07 May 2020, 15:17
ބޮޑުވަޒީރެއް އައްޔަނުނުކޮށް އޮންނަތާ ހަ މަސް ފަހުން އިރާގުގައި އާ ބޮޑުވަޒީރެއް އައްޔަނުކުރަން އެގައުމުގެ ޕާލަމަންޓުން ރުހުންދީފައެވެ.
މީގެ ކުރިން ދެފަހަރު ބޮޑުވަޒީރެއް އައްޔަނުކުރަން އުޅުމުންވެސް ޕާލަމަންޓުން ރުހުން ނުލިބި އައްޔަނުކުރެވޭ ގޮތް އޮތީ ނުވެފައެވެ.
މީގެ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވީ އާދިލް އަބްދުލްމަހުދީ މިދިޔަ އަހަރު ފަހުކޮޅު އިސްތިއުފާ ދެއްވީ އިރާގުގައި މުޒާހަރާތައް ހޫނުވެ ކުރިމަތިވި ޕްރެޝަރުތަކާ ގުޅިގެންނެވެ.
ބޮޑުވަޒީރުކަމަށް އައްޔަނުކުރަން ނިންމައިިފައިވަނީ މުސްތަފާ އަލް ކަދީމީއެވެ. އޭނާއަކީ އިރާގުގެ އިންޓެލިޖެންސް ޗީފްއެވެ. އެމަނިކުފާނަކީ ކުރިން ނޫސްވެރިއެއްވެސް މެއެެވެ.
ޕާލިމަންޓްގެ ވޯޓަށްފަހު ކަދީމީ ވިދާޅުވީ އިރާގުން މިހާރު އޮތީ ވަރަށް ނާޒުކު ދަނޑިވަޅެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން އެގައުމުގެ ސިއްހީ ދާއިރާއާއި ސެކިއުރިޓީއާއި އިޖުތިމާއީ ގޮތުންވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މިދުވަސްވަރު ކޮރޯނާ ވައިރަސް ފެތުރެމުންދިއުމާއެކު ތެލުގެ އަގު މިއިން ޒަމާނަކު ނުދާ މިންވަރަށް ވަނީ ވެއްޓިފައެވެ.
ކަދީމީއާއެކު އިރާގުގެ އިންޓީރިއާ، ޑިފެންސް، ފިނޭންސް އަދި އިލެކްޓްރިސިޓީގެ މިނިސްޓަރުކަމުގެ މަގާމަށް ނަން ހުށަހެޅުއްވި ބޭފުޅުންނަށްވެސް ޕާލިމަންޓްގެ ރުހުން ވަނީ ލިބިފައެވެ.
ކަދީމީއަކީ އެމެރިކާ އަދި އީރާނުގެ ރުހުންވެސް ލިބިފައިވާ ބޭފުޅެކެވެ. އެ ދެ ގައުމަކީވެސް އިރާގުގެ މައްޗަށް ނުފޫޒު ފޯރުވާކަމަށް އަބަދުވެސް އަޑުތައް ފެތުރިފައިވާ ދެ ގައުމެެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯވަނީ ކަދީމީ އަށް ގުޅުއްވައި މަރުހަބާވެސް ދަންނަވައިފައެވެ.
މައުލޫމާތު: އަލްޖަޒީރާ