07 May 2020, 14:28
ދިއްލީ (މެއި 7): އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ކެމިކަލް ފެކްޓަރީއަކުން ރޭ ދަންވަރު ގޭސް ލީކުވެ، އޭގެ ސަބަބުން ނުވަ މީހަކު މަރުވެއްޖެ އެވެ.
އަންދުރަ ޕްރަދޭޝްގެ ވިޝާކަޕަޓްނަމްގައި ހުންނަ ޕްލާސްޓިކް އުފައްދާ އެލްޖީ ޕޮލިމާސް ފެކްޓަރީން ގޭސް ލީކުވީ އެގައުމުގެ ލޮކްޑައުންގެ ސަބަބުން ފެކްޓަރީ ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވަން އުޅުމުގެ ތެރޭގައި ކަމަށް އެ ސިޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ވިޝާކަޕަޓްނަމްގެ އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް ސުވަރުޕާ ރަނީ ވިދާޅުވި ގޮތުގައި އެ ހާދިސާގައި ނުވަ މީހަކު މަރުވެ، 400 ވަރަކަށް މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ. އަދި ފެކްޓަރީއާ ކައިރިން 1،500 މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.
އިންޑިއާގެ ޓީވީތަކުން ވަނީ ފެކްޓަރީ ކައިރީގައި ދިރިއުޅޭ މީހުން އެސަރަހައްދުން ދާން އުޅުމުގެ ތެރޭގައި ހޭނެތިގެން މަގުމައްޗަށް ވެއްޓިފައިވާ މަންޒަރު ދައްކާފަ އެވެ. އަދި ފެކްޓަރީއާ 1.8 މޭލުގެ ސަރަހައްދެއްގައި ދިރިއުޅޭ 1،000 ވަރަކަށް މީހުން ވަނީ ނޭވާލާން އުނދަގޫވުމާއި ލޮލުން ދިލަ ނަގާ ގޮތްވާ ކަމުގެ ޝަކުވާކޮށްފައި ކަމަށް ސިޓީގެ އެޑްމިނިސްޓްރޭޓަރަކު ވިދާޅުވި އެވެ.
ދެކުނު ކޮރެއާގެ އެލްޖީ ކެމިކަލް ކުންފުނިން ވަނީ އިންޑިއާގައި ގޭސް ލީކުވި އެކުންފުނީގެ ފެކްޓަރީން މިހާރު ގޭސް ލީކުވުން ހުއްޓިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ހާދިސާ ހިނގި ގޮތް ތަހުގީގުކޮށް، އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ލިބެމުންދާ ކަން ޔަގީން ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެ ފެކްޓަރީން ލީކުވެފައި ވަނީ ޓޭންކުތަކުގައި ރައްކާކޮށްފައި ހުރި ސްޓްއިރިން ގޭހެވެ. އަދި އެ ގޭސް ހަށިގަނޑަށް ވާސިލުވުމުން ބޯއެނބުރުމާއި މޭނުބައިކުރާ ގޮތްވެދާނެ ކަމަށް އެލްޖީ ކެމްއިން ނެރުނު ބަޔާނުގައިވެ އެވެ.
އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މިދިޔަ މާޗް 25ގައި އިއުލާން ކުރި ލޮކްޑައުން ވަނީ މިމަހުގެ 17އާ ހަމަޔަށް އިތުރުކޮށްފަ އެވެ. ނަމަވެސް ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަ ސަރަހައްދުތަކުގައި މިހާރު ވަނީ ފިޔަވަޅުތައް ލުއިކޮށް، ބައެއް ވިޔަފާރިތައް ހުޅުވާލާފަ އެވެ.