސަރުކާރުން ވަނީ ހަރަދުތައް ކުޑަކުރަމުންނެވެ. -- އަލްޖަޒީރާ